އަޅައިވެސް ނުލާތި!: ތިބާއާއިމެދު ދޮގު ވާހަކަ ފަތުރައި ފަޟީޙަތްކުރަން މަސައްކަތްކުރަނީ ހަސަދަވެރިކަން ބޮޑުވުމުގެ އިތުރުން އޭނާގެ ނިކަމެތިކަންވެސް ބޮޑުވެ ގޮތްހުސްވުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އަޅައިވެސް ނުލާތި!: ތިބާއާއިމެދު ދޮގު ވާހަކަ ފަތުރައި ފަޟީޙަތްކުރަން މަސައްކަތްކުރަނީ ހަސަދަވެރިކަން ބޮޑުވުމުގެ އިތުރުން އޭނާގެ ނިކަމެތިކަންވެސް ބޮޑުވެ ގޮތްހުސްވުމުން!

އެންމެންހެން އެއްބަސްވާފަދައިން ހިތަށް އެންމެ ބޮޑަށް އަސަރުކުރަނީ ތިމާގެ އެންމެ ގާތް މީހުން ތިމާއާއިމެދު ދޮގުވާހަކަތައް ފަތުރައި ފަޟީޙަތްކުރަން މަސައްކަތްކުރާ ނަމައެވެ. އަދި އެހެން ގޮތް ގޮތުންވެސް ފެއްލުންދޭން މަސައްކަތްކުރާނަމައެވެ.  

އެހެނަސް ދަންނާށެވެ! އެކުވެރިއަކު ކަމުގައިވީނަމަވެސް، ޢާއިލާގެ މީހަކު ކަމުގައިވީނަމަވެސް އަދި އެހެން މީހަކުކަމުގައިވީނަމަވެސް ތިބާއާއި މެދު ދޮގު ވާހަކަތައް ފަތުރައި މީސްތަކުންގެ ތެރޭގައި ތިބާގެ ޢަބުރު ކަތިލައި ފަޞީޙަތްކުރަން މަސައްކަތްކުރާނަމަ އެކަމުން އަންގައިދެނީ އެމީހަކު އެހުރީ ގޮތްހުސްވެފައިކަމެވެ. ނިކަމެތިކަން އިންތިހާއަށް ގޮސްފައި ކަމެވެ. މާޔޫސްވެފައިކަމެވެ.  

މިހެން ބުނަންޖެހޭ ސަބަބަކީ ދޮގަކީ އަބަދު ސިއްރުކުރެވިފައި އޮންނާނެ އެއްޗެއް ނޫންވީމައެވެ. އަވަހަށް ނޫންނަމަ ލަހުން ނަމަވެސް ޙަޤީޤަތް ހާމަވާނެ ދުވަހެއް އަންނާނެއެވެ. އެއިރުން މީސްތަކުން އޭނާއަށް ކުރާނެ ނަފްރަތު ވަޒަން ނުކުރެވުމަށްވުރެ ބޮޑު ނިކަމެތިކަމެއް ނެތެވެ. ވީމާ އެފަދަ ބޮޑު ނިކަމެތިކަމެއް އަމިއްލައަށް ލިބިގަންނަން ހަމައެކަކުވެސް ބޭނުމެއް ނުވާނެތީއެވެ.  

ކުރިން ބުނިފަދައިން އެންމެ ބޮޑަށް އަސަރުކުރާނީ އެންމެ ގާތް މީހުންގެ ފަރާތުން އެފަދަ ކަންކަން މެދުވެރިވުމުންނެވެ. އެއީ އެގޮތަށް އެކަންވުމަށް އެންމެ ބޮޑަށް ނޭދޭ ކަންތައްކަމުގައިވީނަމަވެސް އެއީ އަބަދުހެން ގިނަބައަކަށް ކުރިމަތިވަމުން އަންނަ ކަމެކެވެ. ވީމާ ތިބާއަށް ކުރިމަތިވި ނަމަވެސް ކަންބޮޑުނުވާށެވެ!  

ޖައްވުގައި އެނބުރޭ ވައިރޯޅީގެ ފިނިކަން އެންމެންނަށްވެސް އިޙްޞާޞްކުރެވޭނެކަން ޤަބޫލުކުރާ ފަދައިން މުޖުތަމަޢުގައި ހިނގަމުންދާ މިބާވަތުގެ ނުބައި ކަންކަންވެސް ކޮންމެ މީހަކަށްވެސް ފޯރާނެކަމާއި އެކަމުގެ ހިތިރަހަ ތިމާއަށްވެސް ތަޖުރިބާކުރަންޖެހޭނެކަން ޤަބޫލުކޮށްގެން ހުރުމުން އެބާވަތުގެ މައްސަލައެއް ކުރިމަތިވިނަމަވެސް ތިމާއަށް ކުރާ އަސަރު ކުޑަވާނެއެވެ. އިން ޝާ ﷲ  

- އަލަފް / މިއަދުނޫސް 

 

މިއަދު އޮންލައިން