އޭނާހުރީ ވަރަށް ނިކަމެތި ޙާލަތެއްގައެވެ. އަނބިމީހާ ވިހަން ގާތްވަނީއެވެ. ވަޒީފާއެއް ނުލިބެއެވެ. އަތަކު ފައިސާއެއް ނެތެވެ. ފްލެޓުގެ ކުލި ނުދެއްކޭތަނުގައި ބިލްތަކެއްވެސް ނުދެއްކެއެވެ. އެހެންވެ ފައިސާ ނުދެއްކޭނަމަ ފްލެޓް ހުސްކުރުމަށް ވެރިފަރާތުން ވަނީ ނޯޓިސްދީފައެވެ.
މިޙާލަތުގައި ހުއްޓައި ފްރާންސްގެ އެންމެ މަޝްހޫރު އެއް ސިޓީ ހޮޓަލުން އޭނާއަށް ވަޒީފާއެއް ލިބުނެވެ. ނަމަވެސް ވަރަށް އާދަޢާއި ޚިލާފް ޝަރުޠަކާއިއެކުގައެވެ. އެ ޝަރުޠަކީ ހޮޓަލުގެ ވެރިޔާ (އަންހެނެއް) ބޭނުންވާ ރޭރޭ އޭނާއާއިއެކު ރޭކުރުމެވެ.
މިކަން އޭނާއަށްވީ ވަރަށް ބޮޑު ކަމަކަށެވެ. ސަބަބަކީ އޭނާއަކީ ދުވަހަކުވެސް އަނބިމީހާއަށް ބޭވަފާތެރިވާން ބޭނުންވާ މީހަކަށް ނުވުމެވެ. އެހެންކަމާއިއެކުވެސް ޙާލަތުހުރިގޮތުން ވަޒީފާ ޤަބޫލުކުރުމަށްފަހު ގެއަށް ގޮސް އަންހެނުންނާއި ސުވާލުކުރިއެވެ. "މިވަޒީފާ އަހުރެންނަށް ނުލިބުނުނަމަ ކަލާ ބުނާނީ ކީކޭހެއްޔެވެ؟"
ވިސްނާލުމަށްފަހު އަނބިމިހާ ބުންޏެވެ. "ވަރަށް ދެރަވާނަމެވެ. ނަމަވެސް ކަލާއަށް ކޮންމެވެސް ވަޒީފާއެއް ލިބޭނެއެވެ. ވީމާ ތިއަވަޒީފާ ނުލިބުނަސް އެއީ އެހައިބޮޑުކަމެއް ނޫނެވެ. އަހުރެންނަށް ބޮޑުކަމަކަށްވާނެ ހަމައެކަނި ކަލާ އަހުރެންގެ ޙަޔާތުން ގެއްލުމެވެ."
އަނެއްރެއަކީ ވެރިމީހާ އޭނާއަށް ބޭނުންވި ރެއެވެ. ވެރިމީހާގެ ގެއަށް ދިއައިރު އޭނާ އިނީ ވަރަށް ކުޑަކުޑަ ހެދުންކޮޅެއް ލައިގެން އޭނާގެ އިންތިޒާރުގައެވެ. ވަރަށް ބޮޑަށް ވިސްނައިލުމަށްފަހު އޭނާ ވެރިމީހާއަށް ބުންޏެވެ. "އަހުރެންނަށް ވަޒީފާއެއް ދިނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. ނަމަވެސް އަހުރެންނަކީ އުޞޫލުތަކެއްގައި ހިފަހައްޓާ މީހަކީމެވެ. އެހެންވީމާ އަހުރެންގެ އަނބިމީހާއަށް ބޭވަފާތެރިވާކަށް ބޭނުމެއް ނޫނެވެ."
ވެރިމީހާ ބުންޏެވެ. "އަހުރެންނަށް އެއްބާރުލުން ދީފިނަމަ މިހާރުދީފައިވާ ވަޒިފާއަށްވުރެ މާމަތީވަޒީފާއެއް ދޭނަމެވެ. ހޮޓަލުގެ މެނޭޖަރުގެ ވަޒީފާ ކަލެއަށް ލިބޭނެއެވެ. އިންކާރުކޮށްފައި ހިނގައްޖެނަމަ ސިޓީގެ އެއްވެސް ތަނަކުން ވަޒީފާއެއް ނުލިބޭނެވަރު ކުރާނަމެވެ. ބޭނުންވާ ގޮތެއް ނިންމާށެވެ. ކަލޭ މިހާރުހުރި ދަތިޙާލުވެސް ކަލެއަށް އެނގޭއިރު ރަނގަޅަށް ވިސްނާފައި ގޮތެއް ނިންމާށެވެ."
ޖަވާބުގައި ބުންޏެވެ. "ކުރިންވެސް ބުނިފަދައިން އަހުރެންނަކީ އުޞޫލުތަކެއްގައި ހިފަހައްޓާ މީހެކެވެ. ކިތަންމެ ބޮޑު ދެރައެއް ލިބުނަސް އަނބިމީހާއަށް ބޭވަފާތެރިއެއް ނުވާނަމެވެ."
ވެރިމީހާގެ ޖަވާބުލިބުމުން އޭނާ ދިއައީ ސިއްސައިގެންނެވެ. ޤަބޫލުކުރަންވެސް އުނދަގޫވިއެވެ. "މިއީ ކުރެވުނު އިމްތިޙާނެކެވެ. އަހުރެން ވަޒީފާދެނީ އުޞޫލުތައް ހިފަހައްޓާ ތިއަކަހަލަ ހަރުދަނާ މީހުންނަށެވެ. މެނޭޖަރުކަމުގެ ވަޒިފާގައި ކުރިއަށްދާށެވެ!"
ފަހުން އެހެން މުވައްޒިފުންގެ ގާތުން އޭނާއަށް އެނގުނު ގޮތުގައި ހޮޓަލުން ކޮންމެ މުވައްޒިފަކަށްވެސް ވަޒީފާދެނީ ހަމަ މިގޮތަށް އިމްތިޙާނުކޮށް ފާސްވެއްޖެނަމައެވެ. ފޭލްވެއްޖެނަމަ ވަޒީފާއެއް ނުދެއެވެ. ވީމާ އެހޮޓަލުގައި މަސައްކަތްކުރާ ކޮންމެ މުވަޒިފަކީވެސް ހަރުދަނާ، އުޞޫލުތަކުގައި ހިފަހައްޓާ މީހެކެވެ. އިމްތިޙާނުން ފޭލްވެއްޖެނަމަ ވަޒީފާނުދީ ފޮނުވާލަނީއެވެ.
ވެރިމީހާ މިގޮތަށް ކަންތައްކުރަނީ ހޮޓަލުގައި ތިބޭ މެހްމާނުންނަށް މުވައްޒިފުންގެ ފަރާތުން އެއްވެސް މައްސަލައެއް ކުރިމަތިނުވާނެކަން ޔަޤީންކުރުމަށެވެ. އެހޮޓަލަކީ ކަސްތަމަރުން އިތުބާރުކުރާ ހޮޓަލަކަށް ހެދުމަށެވެ.
މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ބަލާފައިވާ ވީޑިއޯއެއްގެ ކުރު ޚުލާޞާއެކެވެ. އަޅުގަނޑު ތަޢްރީފްކުރަން ބޭނުންވަނީ ވަކިމީހަކަށް ނޫނެވެ. ބައިވެރިޔާއަށްޓަކައި މިފަދަ ހަރުދަނާ އުޞޫލުތައް ހިފަހައްޓައި ވަފާތެރި ކަމުގައި ޘާބިތުވާ ހުރިހާ އަންހެނުންނާ ފިރިހެނުންނަށެވެ.
- މިއަދު ނޫހުގެ ކިޔުންތެރިއެއް