ފިރިން ވިސްނަންޖެހޭ ކަމެއް!: ފިރިމީހާ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލައިގެން ތިބެނީ ލޯބިނުވާތީ! ޝަކުވާކުރަމުން ފަހަތުން ދުވަނީ ލޯބިވާވަރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ފިރިން ވިސްނަންޖެހޭ ކަމެއް!: ފިރިމީހާ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލައިގެން ތިބެނީ ލޯބިނުވާތީ! ޝަކުވާކުރަމުން ފަހަތުން ދުވަނީ ލޯބިވާވަރުން!

ފިރިމީހާ ކުރާނެ ކަމެއްކޮށް އުޅޭހައި ގޮތަކަށް އުޅެން ދޫކޮށްލައިގެން ތިބޭ އަނބިންވެސް އުޅެއެވެ. ބައެއް ފިރިންނަށް ވިސްނެނީ އެންމެ ރަނގަޅު އަނބިންނަކީ އެއީ ކަމަށެވެ. އަދި އެމީހުން އެގޮތަށް މަޑުން ތިބެނީ ތިމާދެކެ ލޯބިވާވަރު ބޮޑުކަމުން ކަމަށެވެ. ނަމަވެސް މިއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. 

އަންހެނުންގެ ތެރޭގައި 3 ބާވަތެއްގެ އަންހެނުން ހިމެނެއެވެ. 

އެއްބާވަތަކީ އޭނާ ހިތްހަމަނުޖެހޭ ގޮތަކަށް ފިރިމީހާ އުޅޭނަމަ އަވަސްއަވަހަށް އަލްވިދާޢުކިޔާފައި ދުރަށްދާ އަންހެނުންނެވެ. ދެވަނަ ބާވަތަކީ ކޮންމެ ގޮތަކުން ނަމަވެސް ފިރިމީހާގެ ކިބައިގައި ހުންނަ ނުރަނގަޅު ސިފަތައް އިޞްލާޙްކުރުވޭތޯ މަސައްކަތްކުރާ އަންހެނުންނެވެ. ތިންވަނަ ބާވަތަކީ ފިރިމީހާ ކުރާނެކަމެއް ކުރަން، އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލައިގެން ތިބޭ އަންހެނުންނެވެ. 

ފުރަތަމަ ބާވަތުގެ އަންހެނުން އެގޮތަށް ކަންތައް ކުރަނީ އިޞްލާޙްވެގެން ރަނގަޅު ދިރިއުޅުމެއް އުޅެން ބޭނުންނުވާ ފިރިންނާއިއެކު ވަޤުތު ހޭދަކުރުމަށްވުރެ ވަކިވެ އެހެން ދިރިއުޅުމެއް އުޅެން ފެށުން ރަނގަޅުވާނެކަމަށް ޤަބޫލުކުރެވޭތީއެވެ. 

ދެން ބަލައިލާނީ 3 ވަނަ ބާވަތަށެވެ! ފިރިމީހާ ކުރާނެކަމެއް ކުރަން، އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލައިގެން ތިބޭ އަންހެނުންގެ ތެރޭގައި 2 ޙާލަތެއް އޮވެއެވެ. އެއް ޙާލަތަކީ އޭނާގެ ނިކަމެތިކަމުން ކަސްތޮޅު އެޅިފައިވާތީ ކުރެވޭނެ އިތުރުކަމެއް ނެތުމުން (ދަރިންތަކެއް ލިބުމުން ފަދަ) މަޑުން ތިބޭ އަންހެނުންނެވެ. ދެވަނަ ޙާލަތަކީ ފިރިމީހާދެކެ ލޯބިނުވެފައި އޭނާގެ ތަނަވަސްކަމުން ތިމާގެ ހިތްފުރޭތީ މަޑުންތިބޭ އަންހެނުންނެވެ. 

ދެން ފާހަގަކުރާނީ 2 ވަނައަށް ބުނި އަންހެނުންނެވެ. އެމީހުން ފިރިމީހާ އާއި ޒުވާބުކުރަންޖެހިއްޖެނަމަ ޒުވާބުވެސްކުރާނެއެވެ. ފަހަތުން ދުވަންޖެހިއްޖެނަމަ ފަހަތުން ދުވަންވެސް ދުވާނެއެވެ. ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރާނެއެވެ. އެއީ ފިރިމީހާ ދެކެ ލޯބިވާތީއެވެ. އޭނާގެ ކިބައިގައި ހުރި ނުރަނގަޅު ސިފަތައް އިޞްލާޙްކުރުވައިގެންވެސް އެކުގައި ދިރިއުޅެން ބޭނުންވާތީއެވެ. 

ފިރިންނަށް ބުނެލަން ބޭނުންވަނީ ކަލޭމެން އުޅޭނެ ގޮތަކަށް އުޅެން ރުހިގެން އަޅާނުލައި ތިބުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްދެކޭނަމަ އެއީ ހަމަ މޮޔަވިސްނުމެކެވެ. ކުރިން ބުނިފަދަ މަޖުބޫރު ޙާލަތެއް ނެތި އެގޮތަށް މަޑުން ތިބޭ އަންހެނުންގެ ޙަޤީޤަތްވެސް މިބަޔާންކުރީއެވެ. 

އަނބިމީހާ ކަމަށްވީނަމަވެސް ދޭ ހެޔޮ ނަޞޭޙަތް ޤަބޫލުކުރާށެވެ! އަނބިން ކަންބޮޑުވާ ކަންކަމަށް ސަމާލުކަން އިތުރުކުރާށެވެ! އަނބިން ހުށަހަޅާ ކަންކަން އިޞްލާޙްކުރާށެވެ! އަނބިންގެ ކިބައިންވެސް ކިޔަމަންތެރިކަން ފެނި ލޯބި އިތުރުވަމުންދާނީ އެއިރުންނެވެ. އިން ޝާ ﷲ 

މިއީ ކައިވެނީގެ މައްސަލަތައް ޙައްލުކުރަން ކައުިންސިލިންގ ދެއްވާ ދުނިޔޭގެ ފެންވަރުގެ ބޭފުޅަކު ވިދާޅުވެފައިވާ ވާހަކައެކެވެ. 

- އަލަފް / މިއަދުނޫސް

 

މިއަދު އޮންލައިން