މިދިޔަ އަހަރާއި އަޅާބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތައް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 13.2 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 12.7 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ %4 އިތުރުވުމެކެވެ.
ދައުލަތަށް ލިބިފައިވާ އާމްދަނީގެ އެންމެ ބޮޑުބައެއް މިއަހަރުގެ މި މުއްދަތުގައި ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އެއީ 10.9 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 9.7 ބިލިއަން ރުފިޔާއެވެ.
މި މުއްދަތުގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.1 ބިލިއަން ރުފިޔާއެވެ. މި މުއްދަތުގައި ދައުލަތައް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ އަދަދުވެސް މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރުކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކައެވެ. އެގޮތުން މިއަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ 91.4 މިލިއަން ރުފިޔާއެވެ. އަދި މިދިޔަ އަހަރު މި އަދަދު އުޅުނީ 57.7 މިލިއަނުގައެވެ.
މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ މިއަހަރުގެ މި މުއްދަތުގައި ދައުލަތުގެ ޙަރަދު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން މިއަހަރުގެ މި މުއްދަތުގައި ދައުލަތުގެ ޙަރަދު އުޅުނީ 14.9 ބިލިއަނުގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޙަރަދު އުޅުނީ 17.2 ބިލިއަނުގައެވެ.