ޗައިނާއާއެކު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަހަރުތެރޭގައި އަމަލުކުރަން ފެށޭނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސަޢީދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން 296 ބާވަތެއްގެ ސީފުޑް ޗައިނާއަށް އެއްވެސް ޓެރިފަކާއި ނުލައި އެކްސްޕޯޓުކުރެވޭނެ ކަމަށާޢި އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްޓަަކައި މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅާނެކަމަށެވެ. އަދި އެފްޓީއޭ އިމްޕްލިމެންޓު ކުރަން މަޖިލިސް ފެށޭއިރަށް މަޖިލީހަށް ލާނެކަމަށާއި މި އަހަރުތެރޭ އެފްޓީއޭ އިޕްލިމެންޓުވެގެންދާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން ސޮއިކުރީ 2014 ވަނަ އަހަރުއެވެ. އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވާއިރު 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ.