ޢިބްރަތްތެރި ވާހަކަ: އަނބިމީހާ 8 އަހަރުދުވަހު މަސައްކަތްކޮށްގެން ޖަމާކޮށްފައި ހުރި ފައިސާ މަކަރާ ޙީލަތުން އަތުލުމަށްފަހު ވަރިކުރި މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޢިބްރަތްތެރި ވާހަކަ: އަނބިމީހާ 8 އަހަރުދުވަހު މަސައްކަތްކޮށްގެން ޖަމާކޮށްފައި ހުރި ފައިސާ މަކަރާ ޙީލަތުން އަތުލުމަށްފަހު ވަރިކުރި މީހެއްގެ ވާހަކަ-

އަޅުގަނޑަކީ ޢުމުރުން 18 އަހަރު ފުރުނީންސުރެ ވަޒިފާ އަދާކުރާ އަންހެނަކީމެވެ. ފުރަތަމަ ލިބުނު މުސާރައިންވެސް ތިންބައިކުޅަ އެއްބައި ދިނީ މަންމައަށެވެ. ޚަރަދުކުރަނީ ވަރަށް ބަލައިގެންނެވެ. އެހެންވެ ޢުމުރުން 25 އަހަރުވީއިރު އަތުގައި ރަނގަޅު ޢަދަދެއްގެ ފައިސާކޮޅެއް ޖަމާވެފައި ހުއްޓެވެ. އުންމީދުކުރަމުން އައީ އަމިއްލައަށް ކޮންމެވެސް މަސައްކަތެއް ކުރަން ފެށުމަށެވެ.  

ކައިވެނިކުރީ ވަރަށް ފޮނި އުންމީދުތަކަކާއިއެކުގައެވެ. މާލީ ގޮތުންވެސް އެހީތެރިކަން ލިބޭނެ ކަމަށް އުންމީދުކޮށްގެންނެވެ. އޭނާއަކީވެސް ރަނގަޅު މުސާރައެއް ލިބޭ މީހަކަށްވުމުން އިތުބާރުކޮށްފައެވެ.  

ކައިވެންޏަށް އަހަރުވީތަނާހެން ފިރިމީހާ ބުނީ އޭނާ ކުރަންފަށަން އުޅޭ މަސައްކަތެއް ފެށުމަށް މާލީ އެހީތެރިކަމެއް ބޭނުންވާކަމަށާއި މަސައްކަތް ފެށުމުން އަނބުރައި ދޭނެ ކަމަށެވެ. ފިރިމީހާކަމަށްވުމުން އިތުބާރުކޮށްފައި އަތުގައި ހުރި ފައިސާކޮޅު ދިނީމެވެ.  

2 އަހަރުވީއިރުވެސް އަނބުރައި އެންމެ ރުފިޔާއެއްވެސް ނުދިނުމުން ކޮންމެ މަހަކުވެސް ކޮންމެވެސް ވަރެއް ދޭން ބުނުމުން ދޭނެކަމަށް ބުނެފައިވެސް ނުދިނެވެ. އެހެންވެ ކޮންމެ މަހަކުވެސް ހަނދާންކޮށްދޭން ފެށުމުން ބޮލަށް އުނދަގޫކުރަނީކަމަށްބުނެ ވަރިކޮށްލާފައި ދިއައީއެވެ.  

ކޯޓަށް މައްސަލަ ހުށަހެލުމުން އެނގުނު ގޮތުގައި އޭނާގެ އެފަދަ އެތައް މައްސަލަތަކެއް ކޯތުގައި ނުނިމިވެސް އެބަހުއްޓެވެ. 3 މީހެއްގެ ދަރަނީގެ މައްސަލަ ވަނީ ޘާބިތުވެފައެވެ. ވީމާ ކޯޓުން މައްސަލަ ނިމުނަސް އެންމެ ރުފިޔާއެއްވެސް ލިބޭނެ ކަމުގެ އުންމީދެއް ނެތެވެ.  

އަޅުގަނޑުގެ ކުށް ޤަބޫލުކުރަމެވެ. އެއީ ފިރިމީހާ ކަމަށް ވުމުން އިތުބާރުކުރެވުނު ކަމެވެ. މިއަދުނޫހުގެ ކިޔުންތެރި އުޚުތުންނަށް ބުނެލަން ބޭނުންވަނީ ފިރިމީހާކަމަށްވީނަމަވެސް މިއަދު މިއޮތީ ފައިށާގެ ކަންކަމުގައި ވަރަށް ބޮޑަށް ވިސްނަން ޖެހިފައެވެ. ނުވިސްނައިފިނަމަ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެއެވެ.  

- ޢަޒީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން