ދެމަފިރިން ދެތަންވުމަށްފަހު އަނެކާ ކުށްވެރިކޮށް ދަރިންނަށް ކަމުގެ ޙަޤީޤަތް އޮޅުވައިލުމަކީ ވަރަށް ގިނައިން ކުރިމަތިވާ ކަމެކެވެ. ކޮންމެވެސް ދުވަހަކުން ދަރިންނަށް ޙަޤީޤަތް އެނގޭނެކަމާއި އެނގުމުން ދަރިން ތިމާއަށް ކުރާނެ ނަފްރަތާއިމެދު ވިސްނައިލާ މީހަކުވެސް އެގޮތަށް އެކަމެއް ނުކުރާނެއެވެ.
ކުށްކުރީ ކާކުކަމާއި އެކަން ހިނގައިދިއަގޮތް ދަރިންނަށް ދުނިޔޭގައި ސއްރުކުރެވުނަސް އެކަންކަން އެނގިހާމަވާނެ ދުވަހެއް އެބައޮތްކަން ޤަބޫލުކުރާނަމަވެސް އެކަން އެގޮތަކަށް ނުކުރާނެއެވެ. މީގެ އިތުރުން ކުށްވެރިއަކީ ދެމަފިރިންގެ ތެރެއިން ކޮންމެ މީހަކު ނަމަވެސް ދަރިފުޅު ބަލަހައްޓަން ޙަވާލުވާ މީހަކު ދަރިންނަށް އަނިޔާވެރިނުވުމަށް އަބަދުވެސް ނަޞޭޙަތްތެރިވެއެވެ. އެކަންވާނީ ކުރެވޭ ބޮޑު ފާފައަކަށެވެ.
ތިރީގައިވާ ވާހަކައަކީވެސް ދެމަފިރިން ވަކިވުމަށްފަހު އިމެއް ނެތި އަނިޔާލިބުނު ދަރިއެއްގެ ޥާހަކައެވެ. ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ!
އަޅުގަނޑަށް މަންމަ ފެނުނު ހަނދާނެއް ނުހުރެއެވެ. ބައްޕަ ބުނަނީ އަޅުގަނޑުގެ އުމުރުން 2 އަހަރުގައި މަންމަ އެހެން މީހަކުދެކެ ލޯބިވެގެން ވަރިވެގެން ދިއައީ ކަމަށެވެ. އެހެންވެ ބައްޕަ އަބަދުވެސް ހުންނަނީ އަޅުގަނޑު ދެކެ ރުޅި ގަދަވެފައެވެ. އެންމެ ފަހަރަކުވެސް އޯގާތެރިކަމާއިއެކު އެންމެ ބަހެއް ބުނި ހަނދާނެއްވެސް ނެތެވެ.
ބައްޕަ ދެވަނަ ކައިވެންޏެއް ރަޖިސްޓްރީކުރީ އަޅުގަނޑުގެ އުމުރުން 9 އަހަރުގައެވެ. އެހިސާބުން އަޅުގަނޑު ބަދަލުވީ ގޭގެ ބޮޑު ނޯކަރަށެވެ. ގޭތެރެ ސާފުކުރުމުގެ އިތުރުން އަމިއްލައަށް ފުށްމޮޑެގެން ރޮށިފިހަންވެސް ޖެހެއެވެ. އެހެންވެ މަންމައަށް ވަރަށް ނަފްރަތުކުރެވެއެވެ. މަންމަ އަޅުފަނޑު ދޫކޮށްލާފައި ނުދިއަ ނަމަ އަޅިގަނޑަށް މިހާލު ނުޖެހުނީސްކަން ހިތަށް އަރާތީއެވެ.
ކޮންމެއަކަސް އަޅުގަނޑަށް މަންމައާއި ފުރަތަމަ ފަހަރަށްވެސް ބައްދަލުވެވުނީ އުމުރުން 15 އަހަރުގައެވެ. މަންމަ އަޅުގަނޑުގެ ހާލުބަލަން އަބަދުވެސް މަސައްކަތްކުރިކަމާއި އަޅުގަނޑުގެ ޚަރަދަށް ކޮންމެ މަހަކު ފައިސާފޮނުވިކަން މަންމަގެ ފޯނުން މަންމަ ސާބިތުކޮށްދިނެވެ. އަދި ހޯދަން ގެއަށް ނާދެވުނީ ރާއްޖެއިން ބޭރުގައި ދިރިއުޅުނީތީކަންވެސް ސާބިތުކޮށްދިނެވެ.
އެދުވަހު ގެއަށް އައިސް ބައްޕަ އާއި ދިމާއަށް އެބަސްތައް ބުނީމެވެ. އަދި ވަގުތުން ގެއިން ނުކުމެގެން މަންމަ ގާތަށް ދިއައީމެވެ. ބައްޕަގެ ދެމަފިރިންނަށް ނޯކިރީކުރުވަން އަޅުގަނޑު އަތުލަން އުޅެފާނެތީ މަންމަގެ ޗުއްޓީވެސް ކުރުކޮށްލާފައި އަވަސް އަވަހަށް އަޅުގަނޑު ގޮވައިގެން މެލޭސިޔާއަށް ފުރައިފިއެވެ.
މަންމަ އާއިއެކުގައި އުޅެން ފެށުމުން އެނގުނީ މަންމަ ގެއިން ނުކުތީ މީހަކާ ހިތާވެގެން ނޫންކަމެވެ. ބައްޕަގެ އަނިޔާއަށް ކެތްނުކުރެވިގެން ކަމެވެ. އަދި މެލޭސިޔާއިން ޓީޗަރެއްގެ ވަޒީފާ ހޯދައިގެން ރާއްޖެއިން ފުރިނަމަވެސް މެލޭސިޔާއިން މީހަކާއި ކައިވެނިކުރީ 5 އަހަރުފަހުން ކަމެވެ.
ކޮންމެއަކަސް އަޅުގަނޑުވެސް މިހާރު ދިރިއުޅެނީ މެލޭސިޔާގައެވެ. މެލޭސިޔާ މީހަކާއި ކައިވެނިވެސްކޮށްގެންނެވެ. ކުދިންވެސް އެބަތިއްބެވެ.
މިއަދުނޫހުގައި ޝާއިޢުކުރާ ޙަޤީޤީ ޙާދިސާ ސިލްސިލާ އަޅުގަނޑުވެސް ކިޔާތީ އަޅުގަނޑުވެސް ބަހެއް ބުނެލަން ބޭނުންވީއެވެ. ބުނެލަން ބޭނުމީ ކޮންމެ ސަބަބެއް މެދުވެރިވެގެން ދެމަފިރިން ދުރުވި ނަމަވެސް ދަރިންނަށް އެކަމުގެ ނަފްރަތު ނުބާލާށެވެ. ދަރިންނަށް އަނިޔާނުކުރާށެވެ. ހަމަގައިމުވެސް އެއްވެސް މައަކާއި ބައްޕައަކު ދުރުވުމުގައި ތުއްތުކުދިން ކުރި ކުށެއް ނުއޮންނާނެއެވެ. ވީމާ ވަރިކުރަންޖެހުނު ސަބަބަކީ ތުއްތުދަރިން ކަމަކަށް ނުހެދޭނެއެވެ.
އަޅުގަނޑު އެދެނީ އަޅުގަނޑަށް އުޅެންޖެހުނު ފަދަ ހިތާމަވެރި ޙާލެއްގައި އުޅެން ހަމަ އެއްވެސް ކުއްޖަކަށް ނުޖެހުމެވެ.
- ޒިލިއަން / މިއަދުނޫހުގެ ކިޔުންތެރިއެއް