އޭޕްރިލް މަހުގެ ނިޔަލަށް 13 މިލިއަން ރުފިޔާގެ ލޯނު ދަނޑުވެރިންނަށް ދޫކޮށްފައިވާކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އިން ބުނެފިއެވެ.
މިކަމާގުޅިގެން އެގްރިކަލްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް އަމިއްލަ ފަރުދުންނަށް ހަތަރު މިލިއަން ރުފިޔާ، އަދި ވިޔަފާރިތަކަށް އަށް މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން އެ މިނިސްޓްރީން ބުނީ ހައިޑްރޯޕޯނިކްސް ފާމިން ފެށުމަށްޓަކައި އދ.އޮމަދު އާއި ފ. ދަރަނބޫދޫ ކަނޑައަޅައި އެ ދެ ރަށުގައި އެކަމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށާއި އެގޮތުން، އިން ކޮންމެ ރަށެއްގެ 10 ދަނޑުވެރިންގެ ތެރެއިން ކޮންމެ ދަނޑުވެރިއަކަށް 50 ލެޓިއުސް އިންދޭ ހޮޅި ސިސްޓަމަކާއި ކިއުކަމްބާ މެލަންގެ 25 ގަސް ހެއްދޭ ވަރުގެ ޓްރަފް ސިސްޓަމެއް ފޯރުކޮށްދެވޭނެ ކަމަށެވެ.
މިހާރު ކުރިއަށްދަނީ މި ރަށްތަކުގައި ސިސްޓަމުތައް ގާއިމްކުރުމަށް ޕްރޮކިއުމެންޓް ކުރުމުގެ މަސައްކަތްތައް ކަމަށް މިނިސްޓްރީން ބުނެއެވެ.
ޒަމާނީ ޓެކްނޮލޮޖީތަކާ އެކު ދަނޑުވެރިކަން ކުރަން އެހީތެރިވެދޭ "ދަނޑުވެރި ނަފާ" ލޯނު ސްކީމް ހިންގަނީ އެސްޑީއެފްއާ ގުޅިގެންނެވެ.