ޢިބްރަތްތެރި ވާހަކަ: އެކަނިވެރިކަމާ ދަތި ޙާލުގަވެސް ދަރިފުޅު ދޫކޮށްނުލައި ބަލަން މަސައްކަތްކުރި އަންހެނަކަށް ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 10ސ
ޢިބްރަތްތެރި ވާހަކަ: އެކަނިވެރިކަމާ ދަތި ޙާލުގަވެސް ދަރިފުޅު ދޫކޮށްނުލައި ބަލަން މަސައްކަތްކުރި އަންހެނަކަށް ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-

އަބަދުވެސް ބުނާފަދައިން ދަރިން ދެއްވަވަނީ އަހުރެމެންނަށް ނަމަވެސް ދަރިންނަކީ އަހުރެމެންގެ އަމިއްލަ މިލްކެއް ނޫނެވެ. އަހުރެމެންނާއި ﷲ ތަޢާލާ ޙަވާލުކުރައްވަވާ ވަރަށް ބޮޑު އަމާނާތެކެވެ. ސަބަބުތައް މެދުވެރިވެ ކިތަންމެ ދަތިޙާލެއްގައި ދިރިއުޅެންޖެހުނަސް ދަރިފުޅަށް ދެރަވާނެގޮތެއް ހަދައިގެންނުވާނެއެވެ. 

އެކަނި ދަރިން ބަލަން ޖެހުމުން އުފުލަންޖެހޭ ތަކްލީފްތައް ގިނަވެދާނެއެވެ. ބުރަވެސްވެދާނެއެވެ. ޘާބިތުވެ ހިތްވަރުކޮށްލައިފިނަމަ ދެއްވަވާ ނިޢުމަތްތައް މާފުރިހަމަވާނެއެވެ. މާއުފާވެރިވާނެއެވެ. 

ތިރީގައިވާ ވާހަކައަކީވެސް އެކަން ވަރަށް ރަނގަޅަށް އެނގިގެންދާ ވާހަކައެކެވެ. ވިދާޅުވެލައްވައި އިތުރަށް ޔަޤީންކޮށްލައްވާށެވެ!   

އަޅުގަނޑަކީ މައިންބަފައިންގެ އެހީތެރިކަމާއިއެކު މެލޭސިޔާގައި ކިޔަވަމުން ދިއަ އަންހެނަކީމެވެ. އަޅުގަނޑުގެ ކިޔެވުން ނުނިންމައި ކައިވެނިކުރުމުން އަޅުގަނޑަށް އެހީތެރިކަން ކަނޑާލައި އަމިއްލައަށް ދިރިއުޅެން ބުންޏެވެ. އެންމެ ބޮޑު ސަބަބަކީ ފިރިމީހާ އާއިމެދު ބައްޕަވެސް އަދި މަންމަވެސް ނުރުހޭކަމެވެ. ބައްޕަވެސް މަންމަވެސް ބުނީ އެއީ ރަނގަޅު ޢާއިލާއެއްގެ ކުއްޖެއް ނޫން ކަމަށާއި އޭނާގެ ކިބައި އަޚްލާޤީ ރަނގަޅު ސިފަތައް ނުހުންނާނެ ކަމަށެވެ. 

އެއިން އެއްވެސް ޥާހަކައެއް ޤަބޫލުނުކޮށް އަމިއްލައަށް ބޭނުންވި ގޮތަށް ކަންކަން ކުރުމުން އަޅުގަނޑާއިމެދު އަޅުގަނޑުގެ މައިންބަފައިން ކަންތައްކުރިގޮތް ކުށްވެރިކުރާކަށް ނެތީމެވެ. ކުށްވެރިއަކީ އަޅުގަނޑުކަމަށްވާތީއެވެ. 

ކޮންމެއަކަސް ކައިވެންޏަށް 2 އަހަރުވީއިރު ދަރިއަކު ލިބިއްޖެއެވެ. ދަރިއަކު ލިބުނުތަނާ ފިރިމީހާ އަޅުގަނޑު ވަރިކޮށްލާފައި އޭނާއާއި ބައްދަލުވި އޮސްޓްރޭލިއާ އަންހެނަކާއި ކައިވެނިކޮށްގެން ފިރިމީހާ ހިނގައްޖެއެވެ. އެކަނިވެރިވެއްޖެއެވެ. ގަތްލަދުން އެވާހަކަ މައިންބަފައިން ގާތަކު ނުވެސްބުނަމެވެ. 

އެހިސާބުން ގިނަ އެކުވެރިން ލަފާދިނީ ދަރިފުޅު ކޮންމެވެސް ތަނަވަސް ދެމަފިރިއަކަށް ދިނުމަށެވެ. ނުވަތަ ޔަތީމްޚާނާއަކަށް ލުމަށެވެ. އެއީ ކުއްޖަކު އޮތުމުން ދެވަނަ ކައިވެންޏެއްވެސް ކުރަން އުނދަގޫވާނެ ކަމަށްބުނެއެވެ. ނަމަވެސް އަޅުގަނޑު އެގޮތް ބޭނުމެއް ނުވިއެވެ. ހަމަގައިމުވެސް އެދަރިފުޅަކީ އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވެގެން ހޯދިކުއްޖެކެވެ. ވީމާ ދަރިފުޅުގެ ބައްޕައަށް އޭނާގެ ބޭނުމެއް ނެތްނަމަވެސް އަޅުގަނޑަށް އެއީ ހަމަރަނގަނޑަކަށްވާތީއެވެ. 

އެއިރު އަޅުގަނޑަކީ ޓީޗަރެކެވެ. ކިޔަވައިދޭންދަނީ މެންދުރުއެވެ. ހެނދުނު ދަނީ އަމިއްލައަށް ކިޔަވާށެވެ. ކިޔަވަންދަމުން ބައެއް ދުވަސްދުވަހު ދަރިފުޅު ގެންދަމެވެ. އެއީ އެޔުނިވަރސިޓިގައި ހުއްދަ ކަމަކަށްވާތީ އެހެން ބައެއް ދަރިވަރުންވެސް ދަރިން ގެންދެއެވެ. 

އެއްދުވަހަކު ކިޔަވައި ނިމިގެން ދަރިފުޅު އުރާލައިގެން ނުކުތްތަނާ ބައްދަލުވި މެލޭސިޔާގެ ޒުވާނަކު ޖޫސްތަށްޓެއް ބޯލަން ދައުވަތިދިނުމުން ޤަބޫލުކުރީމެވެ. ޒުވާނާ ފުރަތަމަ ސުވާލުކުރީ ދަރިފުޅުގެ ބައްޕަ ކޮބައިތޯއެވެ؟ ޖަވާބުގައި ޙާލަތު ކިޔައިދިނުމުން އޭނާ ސުވާލުކުރީ އިތުރު ކައިވެންޏެއް ކުރަން ނުވިސްނަންތޯއެވެ؟ ޖަވާބުގައި ވިސްނާ ކަމަށާއި "ރައިޓް ޗޮއިސްއެއް" ލިބެންދެން މަޑުކުރަނީ ކަމަށް ބުނީމެވެ. އޭނާ އަޅުގަނޑާއި ވަކިވީ އޭނާގެ އެޑްރެސްކާޑު ދީފައެވެ. އަދި ހުކުރު ދުވަހު ހަވީރު ދަރިފުޅު ގޮވައިގެން އޭނާގެ ގެއަށް ގޮސް ޢާއިލާ އާއި ބައްދަލުކުރަން ދައުވަތުދީފައެވެ. 

ދައުވަތު ޤަބޫލުކޮށް އެގެއަށް ދިއުމުން އޭނާގެ މައިންބަފައިންނަށް އަޅުގަނޑު ތަޢާރަފްކޮށްދިނެވެ. އަދި އެކަނި ދަރިއަކުބަލަހައްޓަމުން ވަޒީފާ އަދާކުރަމުން ކިޔަވަން މަސައްކަތްކުރާ ވަރަށް ގަޓްހުރި އަންހެނެއްކަމަށް ބުންޏެވެ. އެވާހަކަތައް އަޑުއަހާފައި އޭނާގެ މައިންބަފައިންވެސް އަޅުގަނޑަށް ވަރަށް ތައްރީފްކުރިއެވެ. އަދި ދަރިފުޅު ގޮވައިގެން އެކަނި އެޕާޓްމަންޓެއް އިނުމުގެ ބަދަލުގައި އެގެއަށް ބަދަލުވާން ދައުވަތުދިނެވެ. އެދެމަފިރިންގެ މާމަކާފަ ދަރިއަކު ނެތުމުން ވަރަށް ލޯބިން ބަލަހައްޓައިދީ ކަންކަން ކޮށްދޭނެ ކަމަށްވެސް ބުންޏެވެ. 

އަޅުގަނޑު އެގެއަށް ބަދަލުވީމެވެ. އެމީހުން ވައުދުވީ ފަދައިން ކަންކަން ކޮށްދިނެވެ. އެކަންވެގެން ދިއައީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ލުޔަކަށެވެ. ދަރިފުޅުގެ ހުރިހާ ޚަރަދެއްވެސް އެދެމަފިރިން ކޮށްދޭތީ އެކަންވެސްވީ ލިބުނު ވަރަށް ބޮޑު ލުޔަކަށެވެ. 

އެގޭގައި ހުންނަތާ 2 އަހަރުފަހުން މިހާރުވަނީ އަޅުގަނޑާއި އެޒުވާނާގެ ކައިވެނިވެސް މައިންބަފައިން ކޮށްދީފައެވެ. ކައިވެނިކުރި ފަހުން ބުނީ އެކަންކުރީ އެހެން މީހަކާއި ކައިވެނިކޮށްފިނަމަ ދަރިފުޅު އެގެއިން ގެންދާނެތީ އެކަން ހުއްޓުވަން ކަމަށެވެ. އަދި އަޅުގަނޑުގެ ކިބައިންވެސް އެމީހުންނަށް ޤަބޫލުކުރެވޭ ރިވެތި އަޚްލާޤީ ސިފަތަކެއް ފެނުމުން ކަމަށެވެ. 

ކޮންމެއަކަސް މިއަދުި އަޅުގަނޑަކީ ހަމަ ވަރަށް އުފަލުގައި ފިރިއެއްގެ ލޯބީގެ އިތުރުން މައިންބަފައިންގެ ލޯބިވެސް ލިބިގެން ދިރިއުޅޭ އަންހެނަކީމެވެ. އަޅުގަނޑުގެ ދެވަނަ ކައިވެނީގެ ހަފްލާގައި އަޅުގަނޑުގެ މައިންބަފައިންވެސް ބައިވެރިވިއެވެ. އަދި އެހިށާބުން އެދެމަފިރިންގެ ލޯތްބާއި އަޅައިލުންވެސް އަންނަނީ ލިބެމުންނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް މައިންނަށް ބުނެލަން ބޭނުންވަނީ ނަމަނަމަ ދަރިން ބާކީކޮށް އެއްލައި ނުލާށެވެ! އެކަނި ދަތިޙާލުގައި ގެންގުޅެން ޖެހިއްޖެނަމަ އެއީވެސް ނިޢުމަތެކެވެ. އަދި ހަމަ އަޅުގަނޑަށް ލިބުނު ފަދަ ނިޢްމަތެއް ލިބޭ ސަބަބަކީ ދަރިފުޅުކަމުގައިވެސް ވެދާނެއެވެ. 

ދެން ބުނެލަން ބޭނުމީ ދަރިއަކު ލިބުމަކީ ކިޔެވުން ހުއްޓައިލާ ސަބަބަކަށް ނުހަދާށެވެ! ނުކިޔަވައިފިނަމަ އަބަދުވެސް ތިބެންޖެހޭނީ އަޅުވެތިވެގެންނެވެ. ވީމާ އަންހެނުންވެސް ކިޔަވައި މޮޅުވާން އެބަޖެހެއެވެ. ދަރިން ބަނޑުލައިގެން ނަމަވެސް ކިޔަވާށެވެ! ފިރިންނަށް އިތުބާރުކޮށް ކިޔެވުން ހުއްޓައިލުމަކީ ނުވަތަ މެދުކަނޑައިލުމަކީ އަންހެނަކަށް ކުރެވޭނެ އެންމެ މޮޔަ އެއްކަންތައްކަން ވަރަށް ރަނގަޅަށް ތަޖުރިބާކޮށްފީމެވެ! 

- ނަރީޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން