ޢިބްރަތްތެރި ވާހަކަ: އެކުވެރިޔާ އަބަދު ހެވިފަ ހުންނާތީ ހަސަދަވެރިވެ ފިރިމީހާ ޖަހައިގަތް އަންހެނަކަށް، މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައާ ހިތްދަތިކަން ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 24ސ
ޢިބްރަތްތެރި ވާހަކަ: އެކުވެރިޔާ އަބަދު ހެވިފަ ހުންނާތީ ހަސަދަވެރިވެ ފިރިމީހާ ޖަހައިގަތް އަންހެނަކަށް، މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައާ ހިތްދަތިކަން ލިބުނު ގޮތުގެ ވާހަކަ-

އެކުވެރިޔާ އުފަލުގައި ދިރިއުޅޭތަން ފެނުމުން އުފާކޮށް ހެޔޮދުޢާކުރުމުގެ ބަދަލުގައި އެންމެ ނުބައިކަން ބޮޑު ގޮތަށް ކަންކަން ކުރެވޭކަން އެއީ ކުރެވޭ އެންމެ ދެރަ އެއްކަންތަކެވެ. އެކަން އެނގިގެންދާ ވަރަށް ގިނަ ޙާދިސާތައް ގެނެސްދެވެއެވެ. ތިރީގައިވާ ވާހަކައަކީވެސް ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ. އިން ޝާ ﷲ  

އައިނަ އާ ޖީހާނަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. ޖީހާން ކައިވެނިކޮށްގެން އުފަލުގަ އުޅޭތަން ފެންނަން ފެށުމުން އައިނަ އެކަމަށް އުފާކުރީއެއް ނޫނެވެ. ހަސަދަވެރިވީއެވެ. އެހެންވެ އައިނަ ދިއައީ ކޮންމެ ގޮތަކުން ނަމަވެސް ޖީހާންގެ ފިރިމީހާ ލިބޭތޯ މަސައްކަތްކުރަމުންނެވެ.  

އައިނަ އަށް އަބަދުހެން ފެންނަނީ ޖީހާން އުފަލުން ހެވިފައި ހުންނަތަނެވެ. ފިރިމީހާ އާއިބެހޭ ގޮތުން މާގިނަ ވާހަކަތަކެއް ނުދައްކައެވެ. އެހެންވެ އައިނައަށް ޔަޤީންކުރެވިފައި އޮތީ ޖީހާން ފިރިމީހާގެ ވާހަކަތައް ކިޔައި ނުދެނީ ފިރިމީހާ ގެއްލިދާނެތީ ކަމަށެވެ.  

އައިނަ ކުރަމުން ދިއަ މަސައްކަތް ކާމިޔާބުކުރެވުނީ ކައިވެންޏަށް 2 އަހަރުވީފަހުންނެވެ. ޖީހާންގެ ފިރިމީހާ އޭނާވަރިކުރުމުންނެވެ. ޖީހާންގެ ފިރިމީހާ ޖީހާން ވަރިކުރީ އައިނަ އާއިހެދިކަން ޖީހާނަށް އެނގުނީ ވަރިކުރުމާއިއެކު ދެމީހުން ސައިކަލް ބުރުޖަހަން ފެށުމުންނެވެ. ރެސްޓޯރަންޓްތަކުން ފެންނަން ފެށުމުންނެވެ. އޭނާ ވަރިކުރުމަށްފަހު ކުޑަދުވަސްކޮޅެއްގެ ތެރޭގައި އައިނަ އާއި ކައިވެނިކުރުމުންނެވެ.  

އެކަން އެނގުނު ނަމަވެސް އައިނަ ޢާއި ދިމާއަށް އެއްވެސް ބަހެއްވެސް ނުބުނެއެވެ. ދެނެހުރިކަމަކަށްވެސް ނުހަދައެވެ. ނަމަވެސް ފޭސްބުކްގައި ލިޔެލިއެވެ. "އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އައިނަ އަހަރެންނަށް ވަރަށް ބޮޑު ހެޔޮކަމެއް ކޮށްދީފިއެވެ. އެކަމަށްޓަކައި ޝުކުރު އަދާކުރާނެ ގޮތެއްވެސް ނުއެނގެއެވެ. ހަމަ ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ."  

އެލިޔުން ފެނުމުންވެސް އައިނަ ހީކުރީ ޖީހާން ދެރަވީވަރުން ލިޔުނު ލިޔުމެއް ކަމަށެވެ. އެހެންކަމަށް ހީކޮށް އެލިޔުމަށް އަމިއްލައަށް ލައިކްވެސް ކުރިއެވެ.  

ޖީހާން ދެވަނަ ކައިވެންޏެއް ކުރީ ފުރަތަމަ ފިރިމީހާ އައިނަ އާއި ކައިވެކުރިތާ އަހަރެއްހައި ދުވަސްފަހުންނެވެ. ދެވަނަ ފިރިމީހާ އާއިއެކު ޖީހާން ދިރިއުޅޭތާ އަހަރެއްހައި ދުވަސް ފާއިތުވީތަނާ އައިނަ އަމިއްލައަށް ކޯޓަށް ގޮސްގެން އޭނާގެ ފިރިމީހާގެ ގާތުން ގަދަކަމުން ވަރިވެއްޖެއެވެ.  

ވަރިވުމަށްފަހު އައިސް ޖީހާން އާއި ބައްދަލުކޮށް ކުރެވުނީ ވަރަށް ބޮޑު ކުށެއް ކަމަށް ބުނެ މާފަށް އެދުނެވެ. އަދި ފިރިމީހާގެ ނުބައިކަމުގެ ވާހަކަތައް ކިޔައިދީފައި ސުވާލުކުރިއެވެ. "އޭނާ ޖީހާނަށްވެސް ކަންތައްކުރީ ހަމަ އެހެން ހެއްޔެވެ؟ އެހެންކަމަށްވާނަމަ ޖީހާން ކެތްތެރިވީ ކިހިނަކުން ހެއްޔެވެ؟  

ޖީހާން ބުންޏެވެ. "އަހަރެން މީހުންގެ ކުރިމަތީގައި ހިނިތުންވެގެން ހުރިނަމަވެސް އެކަނި ހުންނަންލިބޭ ވަގުތުތަކުގައި ދިއައީ ރޮއި ކަރުނައަޅަމުންނެވެ. އަދި އޭނާގެ ކިބައިން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަމުންނެވެ. އޭނާ ކަންކަން ކުރާ ގޮތުގެ ވާހަކަ ނުދެއްކީ ފިރިމީހާގެ ނުބައިކަމުގެ ވާހަކަ ދެއްކުމަކީ ލަދުވެތިކަމަކަށްވާތީއެވެ."  

އައިނައަށް ބުނެވުނެވެ. "އޭނާގެ ކިބައިން ސަލާމަތްވެވުނީތީ އަހަރެންވެސް އުފާކުރަމެވެ. އެއީވާ ދޫނުބައި މީހެކެވެ. އަމިއްލަ އެދުމުން ފުރިފައިހުރި ފިރިހެނެކެވެ. ހިލޭ އަންހެނުން ގެންގުޅުމުގައިވެސް ހުރީ ހައްދުފަހަނައަޅައިފައެވެ. އެންމެ ބޮޑަށް ރުޅި އަންނަން ޖެހުނީ އެހުރިހާ ކަމެއްގެ އިތުރަށް އަހަރެން ސޭވްކޮށްފައިހުރި ފައިސާކޮޅުވެސް ޕާސްވޯޑް ދަސްކޮށްގެން ވަގަށް ނެގުމުންނެވެ."  

ޖީހާންގެ ޖަވާބަކީ "އެހެން ހެއްޔެވެ؟" އިތުރު އެއްވެސް ވާހަކައެއް ނުދައްކައެވެ. ދެން ޖީހާން އައިނަގެ ކިބައިން އެދުނީ އެގެއަށް އައިސް ނުއުޅުމަށެވެ. އެހެން ކަމާއިއެކުވެސް އައިނަ އެގެއަށް ގޮސް އުޅުނެވެ. ދިއުމުން އަނެއްކާވެސް ފެންނަނީ ޖީހާން މާއުފަލުގައި އުޅޭތަނެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! ޖީހާން މިހާރު އަބަދު ހެވިފައި ހުންނަނީ ބޭރުފުށަކުން ނޫނެވެ! ހަމަ ހޭން ބޭނުންވެގެންނެވެ. ލިބުނު ދެވަނަ ފިރިމީހާއަކީ ޖަވާހިރެއްފަދަ ފިރިއަކަށްވުމުންނެވެ. މީހަކަށް ލިބޭނެ އެންމެ ރަނގަޅު ފިރިންގެ ތެރޭގައި ހިމެނޭވަރުގެ ފިރިއަކަށްވުމުންނެވެ.  

މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ ޖީހާންއެވެ. ކިޔައިދިނުމުގެ ފެޝަން ކުޑަކޮށް ބަދަލުކޮށްލީއެވެ. ދެން އައިނަ ފަދަ އެކުވެރިންނަށް، ބުނެލަން އޮތީ ލިބޭ ފިލާވަޅުތަކުން ދެންވެސް ޢިބްރަތް ޙާޞިލުކުރާށެވެ. މީހުންގެ ފިރިންގެ ފަހަތުން ދުވާނަމަ ގިނަ ފަހަރަށް ދިމާވާނީ ތިއަކަހަލަ ގޮތެކެވެ. ޖެހޭނީ މުޅި އުމުރަށްވެސް ކަރުނައަޅާށެވެ.

 

- ޖީހާން / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން