ޢިބްރަތްތެރި ވާހަކަ: ދެވަނަ ކައިވެނިކުރަން ފިރިހެނުން ދައްކާ ވާހަކަތަކަށް އިތުބާރުކޮށް ދެމަފިރިންގެ ދޭތެރެއަށް ވަންނަން ހެޔޮނުވާނެ! ގާތީ އަންހެނަކަށް ދެވޭ ބޮޑު އަނިޔާއަކަށްވުން!: ސަޢީދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 17ސ
ޢިބްރަތްތެރި ވާހަކަ: ދެވަނަ ކައިވެނިކުރަން ފިރިހެނުން ދައްކާ ވާހަކަތަކަށް އިތުބާރުކޮށް ދެމަފިރިންގެ ދޭތެރެއަށް ވަންނަން ހެޔޮނުވާނެ! ގާތީ އަންހެނަކަށް ދެވޭ ބޮޑު އަނިޔާއަކަށްވުން!: ސަޢީދާ

އެމީހެއްގެ ދިފާޢުގައި އެންމެ ބޮޑަށް މަސައްކަތްކުރަންޖެހޭނީ އެމީހަކަށެވެ. އަދި އަނހެނުންގެ ދިފާޢުގައި އެންމެ ބޮޑަށް މަސައްކަތްކުރަންޖެހޭނީ އަންހެނުންނަށެވެ. އަންހެނުން، އަންހެނުންނަށް އަނިޔާވެރިވާނަމަ އަނިޔާއިން ސަލާމަތްވެތިބުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.  

ތިރީގައި އެވަނީ ތަނަވަސް ފިރިހެނަކު އޭނާގެ ދިރިއުޅުމުގެ ޙަޤީޤަތް އޮޅުވާލައިގެން އެހެން އަންހެނެއްގެ ލޯބި ހޯދަން އުޅުމުން ކަމުގެ ޙަޤީޤަތް އޮޅުންފިލުވައި އޭނާއާއި ދުރުވި އަންހެނަކު ކަންތައްކުރި ގޮތުގެ ވާހަކައެވެ. އޭނާ ފަދަ އުޚުތާއަށް ހަމްދަރުދީވެ އެހީތެރިވި ގޮތުގެ ޥާހަކައެވެ. ވާހަކަވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އަޅުގަނޑަށްވެސް ލޯބީގެ ގޮތުން ފުރަތަމަ ގުޅެވުނީ މީހެއްގެ ފިރިއަކާއިއެވެ. ނަމަވެސް އެކަން އެނގުނީ ގުޅުމަށް އަހަރުވެސް ފުރުނުފަހުންނެވެ. ކަންކަން އޮޅުންފިލިއިރު އެނާއަކީ 3 ދަރިންގެ ބައްޕައެކެވެ. ދިރިއުޅެމުން އަންނަނީ އަނބިމީހާ އާއި އަދި 3 ދަރިންނާއިވެސް އެކުގައެވެ.  

އަންތބަކާއި 3 ދަރިން ތިބެމެ އަޅުގަނޑާއި ލޯބީގެ ގޮތުން ގުޅުނު ސަބަބުކަމަށް އޭނާ ބުނީ ކުދިން ލިބުނު ފަހުން ދެމަފިރިންގެ މެދުގައި ގުޅުން ކުޑަކަމެވެ. އޭނާއަށް ދޭންޖެހޭ ސަމާލުކަން ނުދޭކަމެވެ. އެހެންވެ އޭނާ އާއި އަޅައިލާނެ މީހަކާއިއެކު ދެވަނަ ދިރިއުޅުމެއް ފަށަން ބޭނުންވަނީ ކަމަށެވެ. 

ކޮންމެއަކަސް ދެމީހުންގެ ގުޅުމަށް 3 އަހަރު ފުރުނުއިރުވެސް ކައިވެނިކުރާކަށް ނުއުޅުނެވެ. ކައިވެނީގެ ވާހަކަ ދައްކަން ފަށާއިރަށް ކޮންމެވެސް ބަހަނާތަކެއް ދައްކައެވެ. އޭނާއަކީ ތަނަވަސް މީހެކެވެ. އެހެންވެ އަޅުގަނޑު ނުވެސް އެދެނީސްވެސް އަޅުގަނޑަށް ބޭނުންވާ ބައެއްކަންކަން ކޮށްދެއެވެ. ނަމަވެސް އަޅުގަނޑަށް ވިސްނުނީ އެއީ އަދި އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެއީ އަޅުގަނޑުވެސް ދިރިއުޅެންވާނީ ފިރިއަކާއިއެކުގައި ކަމަށެވެ. ނޫންނަމަ އެއީ ޙަޔާތުން ބާކީކޮށްލެވޭ ދުވަސްތަކެއް ކަމަށެވެ.  

ކޮންމެއަކަސް އެކަމުގައި ގޮތެއް ނިންމަން އުނދަގޫވިއެވެ. އެއީ އޭނާ އަޅުގަނޑަށް ޚަރަދުތަކެއްކޮށްފައިވާތީއެވެ. ވީމާ ސަބަބެއް ނުދައްކައި ވަކިވުމަކީ އިންޞާފަކަށް ނުވާނެތީއެވެ. އެކަންކުރާނެ ގޮތަކަށް ވިސްންމުން ގޮސް ލިބުނު ވަރަށް ހަނި ފުރުޞަތެއްގެ ތެރެއިން އޭނާގެ އަނބިމީހާ އާއި ގުޅުން އުފެއްދީމެވެ.  

ކަންކަން މިވާގޮތަށްބެލިއިރު އޭނާގެ ކިބައިގައި ތަނަވަސްކަން ހުރިނަމަވެސް އަނބިމީހާ ލައްވައިވެސް މަސައްކަތްކުރުވައެވެ. އަދި ދިރިއުޅެން އަނބިމީހާއަށް ލިބޭ މުސާރަވެސް ބޭނުންކުރެއެވެ. އަނބިމީހާ ހެނދުނު އޮފީހަށްދެއެވެ. ގެއަށް ދެވެނީ އިރުއޮއްސޭފަހުންނެވެ. ގެއަށް ދިއުމަށްފަހު އުޅެންޖެހެނީ އަނެއްދުވަހު ކުދިން ސްކޫލަށް ފޮނުވމަށް ކުރަންޖެހޭ މަސައްކަތްތަކުގައާއި ފިރިމީހާއަށް ކޮށްދޭންޖެހޭ މަސައްކަތްތަކުގަ އާއި އަދި އޭނާވެސް އޮފީހަށްދާން ކުރަންޖެހޭ މަސައްކަތްތަކުގައާއި އަދި ގޭތެރޭގެ އެހެން މަސައްކަތްތަކުގައެވެ.  

މިބުނި ލިސްޓް ކިޔާލަން ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހަވާނެއެވެ. އެމަސައްކަތްތަކުގައި ހުރި ބުރަކަން އެނގޭނީ އެކަންކަން ކުރަންޖެހުމުންނެވެ. 

އަނބިމީހާގެ ކިބައިން އެނގުނު ގޮތުގައި ގޭގައި ކުދިން ބަލަން އަންހެނަކު ގެންގުޅުނު ނަމަވެސް މިކަންކަން އަނބިމީހާ ކުރަނީ އޭނާއަމިއްލައަށެވެ. އެއަންހެން މީހާލައްވައި ކުރުވަނީ ވަރަށް އާދައިގެ ކަންކަމެވެ. ވީމާ ފިރިމީހާ ގެއަށް އަންނައިރަށް އޭނާގެ ގައިމޮޑެދީ މަސާޖްކޮށްދޭން ނުއިނދެވެނީއެވެ. 

އެގެއަށް ގޮސް މިކަންކަން ހިނގަމުން އަންނަ ގޮތް އަމިއްލަ ލޮލުން ބެލީމެވެ. އެގެއަށް ދިއަރޭ އޭނާއަށް އަޅުގަނޑު ފެނުނެވެ. ނަމަވެސް ދެމަފިރިންގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން ބޭނުން ނުވާތީ އެނގޭ މީހަކަށްވެސް ނުހަދަމެވެ.  

އެރޭ އެގެއިން އައިސް އޭނާއަށް މެސެޖެއް ކުރީމެވެ. "އަހަރެމެންގެ މާޒީ ހަނދާން ނައްތައިލާށެވެ. ތިބާގެ އެއްވެސް އަޅައިލުމެއް އެހީތެރިކަމެއް އަދި ބައިވެރިވުމެއް ނެތި އަނބިމީހާ އެކުރާ މަސައްކަތްތައް ނިކަން ދެކިބަލާށެވެ. ދިރިއުޅެން އާމްދަނީ ހޯދަމުންވެސް އެ އުފުލާ ބުރައިގެ އަގު ނިކަން ވަޒަންކޮށްލަބަލާށެވެ! ފިރިމީހާގެ އެހީތެރިކަމެއް ނެތި އޭނާ އެކުރަނީ ހަމަގައިމުވެސް އަހަރެންނަށް މަސައްކަތްކުރެވޭނެ ވަރަށްވުރެ މާބުރަކޮށެވެ! ވީމާ އެފަދަ އަންތބަކު ހިތުގަ ޖެހޭނެ އެއްވެސް ކަމެއް ކުރާކަށް ނުވާނެއެވެ. އަހަރެންނަކީ މިހާރު ތިބާގެ އަނބިމީހާގެ ވަރަށް ގާތް އެކުވެރިއެކެވެ. ވީމާ އެގުޅުން އެގޮތަށް ބާއްވަން ބޭނުމެވެ. މިހާވަރުން ފުއްދައިލާށެވެ. އަހަރެންވެސް ފިރިއަކަށް ބޭނުންވެއެވެ. ވީމާ ފިރިއަކު ހޯދަން މަސައްކަތްކުރާނަމެވެ. ވަރަށް ހެޔޮ ދުޢާ ސަލާމް."  

ނިންމަންޖެހުނީ ނިންމަން ވަރަށް އުނދަގޫވި ނިންމުމެކެވެ. ނަމަވެސް ހިތްވަރުކޮށްފައި ނިންމީއެވެ. އެފަދަ ރަނގަޅު އަންހެނެއްގެ ދިރިއުޅުމަށް އަޅުގަނޑުގެ ފަރާތުން ހުރަސްއެޅުނަ ނުދިނުމަށެވެ. އެހިސާބުން ދެން އަޅުގަނޑު މަސައްކަތްފެށީ ލޯބިވެގެން އުޅޭނެ މީހެއްގެ ބަދަލުގައި ކައިވެނިކުރާނެ މީހަކު ހޯދާށެވެ. އަހަރެއްހައި ދުވަސްތެރޭގައި އެކަންވެސް ކާމިޔާބުކުރެވުނެވެ. ހުހަށްހުރި ޒުވާނަކާއި ގުޅުން އުފެދި ކައިވެނިކުރެވުނެވެ. އެކައިވެންޏަށް މިހާރު 14 އަހަރުވީއެވެ. ކުދިންވެސް ލިބިއްޖެއެވެ. ދިރިއުޅެމުންވެސް މިދަނީ ހަމަ އުފަލުގައެވެ. އިން ޝާ ﷲ  

މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް އަންހެނުންނަށް ބުނެލަން އޮތީ ދެމަފިރިއެއްގެ ދެމެދަށް ވަންނަން ޖެހޭ ޙާލަތެއް އަތުވެއްޖެނަމަ ވަރަށް ރަނގަޅަށް ކަންކަން ބަލާފައި ނޫނީ އެކަން ނުކުރުމަށެވެ. ފިރިހެނުން ދައްކާ ވާހަކަ އެއީ ހަމަތެދުކަން ޔަޤީންކުރަންވާނެއެވެ. ނޫންނަމަ ހަމަ އަހަރެމެންފަދަ އަންހެނަކަށް ކިތަންމެ ބޮޑު އަނިޔާއެއްވެސް ދެވިދާނެއެވެ. މަސައްކަތްކުރަންވީ އެހެން އަންހެނެއްގެ ހިތުގައި ނުޖައްސައި ދިރިއުޅުމެއް ހޯދާށެވެ. މަސައްކަތްކުރީމާ ލިބޭނެއެވެ. އިން ޝާ ﷲ  

- ސަޢީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން