ނަމޫނާ މައިދައިތައަކު ދަރިންނަށްދިން މި އަގުހުރި ނަޞޭޙަތަކީ ޒަވާޖީޙަޔާތުގަ ކޮންމެ ދެމަފިރިއަކުވެސް ޢިބްރަތް ލިބިގަންނަންޖެހޭ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 55ސ
ނަމޫނާ މައިދައިތައަކު ދަރިންނަށްދިން މި އަގުހުރި ނަޞޭޙަތަކީ ޒަވާޖީޙަޔާތުގަ ކޮންމެ ދެމަފިރިއަކުވެސް ޢިބްރަތް ލިބިގަންނަންޖެހޭ ފިލާވަޅެއް!

ހަމައެންމެ ވާހަކައެއް ބުނެލާނަމެވެ. މިޙާދިސާގައިވާ މައިދައިތައަކީ ތަޤްވާވެރިކަމުގައި ކުރިއަރައިހުރި އަންހެނަކަށްވުމުން އެގޮތަށް ދިމާވިނަމަވެސް ޢާންމުގޮތެއްގައި ކަންކަްނ ދިމާވާނީ އެހެން ގޮތަކަށެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ ކުށެއް ނުފެންނަހައި ހިނދަކު މަންމަ ޢާއި މައިދައިތަގެ ޙައްޤުވެސް އަދާކުރުމެވެ. އެއްވެސް ވަރަކަށް ތަފާތުކުރާނަމަ ގިނަ ފަހަރު މައްސަލަތައް ކުރިމަތިވާނެއެވެ. ވާހަކަވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އަޅުގަނޑު ކައިވެނިކުރުމުން ފިރިމީހާގެ ގެއަށް ދިރިއުޅުން ބަދަލުކުރަން ފިރިމީހާ ބޭނުންވިއެވެ. ނަމަވެސް މަންމަ ބޭނުންވީ މަންމަ ގާތުގައި ތިބުމަށެވެ. ފިރިމީހާ އެކަން ޤަބޫލުކުރިއެވެ. އެހެންކަމުން ދިރިއުޅެމުން އައީ މަންމަ ގާތުގައެވެ.  

ފިރިމީހާގެ ގެއަށް ގޮސް ފިރިމީހާގެ މަންމަ އާއި ބައްދަލުކޮށް ގުޅުން ބަދަހިކުރަން އެއްގޮތަކަށްވެސް މަންމަ ޤަބޫލެއް ނޫނެވެ. އަދި ފިރިމީހާގެ މަންމަ އަޅުގަނޑުމެންގެ ގެއަށް އައިސް އަޅުގަނޑުމެންނާއި ބައްދަލުކުރަންވެސް މަންމަ އެއްގޮތަކަށްވެސް ޤަބޫލެއް ނޫނެވެ. އެހެންކަމުން ދިރިއުޅެން ޖެހުނީ މައިދައިތަ އާއި އެއްވެސް ގުޅުމެއް ނެތިއެވެ.  

ފިރިމީހާ އަޅުގަނޑު ދެކެ ލޯބިވާވަރުން މަންމަ ބުނާ ކޮންމެ ވާހަކައެއް ޤަބޫލުކުރެއެވެ. އިންކާރެއް ނުކުރެއެވެ. ފުރަތަމަ ދަރިފުޅު ލިބުނީވެސް މަންމަ ގާތުގައި އުޅެނިކޮށެވެ. މައިދައިތަ އޭނާގެ ފުރަތަމަ ދަރިފުޅެ ދެކެލަން އަންނަން ވެސް މަންމަ ޤަބޫލު ނުވުމުން އޮތީ އެކަންވެސް ނުކުރެވިފައެވެ.  

މަންމަ ބުނަމުން އައީ މައިދައިތަ އަށް ދަރިފުޅު ފެނިއްޖެނަމަ އެސްފީނާލާނެ ކަމަށެވެ. ވީމާ ދަރިފުޅު ދައްކަންވެސް ނުވާނެ ކަމަށެވެ.  

އަޅުގަނޑު ދެވަނަ ދަރިފުޅަށް ބަލިވެއިނުމުން ދެމަފިރިންވެސް އެކަމަށް ވަރަށް އުފާވިއެވެ. ނަމަވެސް މަންމަ ބުނީ ދެވަނަ ދަރިއަކު ހޯދަން އަދި ނުވާކަމަށެވެ. ދަރިއަކު ހޯދުން ލަސްކުރުމަށެވެ. ސަބަބެއްކަމަށްބުނީ މިހާރުވެސް އަބަދުހެން ގޭތެރެއިން އިވެނި އަޅުގަނޑުގެ ދަރިފުޅު ރޯއަޑު ކަމަށެވެ. 

މަންމަގެ އެވާހަކަ ދެމަފިރިންނަކަށްވެސް ޤަބޫލެއް ނުކުރެވުނެވެ. ދަރިފުޅު ވައްޓާލަން އެއްބަހެއް ނުވެވުނެވެ. އެހިސާބުން މަންމަ ބުނީ ގެއިން ނުކުތުމަށެވެ. އަޅުގަނޑުމެން އިޚްތިޔާރުކުރީ ގެއިން ނުކުތުމެވެ.  

ފިރިމީހާ ބުނީ އޭނާގެ މަންމަ މާފުކުރާނެ ކަމަށެވެ. އަހަރެމެންނަށް މަރުޙަބާކިޔާނެ ކަމަށެވެ. އެހެންވެ އެގެއަށް ދިއައީއެވެ. ގެއަށް ގޮސް ފިރިމީހާ އޭނާގެ މަންމަ ގާތުގައި މިއައީ މަންމަ ގާތުގައި އުޅެންކަމަށް ބުނުމުން މަންމަ އިތުރު ސުވާލެއްވެސް ނުކުރެއެވެ. އަހަރެމެންގެ ދަރިފުޅު އުރާލައި ލޯބިކޮށްލިއެވެ. އަދި ހޫނު މަރުޙަބާއެއް ކިޔެވެ. 

ދެވަނަ ދަރިފުޅަށް ބަލިވެ އިނދެ އަޅުގަނޑަށް އުޅެންޖެހުނީ ވަރަށް ބަލިކޮށެވެ. އެނދުން ނުތެދުވެވޭ ދުވަސްތައް ވެސް ވަރަށް ގިނައެވެ. އެދުވަސްތަކުގައިވެސް މަންމަގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެއެވެ. ބޭނުންވާ ހުރިހާ ކަމެއް ކޮށްދެއެވެ. ދަރިފުޅުވެސް ބަލައިދެއެވެ.  

ދެވަނަ ދަރިފުޅު ލިބުމުންވެސް މަންމަގެ އެހީތެރިކަން ހަމަ އެހައިބޮޑެވެ. ފުރަތަމަ ދަރިފުޅު ލިބިގެން އަޅުގަނޑުގެ އަމިއްލަ މަންމަގެ ކިބައިން ލިބުނު އެހީތެރިކަމަށްވުރެ މާބޮޑަށް އެހީތެރިކަން ލިބުނެވެ. ދޮށީ ދަރިފުޅުގެ ހުރިހާ ކަންކަންހެން ބަލަހައްޓައިދިނީ އެމަންމައެވެ.  

ވިހައި ގަދަވެ އުޅެވޭވަރުވުމުން އެއްރޭ އަޅުގަނޑު އަމިއްލައަށް ހުރިހާ އެއްޗެއް ކައްކައި މަންމައަށް ޖާފަތެއް ދިނީމެވެ. މަންމައަށް އިންތިހާއަށް ޝުކުރު އަދާކުރީމެވެ. އަދި ކުރިން ކަންކަން ކުރެވުނު ގޮތާއިމެދު ނިހާޔަތަށް މާފަށްވެސް އެދުނީމެވެ.  

މަންމަގެ ޖަވާބު:  

"އަހަރެންގެ ހުރި ހަމައެކަނި ފުރާނައަކީ ތިއަ ދަރިފުޅެވެ. ކައިވެންޏަށްފަހު އެގޮތަށް ކަންކަން މެދުވެރިވެދާނެ ކަމަށް ކުރިންވެސް ހުރީ ވިސްނައިގެންނެވެ. ވީމާ އެއީ މާބޮޑު ކަމަކަށް ނުވިއެވެ. މިއީ އަހަރެންގެ ގެއެއް ނޫނެވެ. ދަރިފުޅުގެ ގެއެވެ. ވީމާ ދަރިފުޅުގެއަށް ދަރިފުޅު ކޮންމެވެސް ދުވަހަކުން އެނބުރި އަންނާނެކަން އެނގެއެވެ. ދުޢާކުރަމުން އައީ އަހަރެން ދުނިޔޭގައި އިންދައި އާދެވޭތޯއެވެ. އެކަން މިއޮތީ ހިންމަވައިދެއްވައިފައެވެ. އެދޭ ގޮތަށް ކަންކަން ހިންމަވައި ދެއްވެވުމުން އޮންނަން ވާނީ ޝުކުރުވެރިވުމާއި އުފާކުރުމެވެ. ޝަކުވާ ކުރުމެއް ނޫނެވެ. ތިއަ ދެ ދަރިންވެސް މިކަންކަން މިގޮތަށް ކުރަންވާނެއެވެ. އުފާވެރި ދިރިއުޅުމެއް ލިބޭނީ އެއިރުންނެވެ."  

މިއީ އަޅުގަނޑުވެސް އަޅުގަނޑުގެ ދަރިއަކާއިމެދު މިފަދަ މައްސަލައެއްގައި މިހާރުވެސް ހިތާމަކުރަމުންދާތީ އެކުވެރި އުޚުތަކު އަޅުގަނޑަށް ހިތްވަރުދޭން ފޮނުވި ވާހަކައެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަދި އެންމެންނަށްވެސް ބުނެލަން އޮތީ ކައިވެނި ކުރެވޭ ދެމީހުންނަކީ ދެމަންމައިންގެ ދަރިންނެވެ. ވީމާ ވަކި މަންއަކު ގޯސްވާނެކަމަށް ކުރިއާލައި ބަލައިގެން ނުވާނެއެވެ. ގޯސްކަމެއް ފެންނަންދެން ހަމަހަމަކުރަންވާނެއެވެ. ބޮޑަ ހެޔޮއެދޭނީވެސް ލޯބިވާނީވެސް ކޮން މަންމައެއްކަން ދެނެގަންނަންވާނީ މައިންގެ ޢަމަލުންނެވެ.  

ހަމައެއާއިއެކު މައިންނަށް ބުނެލަން ބޭނުމީ އަނެއް މަންމަ އާއި ފިތުނަ އުފައްދަން ހެޔޮނުވާނެއެވެ. އާޚިރުގައި ކަންކަން ނިމޭނީ ކިހިނަކުންކަން އެނގޭނީ ކިހިނަކުންހެއްޔެވެ؟ ބަލަންޖެހޭނީ ކޮން މަންމައަކަށްކަން އެއީ ނުއެނގޭނެ ކަންކަމެވެ. ތިމާ މަރުވެސްވެދާނެ ނޫންހެއްޔެވެ؟  

- ފާޠިމަތު ޝީރީން / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން