ޢިބްރަތްތެރި ވާހަކަ: މާޒީގަ ކުށެއް ކުރެވިފައޮތަސް އިޞްލާޙްވެ ކައިވެނިކުރުމަށްފަހު ދުވަހަކު ކުށެއް ނުކުރާ އަންހެނުންނަށްވުރެ މާރަނގަޅަށް އުޅެ ނަމޫނާ ދައްކައިދޭ އަންހެނުން މަދެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ޢިބްރަތްތެރި ވާހަކަ: މާޒީގަ ކުށެއް ކުރެވިފައޮތަސް އިޞްލާޙްވެ ކައިވެނިކުރުމަށްފަހު ދުވަހަކު ކުށެއް ނުކުރާ އަންހެނުންނަށްވުރެ މާރަނގަޅަށް އުޅެ ނަމޫނާ ދައްކައިދޭ އަންހެނުން މަދެއް ނޫން!

ތައުބާވުމުން ﷲ ތަޢާލާގެ ޙަޟްރަތުގައި އޭނާގެ މާޒީ ފުހެލެވުނީއެވެ. ސާފުވެ ހުދުވެގެންދިއައީއެވެ. ނަމަވެސް ބައެއް މީހުންގެ މެދުގައި އެކަން ވަރަށް ތަފާތެވެ. މީހަކަށް ކުށެއްކުރެވިއްޖެނަމަ އެކަމުގެ ލޭބަލް މުޅި ޢުމުރަށް އޭނާގެ ގައިގައި ޖަހަން އެބަ ބޭނުންވެއެވެ. 

ތިރީގައިވާ ވާހަކައަކީ މިބުނެވުނު ގޮތުން ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ވިދާޅުވެ ޢިބްރަތް ޙާޞިލުކުރައްވާށެވެ! 

އަޅުގަނޑުގެ އެކުވެރި ހާރިސް ބޮޑުވެ ލޯބިވެރިއަކު ހޯދައި ކައިވެނިކުރަން ބޭނުންވުމުން މަންމަގެ ރުހުން ހޯދަން ލޯބިވެރިޔާ ދެއްކުމުން މަންމަ ކައިވެންޏަށް ދެކޮޅުހެދިއެވެ. އަދި އެއީ ކަމުދާ އަންހެނެއް ނޫންކަމަށް ބުނެ އަންހެންކުއްޖާގެ ކުރިމަތީގައި އޭނާގެ އަގު ވައްޓައިލިއެވެ. 

އެޙާލަތުގައި ހާރިސް އިޚްތިޔާރުކުރީ އޭނާގެ ލޯބިވެރިޔާއެވެ. މަންމަގެ ހުރި ހަމައެކަނި ދަރިފުޅު ނަމަވެސް ހާރިސް ބޭނުންވީ މަންމަ ދޫކޮށްފައި ގެއިން ނުކުމެގެންދާށެވެ. ގެއިން ނުކުމެ ލޯބިވެރިޔާ އާއިއެކު އޭނާގެ ގޭގައި އުޅެމުން ކައިވެނިކުރިއެވެ. 

ކައިވެނިކޮށް ދަރިއަކު ލިބުނުތަނާ ސްޓްރޯކެއްޖެހި ހާރިސް ނިޔާވީއެވެ. ޙާރިސް ނިޔާވިކަން އެނގުމުން މަންމަ މަސައްކަތްކުރީ ދެމައިން އޭނާގެ ގާތަށް ގެންނާށެވެ. ނަމަވެސް އެކަގޮތަށް ކަންތައްކުރަން ހާރިސްގެ އަނބިމީހާ ބޭނުމެއް ނުވިއެވެ. 

އެއިގެ ކުޑަދުވަސްކޮޅެއްފަހުން މަންމައަށް ސްޓްރޯކެއް ޖެހި އެފަޅިން ވާގިދިއައެވެ. އެހީތެރިއަކު ނެތި ހޮސްޕިޓަލުގައި އޮތްކަން އެނގުމުން ހާރިސްގެ އަންހެނުން ސީމާ ހޮސްޕިޓަލަށް ގޮސް މަންމައަށް އެހީތެރިވާންފެށިއެވެ. އަދި ގެއަށް ގެންދެވޭވަރުވުމުން ގެއަށް ގެންގޮސް މަންމަ ބަލަން ފެށިއެވެ. އަމިއްލަ މަންމަ ފަދައިންނެވެ. 

މަންމައަށް ލުއިލިބި އެކަނި އުޅެލެވޭވަރުވުމުން މަންމަ ސީމާ އާއި ސުވާލުކުރިއެވެ. "ދަރިފުޅާއެވެ! ހާރިސް މަރުވުމުން ދެމައިން ބަލައިދިއުމުން ނައިސްހުރެފައި މިއަދު އައިސް މަންމައަށް ތިއަ އެހީތެރިވަނީ ކީއްވެގެންހެއްޔެވެ؟ މަންމައަށް ދަރިފުޅު ވަރަށް ގިނަ ޚިދުމަތް ކޮށްދީފީމުއެވެ. އަދި މިހާރުވެސް ތިއަގެންދަނީ އެހީތެރިވަމުންނެވެ. ދަރިފުޅު އެހީތެރިނުވިނަމަ މަންމައަށް ޖެހޭނެ ޙާލެއް ނުވެސް އެނގެއެވެ." 

ޖަވާބުގައި ސީމާ ބުންޏެވެ. "މަންމާއެވެ. ހާރިސް ދެކެ އަހަރެން ވަރަށް ބޮޑަށް ލޯބިވެއެވެ. ހާރިސް މަންމަ ދޫކޮށްލި ސަބަބުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް މިހާރަކު ނެތެވެ. އެކަންކަންވީގޮތް މަންމައަށްވެސް އެނޭނެއެވެ. ހާރިސް ހުރީ މަންމައާއިއެކު ދުވަހަކުވެސް ދިރިއުޅޭ ގޮތަކަށް ނޫނެވެ. ވީމާ މަންމަ އަހަރެމެން ގެންނަން ބޭނުންވި ދުވަހު އަހަރެން އިޙްތިރާމްކުރީ ހާރިސް ބޭނުންވާނެ ގޮތަށެވެ. ނަމަވެސް މަންމަ ބަލިވެއްޖެ ނަމަ ހާރިސް ބަލާނެއެވެ. ހުރިހާ ކަމެއްވެސް ކޮށްދޭނެއެވެ. ވީމާ މަންމަ ބަލިވުމުންވެސް އަހަރެން މިއިޙްތިރާމް ކުރީ ހާރިސް ބޭނުންވާނެ ގޮތަށެވެ." 

ކޮންމެއަކަސް މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑު ބުނެލަން އޮތް ވާހަކައަކީ ދަރިންގެ ކައިވެންޏަށް ހުރަސް އަޅަންވާނީ ވަކި ވަރަކަށެވެ. ދަރިންނާއި ގުޅުންކެނޑިގެންދާނެ ގޮތަށް ކަންކަން ނުކުރާށެވެ. އެކަމުގެ ނަތީޖާ ކިތަންމެހައިވެސް ހިތާމަވެރިވެދާނެއެވެ. މިއީ އެފަދަ ޙާދިސާއެއްގެ ވާހަކައެވެ. 

ދެން ބުނެލަން އޮތީ ހާރިސްގެ މަންމަ ކައިވެންޏަށް ދެކޮޅު ހެދި ސަބަބުގެ ވާހަކައެވެ. އެއީ ސީމާގެ ކިބައިގައި ހަޑި މާޒީއެއް އޮތުމެވެ. ވިސްނަންވީ މާޒީ ކިތަންމެ ހަޑިނަމަވެސް މީހަކު ބަދަލުވެދާނެއެވެ. އިޞްލާޙްވެދާނެއެވެ. ޙަޤީޤީ ލޯބިވެރިއަކު ލިބުމުން އިޞްލާޙްވެ ހެޔޮލަފާ އަންތބަކަށްވުމަކީ ހަމަ ގިނައިން ފެންނަމުން އަންނަ ކަމެކެވެ. ވީމާ އިޞްލާޙްވާން މަސައްކަތްކުރާނަމަ ފުރުޞަތުދޭންވާނެއެވެ. 

ސީމާގެ ކުރީގެ މާޒީ ކިތަންމެ ހަޑިނަމަވެސް ހާރިސް އާއި ކައިވެނިކުރިފަހުން ސީމާއަކީ އަޚްލާޤީ ގޮތުން ނަމޫނާ އަންތބެކެވެ. ހާރިސް މަރުވުމުންވެސް ސީމާ ދައްކައިއެދިނީ ކޮންފަދަ ރިވެތި އަޚަލާޤެއްތޯއެވެ؟

ވީމާ މިއީ ހަމަ މައިންބަފައިން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަންކަމެވެ. އަދި އެންމެންވެސް ވިސްނަން ޖެހޭނެ ކަންކަން ކަމުގައި އަޅުގަނޑު ދެކެމެވެ. 

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން