ޢިބްރަތްތެރި ވާހަކަ: ލޯބިވާ މީހާ ސިއްރުކުރީމާ ދައްތައަށް ލަނޑުދީފަ ކޮއްކޮ މަޅީގަ ޖެއްސި މަކަރުވެރި ފިރިހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 48ސ
ޢިބްރަތްތެރި ވާހަކަ: ލޯބިވާ މީހާ ސިއްރުކުރީމާ ދައްތައަށް ލަނޑުދީފަ ކޮއްކޮ މަޅީގަ ޖެއްސި މަކަރުވެރި ފިރިހެނެއްގެ ވާހަކަ-

މިއީ މީގެ އަހަރުތަކެއް ކުރިއެއް ނޫނެވެ. ކައިވެނިނުކޮށް ލޯބިވެގެން އުޅުމަކީ ކިތަންމެ ބޮޑު ގޯސްކަމެއް ނަމަވެސް އެކަން ޢާންމުވެ ފެޝަނަކަށް މިވަނީ ބަދަލުވެފައެވެ. ވީމާ ކުރީ ޒަމާނުގައިހެން ލަދުން ލޯބިވެރިޔާ ސިއްރުކުރުމުގެ ބޭނުމެއް މިހާރަކު ނެތެވެ. 

ސިއްރުކުރުމުން އެކަމުގެ ނާޖާއިޒު ފައިދާ ނަގާ މީހުން ގިނަވާތީއެވެ. ރަޙިމުގެ ގުޅުން ކެނޑި ޢާއިލާތަކުގައި ބޮޑެތި މައްސަލަތައް ކުރިމަތިވަމުން އަންނާތީއެވެ. ތިރީގައި އެވަނީ މިވަނަ ޙާދިށާއެއްގެ ވާހަކައެވެ. ދެބެއިންގެ އަޚްލާޤް ރަނގަޅުވެފައި ގުޅުން ބަދަހިވެފައި އެކަކު އަނެކަކު ދެކެ ލޯބިވާތީ ކިރިޔާ ސަލާމަތްވެވުނީއެވެ. ވާހަކަވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ! 

އަޅުގަނޑުމެންގެ ތިބީ ހަމައެކަނި އަޅުގަނޑުމެން ދެބެއިންނެވެ.  އަޅުގަނޑަށްވުރެ 2 އަހަރު ދޮށީ ދައްތަ އާއި އަޅުގަނޑެވެ. ދެބެއިންގެ ކިޔެވުން ނިމި ވަޒީފާއަދާކުރަންފެށިތަނާހެން މަންމަ އާއި ބައްޕަވެސް ނިޔާވުމުން ގޭގައި ދިރިއުޅެމުން އައީ ދެބެއިން އެކަންޏެވެ. 

މިއީ ލަދުވެތިވެސް ވާހަކައެކެވެ. ނަމަވެސް މިޒަމާނުގައި މިފަދަ ކަންކަން ދިމާވުން މިވަނީ ގިނަވެފައެވެ. އެހެންކަމުން މިފަދަ ވާހަކަތައް ނުދައްކައި ތިބެގެންވެސް ވާން ނެތުމުން މިކިޔައިދެނީއެވެ. 

ދައްތަ މީހަކާއި ރައްޓެހިވިއެވެ. ނަމަވެސް އެކަން އޮތީ އަޅުގަނޑަށް ސިއްރުކޮށްފައެވެ. ކަމެއް ވެއްޖެކަން އެނގުނީ ދައްތަ ބަލިވެ އިނުމުންނެވެ. އެހިސާބުން ދައްތަ އޭނާގެ ވާހަކަ ކިޔައިދިނެވެ. އޭނާ މީހަކާއި ރައްޓެހިވިއެވެ. ލޯބީގެގޮތުން ގުޅިގެން އުޅުނެވެ. ބަލިވެ އިންކަން އެނގުމުން ލޯބިވެރިޔާ ފިލީއެވެ. 

ކޮންމެއަކަސް ވިހައި ގަދަވެ އާދައިގެ މަތިން ދިރިއުޅެމުންދަނިކޮށް އަޅުގަނޑަށް މީހަކު ދެކެ ލޯބިވެވުނެވެ. ދައްތައަށް އޭނާ ދައްކަން މަސައްކަތްކުރުމުން އެކަމަށް އޭނާ އެއްބަހެއް ނުވިއެވެ. ބުނީ ދައްތައަށް ފެންނާނީ ކައިވެނިކޮށްގެން ކަމަށެވެ. އެކަން އަޅުގަނޑުވެސް މާބޮޑު ކަމަކަށް ނުހަދަމެވެ. 

ކައިވެނިކުރަން ވަރަށް ކައިރިވެފައި ހުއްޓާ ހަމަ ނުހުރެވިގެން އެއްދުވަހަކު އޭނާގެ ފޮޓޯ ދައްތައަށް ދެއްކީމެވެ. ދައްތަ ދިއައީ ސިއްސައިގެންނެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. ދެތިން ދުވަސްފަހުން ބުނީ އެކުވެރި އަންހެނުންތަކަކާއިއެކު ރަށަކަށް ދަތުރަކުދާންއުޅޭ ވާހަކައެވެ. 

އެރަށަކަށް ދިއަތާ ހަފްތާއެއްވެސް ނުވަނީސް ގުޅާފައި ބުނީ އެރަށުގައި ދުވަސްކޮޅަކަށް މަޑުކޮށްލާނީ ކަމަށާއި ދައްތަ ދިރިއުޅުނު އެޕާޓްމަންޓް ކުއްޔަށް ދިނުމަށެވެ. އަދި ލިބޭ ފައިސާ ދައްތަގެ އެކައުންޓަށް ޖަމާކޮށްދިނުމަށެވެ. 

ވަރަށް ބޮޑަށް ވިސްނީމެވެ. އަޅުގަނޑުގެ ކައިވެންޏަށް މިހާ ގާތްވެފައިވަނިކޮށް ދައްތަ ފުރައިގެން އެދިއައީ ކީއްވެގެންބާވައެވެ. އަދި މާލެ ނާންނަން އެ ނިންމީ ކީއްވެގެންބާވައެވެ. ދެންވެސް ހީކުރެވުނީ އެރަށުން މީހަކާ ކައިވެނިކުރަން ނިންމައިގެން ދިއައީ ކަމަށެވެ. ނަމަވެސް ސުވާލަކީ ކުރިން ކަންކަން ސިއްރުކުރިނަމަވެސް އަބަދު ސިއްރުކުރަންވީ ކީއްވެގެން ހެއްޔެވެ؟ 

ކޮންމެއަކަސް އަޅުގަނޑު ކައިވެނިކުރީމެވެ. ކައިވެންޏަށް އަހަރުވީތަނާ ދަރިއަކު ލިބިއްޖެއެވެ. ދަރިފުޅަށް 2 އަހަރުވުމުން ދައްތަގާތު ނުބުނެ އެރަށަށް ދިއައީމެވެ. ދަތުރު ރޭވީ ފިރިމީހާވެސް އެކުގައިދާގޮތަށެވެ. ނަމަވެސް އެންމެފަހު ވަގުތު ބަހަނާ ދައްކާފައި ނުދިއައެވެ. އެހެންވެ ދާންޖެހުނީ އަޅުގަނޑު އެކަންޏެވެ. 

ރަށަށް ގޮސް މީހުން ގާތު އަހައިގެން ދިއައީ ދައްތަ އިންނަ ގެއަށެވެ. އެއީ ދައްތަ ކުއްޔަށް ހިފައިގެން އިންނަ ގެއެއްކަން އެނގުނީ ރަށުގެ މީހުންގެ ކިބައިންނެވެ. ކޮންމެއަކަސް ދައްތަ އަޅުގަނޑަށް މަރުޙަބާކިޔެވެ. 

ގެއަށް ވަންތަނާ ދައްތަގެ ދަރިފުޅު ފެނުމުން ދިއައީ ސިއްސައިގެންނެވެ. އަޅުގަނޑުގެ ދަރިފުޅާއި އެއްވެސް ތަފާތެއް ނެތުމުންނެވެ. އެހެންވެ ހުއްޓުން އަރާފައި އިރުކޮޅަކު ހުރެވުނެވެ. 

އެރޭ ކައިނިމިގެން ޖޯލިފަތީގައި ތިބެ ވާހަކަދައްކަމުން ދައްތައާއި ސުވާލުކުރީމެވެ. "ދައްތާއެވެ. ވީކަމެއް ނުވާކަމަކަށް ނުވާނެއެވެ. އަހަރެންނަށް ވަރަށް ތަފާތު ގޮތްތަކެއް އެބަވެއެވެ. ދައްތަ ދެންވެސް ތެދަށް ބުނެބަލާށެވެ. ދައްތަގެ ދަރިފުޅުގެ ބައްޕައަކީ ކާކުހެއްޔެވެ؟ ދައްތާއެވެ! މަންމަ ޢާއި ބައްޕައަށްޓަކައި އާދޭސްކޮށްފައި ބުނަމެވެ. ތެދަށް ބުނާށެވެ!" 

ވަރަށް ހިތްވަރުކޮށްގެން ދައްތައަށް ބުނެވުނީ "ކޮއްކޮގެ ދަރިފުޅުގެވެސް ބައްޕަ" ކަމަށެވެ. މާލެ ދޫކޮށްލީ އަޅުގަނޑުގެ ދިރިއުޅުމަށް ހުރަސްއެޅުނަ ނުދޭން ކަމަށެވެ. އެއީ އެއްގެއެއްގައި އުޅޭނަމަ ބޮޑެތި މައްސަލަތައް ކުރިމަތިވާނެތީ ކަމަށެވެ. 

ބުނާނެ އެއްޗެއްވެސް ނުއެނގި އިނދެފައި އަޅުގަނޑު ބުނީމެވެ. "ދައްތާއެވެ! ދައްތައަށްވުރެ މުހިންމު އެއްވެސް މީހަކު ނުހުންނާނެއެވެ. ކުޑަކޮށް އިޝާރާތެއް ކޮށްލިނަމަވެސް ކައިވެނި ނުކުރާނަމެވެ. މާލެދާން ހިނގާށެވެ! އޭނާގެ ކިބައިން ސަލާމަތްވެވޭނީ ދައްތަ ގާތުގައި ހުރެގެންނެވެ. ނޫންނަމަ އޭނާ ކޮންމެފަދަ ގޮތެއްވެސް ހަދައިފާނެއެވެ. ކޮންމެ ގޮތެއްވިޔަސް ދެން އޭނާއާއިއެކު ދިރިއުޅެން ބޭނުމެއް ނޫނެވެ. ނުއުޅޭނަމެވެ.!" 

ދައްތަގާތުގައި ހުރެފައި މާލެއައީ ދެބެއިން އެކުގައެވެ. އާދެވުނީ އިރުއޮއްސުނުފަހުންނެވެ. ޓެކްސީއެއްގައި ގެއަށްގޮސް ގެއަށްވަދެ ކޮޓަރި ހުޅުވިއިރު ފިރިމީހާ އޮތީ ހިލޭ އަންހެނަކާއިއެކު އެނދުގައެވެ.   

އަވަސްއަވަހަށް ވަދެ އެއަނހެން މީހާގެ ހެދުން އޮތްތަނުން ނެގީމެވެ. އަދި ބުނީމެވެ. "ހެދުން ދޭނީ ވަރިކުރީމައެވެ. ވަރިކުރާށެވެ." ވަރިކުރިތަން ފޯނަށް ވީޑިއޯކޮށްފައި ހެދުން ދީފައި ބުނީމެވެ. އަވަހަށް ދެމީހުން މިގެއިން ނުކުންނާށެވެ. ނަމަނަމަ ދަރިފުޅު ބަހަނާއަކަށް ހަދައިގެން މިގޭ ޕޭމަންޓްމައްޗަށްވެސް ނާރާށެވެ. އަރައިފިއްޔާ ދެންމެ މިކުރި ކަލޭމެންގެ ވީޑިއޯ ފުލުހުންނާ ޙަވާލުކުރާނަމެވެ." 

އެހިސާބުން ފެށިގެން އެބާބު ނިމުނީއެވެ. އެއިގެ 6 މަސްފަހުން ގެ އަލުން އުޖާލާކޮށްލީއެވެ. ދެބެއިން އެކުގައި އެއްރޭ ކައިވެނިކުރީއެވެ. އިރާދަފުޅުން 8 އަހަރުވީއިރުވެސް ފުރަތަމަ ރޭފަދައިން މުޅި ގޭގައިވަނީ އުޖާލާކަމެވެ. އުފާވެރިކަމެވެ. އެބެއިންގެ ބަދަހިގުޅުމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މިފަދަ ކަންކަން މިހާރު މާގިނައިން ދަނީ ކުރިމަތިވަމުންނެވެ. އަޅުގަނޑުމެން ފަދައިން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ދެބެއިންގެ މެދުގައި ހިނގި ހަމަ މިފަދަ ކަމެއްގައި ދާދިފަހުން އެއްކުއްޖަކު އަމިއްލައަށް މަރުވުމުން ސަލާމަތްކުރެވުނީވެސް ހަމަ ކިރިޔާއެވެ. ވީމާ ލޯބިވެވޭ މީހުން ސިއްރުކޮށްގެން އުޅުން މިއަދު މިވަނީ ވަރަށް ނުރައްކައުތެރިކަމަކަށްވެފައެވެ.

 

- މަލީޙާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން