ފަލަސްޠީނަށް އެހީވުމަށް ޕީއެސްއެމުން ޚާއްސަ ޓެލެތޯނެއް ފަށަން ނިންމާފައިވާކަމަށް ދައުލަތުގެ މީޑީއާއިން ބުނެފިއެވެ.
މިކަމާބެހޭ މައުލޫމާތުދެއްވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ޓެލެތޯން ކުރިއަށްގެންދާނީ އިޖުތިމާޢީ ބޮޑު ހަރަކާތެއްގެ ގޮތުގައި ކަމަށެވެ.
"ޓެލެތޯން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ މީހުންނަށް އެފުރުޞަތު އެބައޮތް. ޓެލެތޯންގައި ބައިވެރިވުމުގެ ފުރުޞަތު ޖަމްއިއްޔާތަކާއި ޓީވީ އަދި ނޫސް މަޖައްލާތަކަށްވެސް ވަނީ ހުޅުވާލެވިފައި. ރަށްރަށުގެ ކައުންސިލްތަކާއި ކުންފުނިތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތް. ހާލުގައިޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެކަށީގެންވާ އެހީތެރިކަމެއް ލިބޭނެކަމަށް އުންމީދުކުރަނީ". ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވިއެވެ.
މި ޓެލެތޯން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫންމަހުގެ 12 ވަނަ ދުވަހު ކަމަށެވެ.