ޢިބްރަތްތެރި ވާހަކަ: ފަރުވާ ކުޑަކުރެވުމުން ނުހަނު ލޯބިވާ އަނބިމީހާ ގެއްލުމުގެ ތުންފަތްމަތީގައި ވަނިކޮށް އެކަން އެނގި ކަންކަން އިޞްލާޙްކުރުމުން ކައިވެނި ސަލާމަތްކުރެވުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ޢިބްރަތްތެރި ވާހަކަ: ފަރުވާ ކުޑަކުރެވުމުން ނުހަނު ލޯބިވާ އަނބިމީހާ ގެއްލުމުގެ ތުންފަތްމަތީގައި ވަނިކޮށް އެކަން އެނގި ކަންކަން އިޞްލާޙްކުރުމުން ކައިވެނި ސަލާމަތްކުރެވުނު ގޮތުގެ ވާހަކަ-

ކަންކަން ތިމާ ނުއެދޭ ގޮތަށް ދިއުމުން އަނެކާ ކުށްވެރިކުރުމަކީ ކުރަން އެންމެ ފަސޭހަ ކަންތަކެވެ. ކުރަން އެންމެ އުދަގޫވާ ކަމަކީ ތިމާގެ އަމއްލަ ކުށް ނުވަތަ ކުށްތައް ޤަބޫލުކުރުމެވެ. ހަމައެފަދައިން ދިރިއުޅުމުގައިވެސް އަދި އެހެން ކަންކަމުގައިވެސް އެންމެ ބޮޑެތި ދެރަތައް ލިބެނީ ކުރެވޭ ކުށްތައް ޤަބޫލުނުކުރެވުމުންނެވެ. ކުށެއް ކުރެވުމުން އެކަން ޤަބޫލުކުރުމަކީ ހީވެސް ނުކުރެވޭވަރުގެ ބޮޑެތި ފައިދާތައް ޙާޞިލްކުރެވޭ ކަމެކެވެ.  

ޚާއްޞަކޮށް ޒަވާޖީ ޙަޔާތުގެ އުފާވެރިކަން އެންމެ ބޮޑަށް ލިބޭ ސަބަބަކަށްވެގެންދަނީ ތިމާއަށް ކުރެވޭ ކުށްތައް ޤަބޫލުކުރުމާއި މާފަށް އެދެންޖެހޭ ޙާލަތުގައި އެކަމަށް އަވަސްވެގަތުމާއި އަދި ޢަމަލުތައް އިޞްލާޙްކުރުމެވެ. ތިރީގައިވާ ވާހަކައަކީވެސް އެކަން ވަރަށް ރަނގަޅަށް އެނގިގެންދާ ވާހަކައެކެވެ. ވިދާޅުވެލައްވާށެވެ!

އަޅުގަނޑުމެންގެ ކއިވެންޏަށް 5 އަހަރުފުރެން ދާދި ގާތްވެފައިވެފައި ވަނިކޮށް އަނބިމީހާގެ ފޯނުން އެނގުނީ އޭނާގެ ލޯބިވެރިއަކު ހުންނަކެމެވެ. އަދި ޗެޓް ލޮގް ރަނގަޅަށް ކިޔައިލިއިރު ކަމަކުދާކަށް ނެތެވެ. މިހިރީ ހައްތާވެސް އަޅުގަނޑުގެ މައްސަލަތަކެވެ.  

އެކުގައި ވަގުތު ހޭދަނުކުރެވޭ ކަމެވެ. ދަރިފުޅާއި އަޅައިނުލެވޭ ކަމެވެ. ގޭތެރޭގެ މަސައްކަތުގައި އެހީތެރިނުވެވޭކަމެވެ. ބަލިވުމުން ޑޮކްޓަރަށް ދެއްކުމުގައިވެސް އިހްމާލްވާކަމެވެ. އަދި މިސަބަބުތަކަށްޓަކައި އަނބިމީހާ އަޅުގަނޑު ގާތުން ވަރިވާން ނިންމާފައިވާ ވާހަކައެވެ. އަދި ދެމީހުން ބައްދަލުކުރާނީ ވަރިވުމަށްފަހުގައިކަމަށްވެސް ބުނެފައިވެއެވެ. ވީމާ ދެމީހުންގެ މެދުގައި އަދި ވާހަކަ ދެއްކުން ނޫން ގުޅުމެއް ހިނގާފައިނުވާކަންވެސް އެނގުނެވެ.  

އަޅުގަނޑަށް ފޯނުން މެސެޖްތައް ފެނުނުކަމަކަށް ނުހަދަމެވެ. އަނބިމީހާ ޝަކުވާކޮށްފައި ހުރި ހުރިހާ ކަންކަން ވަގުތުން ރަނގަޅުކުރީމެވެ. އެއީ ދުވަހަކުވެސް އަނބިމީހާ އާއި ވަކިވާން ބޭނުން ނުވާތީއެވެ. އަނބިމީހާދެކެ ވަރަށް ބޮޑަށް ލޯބިވާތީއެވެ. އަދި އެކަންކަމުގައި އަޅުގަނޑަށް އިހްމާލްވެވުނީ އެއްވެސް ޙާލެއްގައި އަނބިމީހާ ދެކެ ލޯބިނުވާތީ ނުވަތަ ދެމީހުން ވަކިވުމުގެ ބޭނުމުގައެއް ނޫނެވެ.  

ހަމަ ދާދި ކުޑަދުވަސްކޮޅެއް ފަހެވެ. 5 ވަނަ އެންވައިސަރީ ފާހަގަކުރިރެއެވެ. އެރޭ އަނބިމީހާ ނުކުތީ ވަރަށް ރީތިވެ ނަލަހެދިގެންނެނެވެ. މިބުނީ ވަރަށް ރީތިކޮށް ހެދުންލައި ގަހަނާއަޅައި ޒީނަތްތެރިވެގެން ނުކުތްވާހަކައެވެ. އަދި އެރޭ އަހަރެން ބުނީމެވެ. "ޝާނީއެވެ! އަހަރެންނަށް ޝާނީއަށް ވަރަށް ބޮޑަށް އިހްމާލްވެވުނު ދުވަސްތަކެއް މާޒީވެ ހިނގައްޖެއެވެ. އެކަން ޤަބޫލުކުރަމެވެ. އިރާދަކުރެއްވިއްޔާ ދެން އެހެންނަކުން ނުވާނެއެވެ. މިއީ 5 ވަނަ އެންވައިސަރީ ނަމަވެސް މިއީ މުޅިން އައު ފެށުމެކެވެ." 

އެއިގެ ފަހުން ދުވަސްތައް މާޒީވަމުން އައިސް މިހާރު މިވަނީ ކައިވެންޏަށް 10 އަހަރު ފުރިފައެވެ. ދިރިއުޅެމުން މިދަނީ ވަރަށް އުފަލުގައެވެ. ވަރަށް ލޯބިންނެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އަނބިމީހާ ގޯޅިއަޅައިގެންދާނަމަ އެކަމުގައި ތިމާގެ އިހްމާލު އޮތް މިންވަރު ދެނެގަންނަންވާނެއެވެ. ފުރަތަމަ ކަމަކަށް އެކަންކުރާށެވެ. ވެވޭ އިހްމާލުތައް އިޞްލާޙްކުރާށެވެ. އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެއެވެ. ކައިވެނި ކާމިޔާބުކުރެވޭނެއެވެ.  

މިހެން ބުނި ނަމަވެސް ކިތަންމެ ރަނގަޅަކަށް ކަންތައްތައް ކޮށްދިން ނަމަވެސް ވީއްލިގެންދާނެ ބައަކުވެސް އުޅޭނެއެވެ. އެއީ ހަމައެކަނި އަންހެނުންގެ ތެރެއަކު ނޫނެވެ. ފިރިހެނުންގެ ތެރޭގައިވެސް ތިބޭނެއެވެ. މުހިންމު ކަމަކީ އެމީހާގެ ވާޖިބުތައް އެމީހަކު އަދާކުރުމެވެ.  

މިއީ އަޅުގަނޑުގެ ވިސްނުމެވެ. ހަމަގައިމުވެސް އަޅުގަނޑުގެ ކައިވެނި ކާމިޔާބުކުރެވުނީ އަޅުގަނޑުގެ ކިބައިގައިހުރި އުނިކަންކަން އަޅުގަނޑު ޤަބޫލުކޮށް އިޞްލާޙްކުރީތީއެވެ.  

- އަޙްމަދު ރަޝީދު / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން