ވިލިމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލާގުޅޭ ފީސިބިލިޓީ ސްޓަޑީއާއި ދިރާސާތައް ހެދުމަށް، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފިއެވެ.
ދިވެހިރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލީ ޒިންގްއެވެ.
މި އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ދިރާސާތައް ހެދުން ކުރިއަށް ދާނެކަމަށާ އެ މަރުހަލާގައި މަޝްރޫއުގެ ޓެކްނިކަލް ތަފްސީލުތައް ދެނެގަނެ، މަސައްކަތުގެ ޓެންޑާ މަރުހަލާއަށް ބޭނުންވާ ލިޔެލިޔުންތައް ތައްޔާރުކުރާނެ ކަމަށް މިނިސްޓްރީން މައުލޫމަތު ދެއެވެ. މީގެ އިތުރުން މި ދިރާސާތައް ކުރުމަށް ޗައިނާގެ ޚާއްސަ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
100 އެނދުގެ ހޮސްޕިޓަލެއް ވިލިމާލޭގައި ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޗައިނާއިން ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހިންގަވަން ނިންމެވި މަޝްރޫޢުއެކެވެ.