ދިރާސީ އަހަރުގެ ފުރަތަމަ 3 ދުވަހު ދަންފަޅިތަށް ކުރުކުރަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުއްލަތީފް މުހައްމަދު ސޮއިކުރައްވައި ނެރުއްވި ސާކިއުލާއެއްގައިވާ ގޮތުން، މި ފެށޭ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭ ދުވަސް ކަމަށްވާ އާދީއްތަ ދުވަހުން އަންގާރަ ދުވަހުގެ ނިޔަލަށް ސްކޫލްތަކުގެ ދަންފަޅިތައް ދެ ގަޑިއިރަށް ނުވަތަ ތިން ގަޑިއިރަށް ކުރުކުރުމަށް ވަނީ ދަންނަވައިފައެވެ.
ކިޔަވައިދިނުމުގެ ވަގުތުތައް މަދުކުރުމަށްފަހު، ދަރިވަރުންގެ މެދުގައި އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ އާދަ އަށަގެންނެވުމާއި ދަރިވަރުންގެ ދުޅަހެޔޮ ކަމާއި ރައްކާތެރިކަމަށް އިސްކަން ދިނުމާއި ބުލީކުރުމާ ދެކޮޅަށް ސްކޫލުތަކުގައި އެ ދުވަސްވަރު ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ވަނީ އަންގާފައެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ މި މަހުގެ 26 ވާ އާދިއްތަ ދުވަހުއެވެ.