ދިރުމެއް ނެތް ލޯތްބެއްގައި ދިރިއުޅެން މަސައްކަތް ނުކުރާށެވެ. އެއީ އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެއްވެސް އުފަލެއްވެސް ލިބޭނެ ގޮތެއް ނޫނެވެ.
ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެކުގައި ކައިބޮއިހަދަމުން އެއް ގެއެއްގައި އުޅެވޭނަމަ އެއީ ދިރިއުޅުމެއް ކަމަށެވެ. ޙަޤީޤަތުގައި އެއީއަކީ އަދި ދިރިއުޅުމެއް ނޫނެވެ. ދިރިއުޅުމަކަށްވާނީ އެކަކު އަނެކަކަށް އަޅާލައި ލޯބިދީގެން ދިރިއުޅެވޭނަމައެވެ. ދިރިއުޅުމަށް ދިރުން ލިބޭނީ އެކަންކަމުންނެވެ.
ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހުނަސް އެކަން ވީހާ އަވަހަކަށް ޙައްލުކޮށް ދިރިއުޅުމަށް ދިރުން ގެންނަޖެހޭނެއެވެ. އެކަން ނުކުރެވި ދެމީހުން އެކުގައި ދިރިއުޅެން މަސައްކަތްކުރިނަމަވެސް ލިބޭނެ އެއްވެސް އުފަލެއް ނުއޮންނާނެއެވެ. ދެމީހުން އެކުގައި ހޭދަކުރާ ކޮންމެ ދުވަހަކީވެސް ކޮންމެ ހިނދުކޮޅަކީވެސް އުފާވެރި އުންމީދުތަކާއިއެކު ކުރިއަށް ގެންދެވޭ ވަޤުތުކޮޅަކަށް ހަދަންވާނެއެވެ.
ގިނަ ފަހަރު މައްސަލަތައް ކުރިމަތިވަނީ ޖެހޭ ކުދިކުދި ކަންކަންވެސް ޙައްލުނުކޮށް އުޅޭތީއެވެ. ކިތަންމެ ބޮޑުކަމެއް ނަމަވެސް ކުޑަކަމެއް ނަމަވެސް ވަޤުތުން އެކަން ޙައްލުކުރަންވާނެއެވެ. ކުނި މޫނު ދައްކައިގެން، ނުވަތަ ދެފަރާތަށް މޫނުލައިގެން އުޅޭނަމަ އިތުރަށް ކަންކަން ދާނީ ގޯސްވަމުންނެވެ.
ދިރިއުޅުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއްކަމަކީ އުފާވެރި އުންމީދުތަކެވެ. އުފާވެރި އުންމީދުތައް ކުރެވޭނީ އުފަލުގައި ތިބެގެންނެވެ. އަބަދުވެސް މަސައްކަތްކުރަންވީ މިއަދަށްވުރެ މާދަމާ އުފާވެރިކުރުމަށެވެ. އެކަމަށް ބޭނުންވަނީ ހަމައެކަނި ފައިސާއެއް ނޫނެވެ. އަތުގައި ފައިސާނެތުމަކީ އުފާވެރިކަން ގެއްލެންވީ ސަބަބެއް ނޫނެވެ. އުފާވެރިކަން ޙާޞިލްކުރެވޭނީ ހިތުންނެވެ. ހިތަށް އުފާވެރިކަން ލިބޭނީ އެކަކު އަނެކަކު ދެކެ ލޯބިވާ އަދި އަޅައިލާ ވަރަކުންނެވެ.
ވީމާ ދިރިއުޅުމަށް ދިރުން ދީގެން ދިރިއުޅެން މަސައްކަތްކުރާށެވެ! މިބަޔާންކުރި ކަންކަމަށް ވިސްނާށެވެ! އެއިރުން އުފަލުގައި ދިރިއުޅެވޭނެއެވެ! އިން ޝާ ﷲ
- އަލަފް / މިއަދުނޫސް