ކްލާސްތަކަށް ޙާޒިރުވެގެންނާއި އޮންލައިންކޮށް ކީރިތި ޤުރްއާނުގެ ޢިލްމް އުނގެނެން މަސައްކަތްކުރާ ދަރިވަރުންގެ ތެރޭގައި ގިނައީ އެކި ޢުމުރުގެ އަންހެނުންކަމާއި ފިރިހެނުން އިންތިހާއަށް މަދުކަން އަބަދުވެސް އަންނަނީ ފާހަގަކުރެވެމުންނެވެ. ކްލާސްތައް ހިންގާ ބައެއް މުދައްރިސުންގެ ފަރާތުން މަޢުލޫމާތުލިބޭ ގޮތުގައި ބައެއް ކްލާސްތަކުގައި ބައިވެރިވަނީ 1،2 ފިރިހެނުންނެވެ. އަދި އެންމެ ފިރިހެނަކު ބައިވެރިނުވާ ކްލާސްތައްވެސް ކުރިއަށް ގެންދެވޭކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.
މީގެ މާނައަކީ ހުރިހާ ފިރިހެނުންނަށް ތަޖްވީދުމަގުން ޤުރްއާން ކިޔަވަން އެނގުމެއް ނޫނެވެ. އަދި ޤުރްއާނުގެ ޢިލްމު ލިބިފައި ތިބުމެއްވެސް ނޫނެވެ. ހަމަ އެއާއިއެކު ކްލާސްތަކުގައި ގިން ޢަދަދެއްގެ އަންހެނުން ބައިވެރިވަމުން އެދަނީ އެމީހުންނަކީ މަސައްކަތެއް ނުކޮށް އަތްއުރާލައިގެން ތިބޭ ބއަކަށްވާތީއެއްވެސް ނޫނެވެ. ވަޒީފާ އަދާކުރާ މީހުންގެ ތެރޭގައިވެސް އަންހެނުން މަދެއް ނޫނެވެ. އަދި ވަޒީފާއެއް އަދާނުކުރިނަމަވެސް ގޭގައި ކުރަންޖެހޭ މަސައްކަތްތަކަށް ބެލިނަމަވެސް އަންހެނުން ކުރާ މަސައްކަތަކީ ލުއި މަސައްކަތެއް ނޫނެވެ.
ވީމާ މިއަދުގެ ޚުޠޫބާއިން ފިރިހެނުން ހިތްވަރު ލިބިގަންނަން އެބަޖެހެއެވެ. ތަޖްވީދުމަގުން ޤުރްއާން ކިޔަވަން ދަސްކުރުމަށާއި ޤުރްއާނުގެ ޢިލްމް އުނގެނެން މަސައްކަތްކުރަން އެބަޖެހެއެވެ. އެއީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް އޮތް އެންމެ ބޮޑު އެއް ވާޖިބެވެ.
މިއަދުގެ ޚުޠޫބާއިން:
ރަސޫލު ﷲ ﷺ އަށް، ﷲ سُبْحَانَهُ وَتَعَالَى އެ އެއްޗެއް އިތުރުކޮށްދެއްވުން އެދިވަޑައިގެން އެކަލާނގެއަށް ދުޢާ ދެންނެވުމަށް އަމުރު ކުރައްވާފައިވަނީ ހަމައެކަނި ޢިލްމުވެރިކަން އިތުރުކޮށްދެއްވުމަށެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. ---- މާނައީ "އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް علم އިތުރުކޮށްދެއްވާނދޭވެ!"
ޢިލްމު އުނގެނުމަށް ވަކި ޢުމުރެއް ނޯވެއެވެ. ވަކި ޖިންސެއް ނޯވެއެވެ. މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ޢިލްމު އުނގެނުމަށް ގަދައަޅައި މަސައްކަތް ކުރާން ޖެހެއެވެ. މާތް ﷲ ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ޢިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނެއެވެ. އެއީ، ސުވަރުގެއަށް ވާޞިލުކޮށްދޭނެ ކަމެކެވެ.
ޢިލްމުވެރިންނަކީ ނަބިއްޔުންގެ ވާރުތަވެރީންނެވެ. ނަބީބޭކަލުން ވާރުތަ ކުރެއްވީ ޢިލްމެވެ. ދުނިޔަވީ އެއްވެސް މާއްދީ މުދަލެއް އެ ބޭކަލުންގެ ކިބައިން ވާރުތައެއް ނުވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބުއްދަރުދާއުގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގެ މާނާގައި ވެއެވެ. "މީހަކު ޝަރުޢީ ޢިލްމު އުނގެނުމަށްޓަކައި މަގެއް އިޚްތިޔާރުކޮށްފިނަމަ ﷲ سُبْحَانَهُ وَتَعَالَى އެމީހަކަށްޓަކައި ސުވަރުގެއަށް މަގެއް ފަހި ކޮށްދެއްވައެވެ. ހަމަކަށަވަރުން، މަލާއިކަތް ބޭކަލުން ޢިލްމު އުނގެނޭ މީހާގެ ޢަމަލަށް ރުހިވަޑައިގެން އެ ބޭކަލުންގެ ފިޔަފުޅުތައް އޭނާއަށްޓަކައި ތިރިކޮށްލައްވައެވެ. އަދި ޢިލްމުވެރިޔާއަށް އުޑާއި ބިމުގައި ވާހައި ތަކެއްޗާއި، ކަނޑުގައިވާ މަސްމަހާމެއްސަށް ދާންދެން އިސްތިޣުފާރު ކުރެއެވެ. އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާގެ މާތްކަން ވާހުށީ ހުރިހާ ތަރިތަކުގެ މައްޗަށް ހަނދު މަތިވެރިވެގެންވާ ފަދައިންނެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރިޘުންނެވެ. ހަމަކަށަވަރުން ނަބީބޭކަލުން ދީނާރެއް އަދި ދިރުހަމެއް ވާރުތަ ނުކުރައްވައެވެ. ހަމަކަށަވަރުން އެބޭކަލުން ވާރުތަކުރެއްވީ ޢިލްމެވެ. ފަހެ އެ ޢިލްމު ޙާޞިލުކޮށްފިމީހާއީ ބޮޑުވެގެންވާ ނަސީބެއް ޙާޞިލުކޮށްފި މީހެކެވެ."
އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ސުވަރުގެއަށް ދިއުމަށް ޝައުޤުވެރިވާނެކަން ކަށަވަރެވެ! މާތް ﷲ ގެ ވަޖުހުފުޅަށްޓަކައި ޢިލްމު އުނގެނުމަށް މަސައްކަތް ކުރުމަކީ ސުވަރުގެއަށް ދިއުމަށް ކޮށޭނެ މަގެކެވެ.