ޢިބްރަތްތެރި ވާހަކަ: ކައިވެނި ރޫޅި 3 ދަރިން ބަލަންޖެހި ގޮތް ހުސްވެފައި ހުރި ވަޒީފާގެ ގޮތުން އެކުވެރިއަކަށް އިންސާނިއްޔަތަށްޓަކާ އެހީތެރިވެދިން އަންހެނަކަށްޖެއްސި ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 19ސ
ޢިބްރަތްތެރި ވާހަކަ: ކައިވެނި ރޫޅި 3 ދަރިން ބަލަންޖެހި ގޮތް ހުސްވެފައި ހުރި ވަޒީފާގެ ގޮތުން އެކުވެރިއަކަށް އިންސާނިއްޔަތަށްޓަކާ އެހީތެރިވެދިން އަންހެނަކަށްޖެއްސި ޙާލުގެ ވާހަކަ-

ދުނިޔަވީ މަންފާއަކަށް ނުއެދި ކަންކަންކުރާ މީހުން ވަރަށް މަދެވެ. ނަމަވެސް މިވާހަކައަކީ ދުނިޔަވީ ގޮތުން ލިބިޑާނެ އެއްވެސް މަންފާއެއް ނެތްކަމާއި ޖެހޭނީ ބުރައުފުލަންކަން އެނގިހުރެވެސް އިންސާނިއްޔަތަށްޓަކައި އެކުވެރިއަކަށް އެހީތެރިވެދޭން ބޭނުންވެގެން މަންމަ ނުވެ ހުރެ 3 ދަރިންގެ ދޮންމަންމައަކަށްވީ އަންހެނެއްގެ ވާހަކައެވެ. އެކަމުގެ އަގު ވަޒަން ނުކުރިތަނުގައި އޭނާއަށް ބޭވަފާތެރިވެ ނިކަމެތިކޮށްލި ގޮތުގެ ވާހަކައެވެ.  

އެއިރުއަޅުގަނޑުގެ އުމުރަކީ 28 އަހަރެވެ. އެހައިތަނަށް ލޯބީގެ ގޮތުންވެސް މީހަކާ ވާހަކައެއް ނުދައްކަމެވެ. ކައިވެންޏެއް ކުރާކަށްވެސް ނުއުޅެމެވެ. އެހެން ހުއްޓާ އެކުގައި މަސައްކަތްކުރާ މީހެއްގެ ކައިވެނި ރޫޅުމުން އެކަމާއި އޭނާ ހިތާމަކުރާތަން ފެންނަން ފެށިއެވެ. ބައެއް ދުވަސްދުވަހު އޭނާ ކުރަންޖެހޭ މަސައްކަތްތައް ނުކުރެވިގެންވެސް އުޅެއެވެ.  

އެގޮތަށް ކަންކަން މެދުވެރިވާނަމަ އޭނާގެ ވަޒީފާ ގެއްލިދާނެތީ އޭނާއަށް ހިތްވަރުދޭން ދެއްކި ވާހަކަތަކުގެ ތެރެއިން ދެމީހުންގެ މެދުގައި ލޯބި އުފެދުނެވެ. ބޮޑަށް އަޅުގަނޑު ކިޔާނީ ހަމްދަރުދީ ކަމަށެވެ. އެހެންވެ އޭނާއަށް ބަލަންޖެހިފައިވާ 3 ދަރިން ތިބިކަންވެސް އެނގިހުރެމެ ދަރިއަކުވެސް ނުލިބިހުރެ 3 ދަރިންގެ ދޮންމަންމައަކަށްވީމެވެ. ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑު އެކައިވެނިކުރީ އެ 3 ކުދިންނަށް އުޅެންޖެހިފައި އޮތް ދަތިޙާލުގެ ސަބަބުންނެވެ.  

މިސާލަކަށް ބުނާނަމަ ކައިވެނިކުރުމުން އަޅުގަޑަށް ލިބޭނެ އެއްވެސް ދުނިޔަވީ މަންފާއެއް ނެތެވެ. އޭނާގެ މުސާރަ އަޅުގަނޑަށްވުރެ ކުޑައެވެ. ލިބޭ މުސާރައިން އުޅެނީ ދެކޮޅު ނުޖެހިގެންނެވެ. އެކަން އަޅުގަނޑަށް ރަނގަޅަށް އެނގެއެވެ. ވީމާ އެވަރުގެ މީހަކާއި ކައިވެނިކުރުމުން ދުނިޔަވީ ގޮތުން އަޅުގަނޑަށް ކުރާނީ ކޮންފައިދާއެއްތޯއެވެ؟  

އެއިރު ފިރިމީހާ ދިރިއުޅެމުން އައީ ތަނެއް ކުއްޔަށް ހިފައިގެންނެވެ. ކައިވެނިކުރުމަށްފަހު އަޅުގަނޑުގެ އެޕާޓްމަންޓަށް ބަދަލުކުރުވައި ފިރިމީހާ އާއި ކުދިންނަށް ޚިދުމަތްކުރަން ފެށީމެވެ. ދުވަސްކޮޅެއްވީތަނާ ދޭތެރެދޭރެއިން ކުދިންގެ މަންމަ ކުދިން ދެކެން އަންނަން ފަށައިފިއެވެ. އެކަމަށް ހުރަހެއް ނުއަޅަމެވެ. ދަރިންނަށް މަންމަގެ ލޯބި ބޭނުންވާނެތީއެވެ. 

ބައެއް ދުވަސްދުވަހު ފިރިމިހާ އާއި ވަރަށް ގާތުގައި އިނދެގެން ވާހަކަ ދައްކާތަންވެސް ފެނެއެވެ. އެކަމަކަށްވެސް ސަމާލުކަމެއް ނުދެމެވެ. އެއީ ފިރިމީހާ ދެން އޭނާ އާއި ނުގުޅޭނެކަމަށް އަބަދުހެން ޔަޤީންކަންދޭތީއެވެ.  

ކޮންމެއަކަސް އަޅުގަނޑުމެންގެ ކައިވެންޏަށް 10 އަހަރުފުރުނުތަނާ އެއްރޭ ކާން ތިއްބާ އެ އަންހެނާ ރޮމުން ރޮމުން އައިސް ގެއަށް ވަދެއްޖެއެވެ. ބުނީ ފިރިމީހާ ވަރިކޮށްލާފައި ގެއިން ނެރެލީކަމަށެވެ. ލިބިފައި ތިބި 2 ދަރިންވެސް އަތުލީ ކަމަށެވެ. އެހެންވެ އަޅުގަނޑުގެ ގޭގައި ކުދިން ނިންދަވާ ކޮޓަރީގައި ނަމަވެސް "ރަށުދޯނި އަންނަންދެން" ބައިންދާލަ ދިނުމަށް އެދޭކަމަށެވެ.  

އޭނާގެ ކުދިން ތިބީ އެއިރު ބޮޑެތިވެފައެވެ. އެންމެ ކުޑަކުއްޖާއަށްވެސް 12 އަހަރެވެ. ވީމާ ކަންކަން ވިސްނޭތީ 3 ކުދިންވެސް އެއިރު ތިބީ އަޅުގަނޑުގެ މޫނަށް ބަލަހައްޓައިގެންނެވެ. އަޅުގަނޑު ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. ފިރިމީހާ އަޅުގަނޑުގެ ޖަވާބަކަށް އެދުމުން ބުނީމެވެ. "ފިތުނައަކަށްނުވެ ނިމޭނެ ނަމަ މައްސަލައެއް ނެތެވެ."  

ދެންވީ ގޮތަކީ މަސް ދެމަހަށް، ދެމަސް 3 މަހަށްވެގެންދިއައިރުވެސް އެބުނާ ރަށުދޯންޏެއް ނައެވެ. އަދި އެވަރުން ނުވެގެން އަޅުގަނޑުގެ އަމިއްލަ ގޭގައި އަޅުގަނޑަށް އަމުރުކުރަން ފަށައިފިއެވެ. އަޅުގަނޑު ފިރިމީހާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްނުދެވޭކަން ދައްކަން ފަށައިފިއެވެ. އެވަރުންވެސް ދެނެހުރިކަމަށްވެސް ނުހަދައި ކެތްކުރަން މަސައްކަތްކުރީމެވެ.  

ކެތްތެރިކަން ކޮޅުންލީ އަޅުގަނޑުގެ ފިރިމީހާ އާއި އޭނާ އާއި ދެމެދުގައި އަލުން ގުޅުން އުފެދި ބޭރުތެރެއިން ބައްދަލުކޮށް އުޅެންފަށައިފިކަން އެނގުމުންނެވެ. އަދި ކުދިން ސްކޫލަށްދާ ވަގުތު ފިރިމީހާ ގެއަށް އައިސް ސިއްރުން ދެމީހުން ކޮޓަރީގައި އުޅޭކަން ފަޅާއެރުމުންނެވެ.  

އެވަރުންވެސް ދެމީހުންކުރެ މީހަކު އެއްބަހެއް ނުވެއެވެ. ހަދަމުން ދިއައީ ބޮޑެތި ދޮގުތަކެވެ. އަދި ހަދާ ދޮގުތައް ފިރިމީހާގެ ފޯނުން ފަޅާއަރުވާލުމަށްފަހު ވަރިކޮށްފައި އެންމެން އެކުގައި ގެއިން ނުކުންނަން ބުނީމެވެ. ކުޑައިރުންސުރެ ގެންގުޅުނު ދަރިން ކަމުގައިވާތީ ދަރިލޯބި ޖެހިފައި ހުރުމުން ބޭނުން ކުއްޖަކަށް ދޮންމަންމަ ގާތު މަޑުކުރެވޭނެ ކަމަށާއި މަޑުކޮށްފިނަމަ ބަލައިދޭނެކަމަށްވެސް ބުނީމެވެ.  

ދަންނަވަންތޯއެވެ؟ 3 ކުދިންވެސް މަޑުކުރީއެވެ. އެންމެ ކުއްޖަކުވެސް ނުދިއައެވެ. ހަގުދަރިފުޅު ގާތު އަޅުގަނޑުކުރިމަތީގަ އަޅުގަނޑު ނުބައިވާނެކަމަށްބުނުމުންވެސް ބުނީ ނުބައިވީމާ ދާނެ ކަމަށެވެ.  

އެއިރު އަޅުގަނޑުގެވެސް 2 ދަރިން ތިއްބެވެ. ވީމާ އަމިއްލަ އިޚްތިޔާރުގައި 5 ދަރިންބަލާ އެކަނިވެރިމައަކަށްވީމެވެ. ނަމަވެސް އަޅުގަނޑަށް މާގިނަ ދުވަހަކު އެކަނި އިންނާކަށް ނުޖެހުނެވެ. 5 ދަރިންނާއިއެކުވެސް ކައިވެނިކުރާނެ މީހަކުވެސް ލިބުނެވެ.  

މިއަދު އެ 3 ދަރިން ކައިވެނިކޮށްގެން އުޅުނީ އަމިއްލަ ދިރިއުޅުމެވެ. ފިރިންނާއިއެކުގައެވެ. އަނބިންނާއިއެކުގައެވެ. 3 ކުދިންވެސް މަންމަ ކަމުގައި ބަލަނީ އަޅުގަނޑެވެ. އަމިއްލަ ދަރިން ފަދައިން ޙާލުބަލައި އަޅާލައި އެހީތެރިވެއެވެ. އެކަމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއްވެސް ލިބެއެވެ. އެހުރިހާ ކަމަކަށްވުރެ ބޮޑަށް އުންމީދުކުރަނީ އަޅުގަނޑު އެކުދިންނަށްޓަކައި އުފުލި ބުރައަށް ﷲ ދެއްވަވާނެ ޖަޒާއަށެވެ. 5 ދަރިންނާއިއެކު ކައިވެނިކުރާނެ ރަނގަޅު މީހަކު ލިބުނުކަން އެއީވެސް ކޮންފަދަ ބޮޑު ނިޢުމަތެއްތޯއެވެ؟  

މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާ މިކުރީ ވަރަށް ކުރު ގޮތަކަށް އަޅުގަނޑުގެ ޙަޔާތުގައި ކަންކަން މެދުވެރިވި ގޮތެވެ. އަޅުގަނޑަކީ މާރަނގަޅަށް ކަންކަން ކުރެވުނު އަންހެނެއްކަމަށް ބުނާކަށް ނެތީމެވެ. އެކަން ބައްލަވައިވޮޑިގެންވަނީ ﷲ އެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތެއް އޮތްނަމަ ޙާޞިލުކުރައްވާށެވެ.  

- ފަޒުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން