ގްރީން ފަންޑަށް މާރޗް މަހު 113 މިލިއަން ރުފިޔާ ޖަމާވެފައިވާކަމަށް މާލީ ވުޒާރާއިން އާންމުކޮށްފައިވާ ގްރީން ފަންޑު ރިޕޯޓުންދައްކައިފިއެވެ.
ގްރީން ފަންޑު ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ މާރޗް މަހު ގްރީން ފަންޑަށް 113 މިލިއަން ރުފިޔާ ވަނީ ޖަމާވެފައެވެ. މީގެތެރެއިން އެންމެ ބޮޑު ބައެއް ލިބިފައިވަނީ ރިސޯޓްތަކުންނެވެ. އެއީ 102 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ގެސްޓްހައުސްތަކުންނެވެ. އެއީ 6.5 މިލިއަން ރުފިޔާއެވެ. މީގެއިތުރުން ހޮޓެލްތަކުން 2.5 މިލިއަން ރުފިޔާ، ސަފާރީ އުޅަނދުތަކުން 2.4 މިލިއަން ރުފިޔާ އަދި ހޯމްސްޓޭއިން 13،952 ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ގްރީން ޓެކުހަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.