ރައީސްގެ ޚާއްޞަ މަންދޫބު, ރައީސީގެ ޖަނާޒާގައި ބައިވެރިވެ އެންމެ ފަހުގެ އިޙްތިރާމް އަދާކުރައްވައިފިއެވެ.
އީރާންގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީއާއި ޚާރިޖީ ވަޒީރު ޙުސައިން އާމިރު-ޢަބްދުއްލަހިޔާނަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރެއްވައި، އެ ދެ ބޭފުޅުން ފަސްދާނުލުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން،މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ޢުމަރު، ބައިވެރިވެވަޑައިގެންފިއެވެ.
ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުނު ހިތާމަވެރި ހާދިސާގައި އަވަހާރަވި އީރާނުގެ ރައީސް އިބްރާހީމް ރައީސީއާއި, އެ ހާދިސާގައި މަރުވި އެހެން ބޭފުޅުންގެ ޖަނާޒާ ބާއްވާފައި ވަނީ އެޤައުމުގެ ވެރިރަށް ޠަހްރާންގައެވެ. ކަށު ނަމާދު އިމާމުވެ ކުރައްވާފައި ވަނީ އީރާނުގެ ރޫޙާނީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަންއީއެވެ.
ހެލިކޮޕްޓަރު ވެއްޓުނު ހިތާމަވެރި ހާދިސާގައި ރައީސީގެ އިތުރުން އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުއްލުހައްޔާނީއާއި, އީސްޓް އަޒަރްބައިޖާން ޕުރޮވިންސުގެ ގަވަރުނަރު މާލިކު ރަޙްމަތީއާއި, ތަބްރީޛް ސިޓީގެ ހުކުރު ނަމާދާ ބެހޭ އިސްވެރިޔާ މުޙައްމަދު ޢަލީ އަލް-ހާޝިމް ވެސް އަވަހާރަވިއެވެ. އެ ބޭފުޅުން ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓިފައި ވަނީ މޫސުން ގޯސްވި ވަގުތެއްގައި ހެލިކޮޕްޓަރަށް މައްސަަލައެއް ދިމާވެ, ކުއްލި ގޮތަކަށް ބިމަށް ތިިރި ކުރަން އުޅުމުގެ ތެރޭގައި ކަމަށް ބެލެވެއެވެ.