ޢިބްރަތްތެރި ވާހަކަ: ކައިވެންޏަށް ބާރަ އަހަރުވީއިރުވެސް އެންމެ ކޫރުމެއްވެސް ނޭޅޭ ކާމިޔާބު ކައިވެންޏެއްގެ މަތީގަ ހުރި ޒުވާނަކު އެކަން ކާމިޔާބުކުރި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ޢިބްރަތްތެރި ވާހަކަ: ކައިވެންޏަށް ބާރަ އަހަރުވީއިރުވެސް އެންމެ ކޫރުމެއްވެސް ނޭޅޭ ކާމިޔާބު ކައިވެންޏެއްގެ މަތީގަ ހުރި ޒުވާނަކު އެކަން ކާމިޔާބުކުރި ގޮތުގެ ވާހަކަ-

ކައިވެނީގެ ޙަޔާތް ނުވަތަ ޒަވާޖީ ޙަޔާތަކީ ކާމިޔާބު ދުވަސްތަކަކަށް ހެދުމަށް އެކިމީހުން މަސައްކަތްކުރަނީ އެކި ގޮތަށެވެ. ދީނީ ގޮތުން ބަަލްނހުރި ކަންކަމުގެ ވާހަކަ މިވަޤުތަކު ނުދައްކަމެވެ. މިދައްކަނީ ދުނިޔަވީ ގޮތުންނެވެ. ދުނިޔަވީ ގޮތުން އެކިމީހުންނަށް ޒަވާޖީ ޙަޔާތް ކާމިޔާބުކުރެވެނީ އެކިގޮތުންނެވެ. 

ތިރީގައިވާ ވާހަކައަކީވެސް ހަމަ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ހަމަ އެންމެ ކަމެއް ފާހަގަކޮށްލާނަމެވެ. އެކަމަކީ އުފާވެރި ޒަވާޖީ ޙަޔާތެއް ހޯދަން ބޭނުންނަމަ ބައިވެރިޔާގެ ބޭޜރުފުށުގެ ރީތިކަމުގެ އެއްވެސް ބޭނުމެއް ނެތްކަން މިވާހަކައިން ވަރަށް ރަނގަޅަށް އެނގެންދެއެވެ.  

އެކުގައި އުޅުނު އެންމެންވެސް ކައިވެނިކޮށް ނިންމައިފިއެވެ. ލޯބީގެ ބޮޑެތި ހަނގުރާމަތަކަށްފަހުގައެވެ. އެއްބައަކު ހަނގުރާމަ އެމީހުން ބޭނުންވި ގޮތަށް ކާމިޔާބު ކުރެވުނެވެ. އަނެއް ބައަކު ލޯބިވެރިޔާ ބަދަލުވެސްކުރިއެވެ. ބައެއް އެކުވެރިން އެތައް ފަހަރަކުވެސް ބަދަލުކުރިއެވެ. އެފަދަ ހަނގުރާމައެއް ނުވެސްފަށައި އަޅުގަނޑު ހުރީ ކުޅިބަލާށެވެ.  

އަޅުގަނޑުމެންގެ ގްރޫޕުގައި 10 ވަރަކަށް އެކުވެރިން ތިބެއެވެ. ވީމާ 9 މީހުން ކައިވެނިކުރީއެވެ. ބާކީހުރީ އަޅުގަނޑު އެކަންޏެވެ. އެކުވެރިން ކައިވެނިކޮށްގެން އުފަލުގައި އުޅޭތަން ފެނުމުން އަޅުގަނޑުވެސް ދަހިވާން ފަށައިފިއެވެ. ކައިވެނިކުރަން ބޭނުންވެއްޖެއެވެ. ނަމަވެސް ބައިވެރިއަކު ހޯދަން އަޅުގަނޑު ޤަޞްދުކުރީ ލޯބީގެ ހަނގުރާމައަކާއި ނުލައެވެ.  

އަޅުގަނޑުގެ އެއް އެކުވެރިއެއްގެ އަންހެން ކޮއްކޮއަކު އިނދެއެވެ. އޭނާއަކީ ބަލައިލަން އެހާ ރީތިކުއްޖެއް ނޫނެވެ. ނަމަވެސް އަޚްލާޤް ރަނގަޅު ތަޤްވާވެރި ކިޔަމަންތެރި ކުއްޖެކެވެ. އަޅުގަނޑު ޤަޞްދުކުރީ އޭނާ އާއި ކައިވެނިކުރާށެވެ. އެވާހަކަ އޭނާގެ ގާތު ބުނުމުން ފުރަތަމަވެސް ދައްކަންފެށީ އޭނާ އެހައި ސިފަ ރީތިނޫން ވާހަކައެވެ. އަޅުގަނޑު ބުނީމެވެ. "އަހަރެންނަށް ތިބާގެ ސިފަ ފެންނަތާ 8 އަހަރުވެއްޖެއެވެ. ވީމާ އިތުރަށް ކިޔައިދޭންޖެހޭ ކަމެއް ނެތެވެ."

ކޮންމެއަކަސް އޭނާ އެއްބަސްވުމުން ވަގުތުން ކައިވެނިކުރީއެވެ. ލޯބީގެ އެއްވެސް ކުޅިގަނޑެއް ހިންގުން ނުވަތަ ލޯބީގެ ހަނގުރާމައެއްވެސް ކުރުމެއް ނެތިއެވެ. ދެން މިދަންނަވަނީ އަޅުގަނޑުގެ ތަޖުރިބާއެވެ.  

ދަންނަވަންތޯއެވެ! މިއީ 14 އަހަރުފަހެވެ. ހުރިހާ ގޮތަކުންވެސް އެންމެ ކާމިޔާބު ކައިވެންޏަކީ އަހަރެމެންގެ ކައިވެންޏެވެ. އެއްވެސް ކޫރުމެއް ކިލަނބުކަމެއް ނެތެވެ. ހަމަ ސާފު ކިރުފޮދެއްފަދައެވެ. އަދިވެސް ދަންނަވަންތޯއެވެ؟ އަޅުގަނޑުގެ އަނބިމީހާ މިހާރު ފެނުމުން ސިފަ ހުތުރުކަމަކަށްވެސް ނުބުނާނެއެވެ. ދިރިއުޅުމުގައި ލިބުނު ހިތްހަމަޖެހުމާއިއެކު ބޭރުފުށުގެ ސިފަވެސް މާރީތިވެއްޖެއެވެ.  

މިއީ އަޅުގަނޑުގެ ތަޖުރިބާއެވެ. އަޅުގަނޑުގެ ތަޖުރިބާ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްމިލަނީ ފަހަރެއްގައި ކިޔުންތެރިންނަށް ފައިދާއެއް ކޮށްފާނެ ކަމަށެވެ. ނިންމާލަމުންވެސް ބުނާނީ ޙަޔާތަށް ބައިވެރިއަކު ހޮވުމުގައި އަޅުގަނޑުގެ ނިންމުން ހަމަ 100 އިންސައްތަ ކާމިޔާބުކަމަށެވެ.  

މިހެން މިދަންނަވަނީ އެކުވެރިންގެ މައްސަލަތަކަށް ބެލުމަށްފަހުގައެވެ. އެމީހުންގެ ވާހަކަ ދައްކާކަށް ނެތީމެވެ. ނަމަވެސް ކޫރުންތަކެއް ނެތް އެކަކުވެސް ނެތެވެ. ބައެއް އެކުވެރިން ބައިވެރިޔާ ބަދަލުވެސްކޮށްފިއެވެ. އަޅުގަނޑުގެ އުފާވެރިކަން މިދަނީ ހަމަ ކުރިއަށެވެ. އިން ޝާ ﷲ  

- ޢަލީ ނަޞީރު / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން