އުފާކުރަން އޭނާ ބޭނުންވާ ކަންކަން ދީނުގަ ހުއްދަނުކުރާތީ ދީނަށް ނުރުހުމުގެ ބަސް ބުނި ޒުވާނަކު ޢުމުރަށް ނުކުޅެދޭ މީހަކަށްވީ ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 31ސ
އުފާކުރަން އޭނާ ބޭނުންވާ ކަންކަން ދީނުގަ ހުއްދަނުކުރާތީ ދީނަށް ނުރުހުމުގެ ބަސް ބުނި ޒުވާނަކު ޢުމުރަށް ނުކުޅެދޭ މީހަކަށްވީ ގޮތުގެ ވާހަކަ-

އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަން ކުރަން ބޭނުންވެގެން ދީނަށް ކުޑައިމިސްބަސްބުނާ މީޙުންނަށް ކޯފާ ނުލައްވަވަނީ ކީއްވެތޯ؟ 

ކިޔުންތެރިޔާގެ ސުވާލަށް ބުނެލަން އޮތީ އެފަދަ ކަންކަންވެސް އަދި އެންމެ ނުބައި ކަންކަންވެސް ކުރާ މީހުން އެކަން ކުރުމުން ﷲ ތަޢާލާ ވަޤުތުން އެކަން ދެކެދެނެވޮޑިގެންވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެކަމުގެ ސަބަބަކީ ތައުބާވުމުގެ ފުރުޞަތު އޭނާއަށް ދެއްވެވުން ކަމުގައިވެސް ވެދާނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. 

ހަމައެއާއިއެކު ވަޤުތުން ކޯފާ ލައްވަވާފައިވެސް އެބަހުއްޓެވެ. އެކަން އިސްލާމީ ތާރީޚާއި ސިޔަރަތުން އަދި ޤުރްއާނުންވެސް އެނގެން އެބައޮތެވެ. ތިރީގައިވާ ލިޔުމުގައިވެސް ވަރަށް ޢިބްރަތްތެރި ވާހަކައެއް ހިމެނެއެވެ. ވިދާޅުވެލައްވާށެވެ!  

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ރައްކައުތެރިކަން ހޯދައިގެން ދުނިޔޭގައި އުޅޭނަމަ އެމީހާއަށް އެއްވެސް ދެރައެއް ނުލިބޭނެކަމަށެވެ. ކިތަންމެ ގިނައިން ނުބައި ޢަމަލުތައް ކުރިނަމަވެސް ސަލާމަތުން ހުރެވޭނެ ކަމަށެވެ. ނަމަވެސް އެއީ އެގޮތަށް އޮތް ކަމެއް ނޫނެވެ. ކޮންމެ ވަގުތަކުވެސް ކޮންމެ ފަދަ ބޮޑު މުޞީބާތެއްވެސް ކުރިމަތިކުރައްވަވައިފާނެއެވެ. 

މިކިޔައިދޭ ވާހަކަ އަޑުއަހާށެވެ! 

އިސްލާމް ދީނަކީ އުފާކުރުމުގެ ބޭނުމުގައިވެސް އަދި އެހެން ގޮތަކުން ބޭނުންވި ނަމަވެސް އެމީހަކު ކުރަން ބޭނުންހައި ކަމެއް ކުރަން ހުއްދަކުރާ ދީނެއް ނޫނެވެ. އިސްލާމް ދީނުގައި ހުއްދަވެގެންވަނީ އެކަމެއް ކުރަން ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަންކަމެވެ. ހުއްދަކުރައްވަވާފައިވާ ގޮތުގެމަތީން ކުރުމަށެވެ. 

ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަންކަމާއި ޙަރާމް ކުރެއްވެވި ކަންކަން ވަނީ މީގެ 1450 ވަރަކަށް އަހަރުކުރިން ކަނޑައަޅުއްވަވައި ނިންމަވައިފައެވެ. އިސްލާމް ދީން ފުރިހަމަކުރެއްވެވިކަން ބަޔާންކުރެއްވެވި ދުވަހުން ފެށިގެން އެކަންކަމަށް އެއްވެސް ބަދަލެއް ނުގެވޭނެއެވެ. 

ކިތަންމެ ގިނަ ބައަކު ކުރިނަމަވެސް ޙަރާމްކަމެއް އޮންނާނީ ހަމަ ޙަރާމްކަމެއްގެ ގޮތުގައެވެ. ކިތަންމެ މަދުބައަކު ކުރިނަމަވެސް ހުއްދަވާނީ ހަމަ ހުއްދަކުރެއްވެވި ކަންތައްތަކެވެ. 

މިސާލަކަށް ބުނާނަމަ ބަނގުރަލާއި މިޔުޒިކާއި ފާހިޝް ޢަމަލުތައް ކުރުން ފަދަ ކަންކަން މިއަދު މިވަނީ މުޅި ދުނިޔެއަށް ޢާންމުވެފައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ކަމަކަށް ނުހެދޭނެއެވެ. މިފަދަ ކަންކަން ކުރާ އެންމެންގެ ގުނަވަންތައް މިނިކާވަގު ނުކައިފާނެއެވެ. ނަމަވެސް މިކިޔައިދެނީ އުފާކުރަން ކުރަން ބޭނުންވާ ކަންކަން ނުކުރެވޭނަމަ އިސްލާމް ދީނަށް އުޅެން ބޭނުންނުވާކަމަށް ބުނި އިންޑިއާގެ ޒުވާނަކަށް ކަންކަން މެދުވެރިވި ގޮތުގެ ވާހަކައެވެ. 

މުމްބާއީގެ މުސްލިމް ސްކޫލެއްގެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދަން ކުރި ދަތުރެކެވެ. އެ ރޭ މަޑުކުރީ އުސް ފަރުބަދައެއްގައެވެ. ރޭގަނޑުގެ ކެއުމަށްފަހު ހޯލުގައި ތިބެ ދެ ޖިންސުގެ ދަރިވަރުން އުފާކޮށް މަޖާކުރަމުން ދަނިކޮށް މުދައްރިސަކު ދުރުވެ މުސްލިމުން ކޮންމެ ކަމެއްގައިވެސް ކަންކަން ކުރަންވާނީ އިސްލާމް ދީނުގައި އޮންނަ އިމުގެ ތެރެއިން ކަމަށް ބުނުވައި ނަޞޭޙަތް ދެއްވެވިއެވެ. އަދި ކައި ނިމިފައިވުމާއިއެކު އަވަހަށް ފަތިސް ނަމާދަށް ހޭލުމަށްޓަކައި ކޮޓަރިތަކަށް ގޮސް ނިދުމަށާއި ނިދުން ލަސްކުރާ ނަމަވެސް ރިވެތި އަޚްލާޤީ އިންތަކުގައި އަމަލުތައް ބެހެއްޓުމަށް ނަޞޭޙަތް ދެއްވެވިއެވެ. 

އެއީ އެތަނުގައި ލަވަޖަހައި އަޑުގަދަކޮށް ދެޖިންސުގެ ކުދިން އެކުގައި ނެށުން ފަދަ ކަންކަން ކުރަން ފެށުމުންނެވެ. ގިނައިރުވާނަމަ ކަންކަން އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އޮތުމުންނެވެ. 

މުދައްރިސް އެނބުރި ދުރުވުމުން މުދައްރިސުގެ ނަޞޭޙަތާއިމެދު ހިތްހަމަ ނުޖެހުނު ދަރިވަރަކު ބުނީ މަޖާ ނުކުރެވޭނަމަ ދުނިޔޭގައި އުޅުމުގެ ބޭނުމެއް ނެތް ކަމަށާއި މަޖާ ނުކުރެވޭނަމަ އިސްލާމް ދީނަށް އުޅެން ބޭނުން ނޫން ކަމަށެވެ. 

އެއަށްފަހު ކުޑަކޮށް ފިނިކޮށްލައިގެން އެބައަންނަން ކަމަށް ބުނެފައި ދަރިވަރު ހޯލުން ނުކުތީއެވެ. އެކަމަށް އެހެން ދަރިވަރުން އެއްވެސް ސަމާލުކަމެއްވެސް ނުދެއެވެ. އިރުކޮޅެއް ފަހުން އިވުނީ އެ ދަރިވަރު ރޮއިގަތް އަޑެވެ. އެޢާއިއެކު ކޮންމެވެސް ބިޔަ ޖަނަވާރެއް ގަސްތަކުގެ ތެރެއަށް ވަދެގަތް އަޑުވެސްއިވުނެވެ. 

އެހޮޓަލުގެ މީހުންނާއިއެކު ދަރިވަރުންތައް ބޭރަށް ނުކުމެ ބެލިއިރު ދަރިވަރު އޮތީ ބިންމައްޗަށް ވެއްޓިފައެވެ. ކަކުކުހުޅުން ތިރިއަށް ދެފައެއް ނެތެވެ. މިވީ ގޮތަކީ ދެފައި ބޭރަށް އެލުވާލައިގެން ތިރި ފާރެއްގެ މަތީގައި އިންދާ މިނިކާވަގެއް ނުވަތަ ސިންގާއެއް ފަދަ ޖަނަވާރެއް ނުކުމެ ދަތް އެޅީއެވެ. ދަތް އެޅީ ސިންގާއެއްކަމެއް މިނިކާވަގެއްކަންވެސް ދަރިވަރަކަށް ނުއެނގުނެވެ. 

ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ދިން ފަރުވާއިން ދަރިވަރު ވަނީ ސަލާމަތްކުރެވިފައެވެ. ނަމަވެސް މަޖާކުރާނެ ދެ ފައި ނެތް މީހެއްގެ ގޮތުގައެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ނިޞްބަތްކޮށް ނުވަތަ އިސްލާމް ދީނަށް ނިޞްބަތްކޮށް މިބާވަތުގެ ބަސްތައް ނުބުނާށެވެ. ބަހެއް ބުނާ ކޮންމެ މީހެއްގެ ދެފައި ޖަނަވާރަކު ކައިނުލައިފާނެއެވެ. ނަމަވެސް ތައުބާ ނުވި ނަމަ ކޮންމެވެސް ސިފައެއްގައި އެ ބަސްތައް އެމީހަކާއި ބައްދަލުކުރާނެއެވެ. އެއީ ޢާޚިރަތުގައި ކަމަސްވުމަކީ އެންމެ ހިތާމަ ހުރި ގޮތެވެ. 

ދުނިޔޭގައި ކަންކަން ހިނގަމުން މިދަނީ އެގޮތަށެވެ. އަދި އާޚިރަތުގައިވެސް ކަންކަން ހިނގާނީ ހަމަ މިގޮތަށްކަން އިސްލާމް ދީނުން އެނގެން އެބަ އޮތެވެ. ވީމާ ބިރުވެތިވާށެވެ! ދީނާއި ދެކޮޅަށް ގަދަ ބަސްތައް ނުބުނާށެވެ. ކަމެއް ދިމަވާނީ އެނގިގެނެއް ނޫނެވެ! 

ތިބާގެ ފައި މިނިކާވަގަކު ކައިނުލާފާނެއެވެ! ނަމަވެސް ދިމާވާ ކުޑަކުޑަކަމަކުން ފައިގެ ބޭނުން ނުހިފޭގޮތް މެދުވެރިވެއްޖެނަމަ އެވީކިހިނެއްހެއްޔެވެ؟ ހަމަ ފައި ގެއްލުނީ ނޫން ހެއްޔެވެ؟ މެދުވެރިވީ އެއްކަމެއް ނޫން ހެއްޔެވެ؟ ވީމާ ވިސްނައި ހޭލުންތެރިވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން