ޢިބްރަތްތެރި ޥާހަކަ: މަންއަށް ނުތެދުވެވި އެނދުގަ 3 އަހަރު އޮތްއިރު ހަމައެގޭގަ ރަންދަރި އުޅުނީ މަންމަ ލޮލުން ދެކެނުލާ! ހުރިހާ ޚިދުމަތެއް ކޮށްދިން ގުއިދަރިގެ އިޙްޞާޞްތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 58ސ
ޢިބްރަތްތެރި ޥާހަކަ: މަންއަށް ނުތެދުވެވި އެނދުގަ 3 އަހަރު އޮތްއިރު ހަމައެގޭގަ ރަންދަރި އުޅުނީ މަންމަ ލޮލުން ދެކެނުލާ! ހުރިހާ ޚިދުމަތެއް ކޮށްދިން ގުއިދަރިގެ އިޙްޞާޞްތައް!

ދަރިންގެ މެދުގައި ތަފާތުކުރަނީ ހެޔޮކޮށް ހިތާދަރި ތިމާ އާއި ބޮޑަށް އަޅާލައި ބޮޑަށް ލޯބިދޭނެކަމުގެ އުންމީދުގައިކަމަށްވާނަމަ އެއީ އެއީ އެއްގޮތަކަށްވެސް ރަނގަޅުވިސްނުމެއް ނޫނެވެ. އެކަން އެނގިގެންދާ ކިތަންމެ ވާހަކައެއް "ޢިބްރަތްތެރި ވާހަކަ" ސިލްސިލާގައި މިހާރުވެސް ވާނީ ޝާއިޢުކުރެވިފައެވެ. މިއީވެސް ހަމައެފަދަ ވާހަކައެކެވެ. ވާހަކަވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ!

އަޅުގަނޑުގެ މައިންބަފައިންނަށް ދެވަނައަށްވެސް ލިބުނީ ހަމަ އަންހެންދަރިއެކެވެ. ނަމަވެސް އަޅުގަނޑުގެ އުމުރުން 12 އަހަރުގައެވެ. ހަނދާންހުންނަން ފެށީންސުރެ މަންމަ ޢާއި ބައްޕަގެ ދުލުން އަޅުގަނޑަށް އޯގާތެރިކަމާއިއެކު ހަމަ އެންމެ ބަހެއް ބުނި ހަނދާނެއް ނެތެވެ. އަދި އަޅުގަނޑު ސްކޫލުން ކިތަންމެ ރަނގަޅު ރިޕޯޓެއް ގެނައި ނަމަވެސް ތަޢްރީފްގެ ބަހެއްވެސް ނުބުނެއެވެ. އެންމެ މާއްދާއަކުންވެސް ދަސްވެލައިފިނަމަ އެކަން ފާހަގަކުޜާނެއެވެ. 100 ހޯދި މާއްދާތަކުގެ ވާހަކަ ނުވެސް ދައްކާނެއެވެ. އެއިގެ އިތުރުންވެސް އަބަދުވެސް މަސައްކަތްކުރާނީ އަޅުގަނޑުގެ ކުށެއް ދެއްކޭތޯއެވެ. 

އަޅުގަނޑު އުންމީދުކޮށްގެން ހުރީ ދެވަނަ ދަރިފުޅު ލިބުމުން ކޮއްކޮ ބަލައިދޭތީ ނަމަވެސް ރުހުމުގެ ބަހެއް ބުނާއަޑު އިވޭނެ ކަމަށެވެ. ނަމަވެސް އެކަންވެސް ހެދީ އަޅުގަނޑު ކުރަންޖެހޭ ކަމަކަށެވެ. އެހެން ގޮތަކަށް ބުނާނަމަ އަޅުގަނޑު އަދާކުރަންޖެހޭ ވަޒީފާއަކަށެވެ.

އޯލެވެލް ހެދުމަށްފަހު އަޅުގަނޑު ކިޔެވުން ހުއްޓައިލީ އަމިއްލައަށެވެ. އަޅުގަނޑު ހުރީ މަސައްކަތެއް ދަސްކޮށްގެންނެވެ. އެއީ ގްރެފިކް ޑިޒައިނިންގ އެވެ. އެހެންވެ އެމަސައްކަތްކުރާ ބައަކު އަޅުގަނޑަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ޙަވާލުކުރަން ފެށިއެވެ. އެހިސާބުން އަނެއްކާވެސް ކަންތައްތައް އިތުރަށް ގޯސްވިއެވެ. ކޮއްކޮ ބަލައިދޭ ވަގުތު މަދުވެގެންނެވެ. މަންމަ އާއި ބައްޕަ ކަންބޮޑުވީ އަޅުގަނޑު ކިޔެވުން ހުއްޓާލައިގެނެއް ނޫނެވެ. ކޮއްކޮ ބަލައިނުދެވޭތީއެވެ. 

އަޅުގަނޑު ފުރަތަމަ މަހު ކުރި މަސައްކަތަށްވެސް 6000 އަށްވުރެ ގިނަ ރުފިޔާ ލިބުނެވެ. ރަނގަޅަށް މަސައްކަތް ކުރެވޭނަމަ އިތުރަށްވެސް ހޯދޭނެކަމުގެ ޔަޤީންކަން އޮތެވެ. އެހެންވެ އަގަށް ކުދިން ބައިތިއްބައިދޭ ދައްތައަކާއި ވާހަކަ ދައްކާފައި އެގެއަށް ބަދަލުވީމެވެ. ގެއިން ނުކުތުމުން ދެން މަސައްކަތްކުރީ އަޅުގަނޑަށް 18 ނުފުރޭ މައްސަލަ ނަގައި ބިރުދައްކައިގެން ނޯކިރީކުރުވަން ގެއަށް ގެންދާށެވެ. އެއިރު އަޅުގަނޑު ހުރީ ދޭނެ ޖަވާބު ހިތުދަސްކޮށްގެންނެވެ. އެއީ ގަދަކަމުން ގެންދަން އުޅޭނަމަ ޖެންޑަރ މިނިސްޓްރީއަށް މައްސަލަ ހުށަހެޅުމެވެ. އެވާހަކަ ދެއްކީމާ ގަދަކަމުން ގެންދާކަށް ނޫޅެއެވެ.   

18 އަހަރުވީތަނާ ކައިވެނިކޮށްފީމެވެ. ދެމަފިރިން ދިރިއުޅެންފެށީ ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. ނަމަވެސް އަހަރެއްހައި ދުވަސްތެރޭގައި އެޕާޓްމަންޓެއް ކުއްޔަށް ހިފޭވަރުވުމުން ދެން ދިރިއުޅެމުން އައީ އެ އެޕާޓްމަންޓްގައެވެ. 

އަޅުގަނޑަށް 41 ވަނަ އަހަރު ބައްޕަ ނިޔާވެއްޖެއެވެ. ދެމަފިރިން ލޯބިން ގެންގުޅެ ބޮޑުކުރި ކޮއްކޮ ގެއަށް ގަދަކޮށްލައިފިއެވެ. ކޮއްކޮ މަންމަ އާއިމެދު ކަންކަންކުރީ މަންމަ އާއި ބައްޕަ އަޅުގަނޑާއިމެދު ކަންތައްކުރި ގޮތަށެވެ. މަންމަގެ ކުށް ދެއްކުމާއި އެއްޗެތި ގޮވުން ނޫން އެހެން ކަމެއް ނުކުރެއެވެ.

އެއްދުވަހަކު މަންމަ އަޅުގަނޑުމެން ދިރިއުޅޭ އެޕާޓްމަންޓަށް އައީ ފޮށި ހިފައިގެންނެވެ. އައިސް ވަރަށް ރޮއި ހަދާފައި ކޮއްކޮ ކަންކަން ކުރާ ގޮތުގެ ވާހަކަކިޔައިދިނެވެ. އަދި އަޅުގަނޑު ގާތުގައި ބަހައްޓައިދޭން އެދުނެވެ. އަޅުގަނޑު އެކަން ޤަބޫލެއް ނުކުރީމެވެ. އަޅުގަނޑު ބުނީ ގެއަކީ ދެބުރި ގެއެކެވެ. ވީމާ ރަންދަރިއަށް އެއްބުރި ގުއިދަރިއަށް އެއްބުރި ނުދެވެންވީ ކީއްވެގެންހެއްޔެވެ؟ އަހަރެންގެ މުޅި އުމުރު މިހޭދަކުރަނީ އަހަރެންގެ ޙައްޤުތަކުން މަޙްރޫމްކުރުމުން ކުލި ދައްކައިގެންނެވެ. މިއަދަކު ބައްޕައެއް ނެތެވެ. މަންމަ ބޭނުންނަމަ ގެއަށް އަޅުގަނޑުވެސް ވެއްދޭނެއެވެ. ނޫނީ އަޅުގަނޑަކީ ބައްޕަގެ ދަރިއެއް ނޫންކަމަށް ބުނާށެވެ! 

މަންމައަށް ހެޔޮކޮށް ހިތަންޖެހޭނެކަން އަޅުގަނޑަށް އެނގެއެވެ. އަދި ދަރިންނަށް ލިބެންޖެހޭނެ ޙައްޤުތަކެއް އޮންނާނެކަންވެސް އެނގެއެވެ. އެހެންވެ އަޅުގަނޑު ބުނީމެވެ. "މަންމާއެވެ. މިރެއިން މިރެއަށްވެސް ގެއަށް ވަންނަމާ ހިނގާށެވެ! އަޅުގަނޑު މަންމަ ބަލާނަމެވެ. ގުއިދަރިއަށް ހެދިވާހަކަވެސް ނުދައްކާނަމެވެ. އެކަންކަމަށް އަޅުގަނޑު ވާނީ މާކުރިން މާފުކޮށްފައެވެ. ދެން ބުނަން އޮތީ ގެއަށް ވަންނާނެ ހިތްވަރު މަންމަގެ ކިބައިގައި ނެތްނަމަ މާދަމާ ކޯޓަށް މައްސަލަ ވައްދާނަމެވެ. ހަމައަޅުގަނޑަށްވެސް އަޅުގަނޑުގެ ބައި ލިބެންޖެހޭނެ ނޫންހެއްޔެވެ؟" 

އަޅުގަނޑު ދެއްކި ވާހަކަތައް މަންމަ ޤަބޫލުކުރިއެވެ. އަނެއްދުވަހު މަންމައާއިއެކުގައި ގޮސް ގެއަށް ވަނީމެވެ. އަދި ކޮއްކޮ މަތީބުރީގައި އުޅެފައި ތިރީބުރި ހުސްކޮށްދޭން ބުނީމެވެ. އެއީ މަންމައަށް ސިޑިން ނޭރޭނެތީއެވެ. ތިރީބުރި ބޭނުންނަމަ ތިރިން މަންމައަށް ކޮޓަރިއެއް ދޭން ބުނީމެވެ. އަދި އެއިރުން މަތީބުރީގައި އުޅޭނީ އަޅުގަނޑު ކަމަށާއި އެއްގެއެއްގައި އުޅުނު ނަމަވެސް އުޅެންޖެހޭނީ ވަކި ދެޢާއިލާއެއްގެ ގޮތުގައިކަމަށްވެސް ބުނީމެވެ. 

ކޮއްކޮ ބޭނުންވީ މަތީބުރިއެވެ. ވީމާ މަންމަގޮވައިގެން ތިރީބުރީގައި އަޅުގަނޑު އުޅެންފެށީމެވެ. މަންމަ ނިޔާވީ އެއިގެ 17 އަހަރުފަހުންނެވެ. އެނދުން ނުތެދުވެވި 3 އަހަރު އެނދުގައިއޮވެފައެވެ. އެންމެ ފަހަރަކުވެސް ރަންދަރިފުޅު މަންމަގެ ތުންފަތުގައި ބޯފެންތިއްކެއްވެސް ޖައްސާލަދީފައެއް ނުވާނެއެވެ. އަދި ކޮޓަރި ދޮރުމައްޗަށް އަރައި މަންމަ ދެކެލިނަމަ އެކަންވެސް އެނގޭނީ ކޮއްކޮއަށެވެ. އަޅުގަނޑުވާ އެފަދަ މަންޒަރެއް ނުދެކެވެ. ހުރިހާ ޚިދުމަތެއްކުރީ ހަމަ މި ގުއިދަރީގެ ދެއަތުންނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ މިވާހަކަތައް ހާމަމިކުރީ މަންމައަށް ކުރި ޚިދުމަތުގެ ޥާހަކަ ދައްކާކަށް ނޫނެވެ. ރަންދަރި، ގުއިދަރި އުޞޫލުން ދަރިންނާއިމެދު ކަންކަންކުރާ މައިންބަފައިން ގާތު އެހެދެނީ މައިންބަފައިންނަށް ހެދޭނެ އެންމެ ބޮޑު ގޯސްކަމުގައި ބުނެލަންވެގެންނެވެ. ގިނައިން މައިންބަފައިންގެ ބުރަ އުފުލަންޖެހިފައިވާނީ ގުއިދަރިއަށެވެ. ޙާލުގައި ޖެހޭ ދުވަހު ރަންދަރި އޮންނާނީ ލޮލަށްވެސް ނުފެނިފައެވެ. މިސާލަކަށް ދެފަންގިފިލާގައެއްކަމަކު އެއް ފުރާޅެއްގެ ދަށުގައި މަންމައާއިމެދު ރަންދަރި ކަންކަންކުރި ގޮތުގެ ވާހަކަ މިކިޔައިދިނީއެވެ. ޢިބްރަތް ޙާޞިލްކުރާށެވެ! 

- ޞަބީޙާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން