އުންމީދު ނެތި ވެންޓިލޭޓަރުގަ އޮތް ކުއްޖަކު އެއިންނަގައި މަރާލަން ދޮންބައްޕަ މަސައްކަތްކުރި ވަޤުތު މަންމައަށް ފެނުނު އާދަޢާޚިލާފް ހުވަފެނާ ކުއްޖާ ހޭއެރުން- ޢިބްރަތްތެރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 41ސ
އުންމީދު ނެތި ވެންޓިލޭޓަރުގަ އޮތް ކުއްޖަކު އެއިންނަގައި މަރާލަން ދޮންބައްޕަ މަސައްކަތްކުރި ވަޤުތު މަންމައަށް ފެނުނު އާދަޢާޚިލާފް ހުވަފެނާ ކުއްޖާ ހޭއެރުން- ޢިބްރަތްތެރި ފިލާވަޅެއް!

ދަރިފުޅަށް ނަމަވެސް އެހެން މީހަކަށް ނަމަވެސް ފަރުވާކުރެވޭނެ ފަދަ ނެތިގެން ކުރަން މަޖުބޫރުވާ ކަންކަން ނުކުރާކަށް ނުބުނާނަމެވެ. ނަމަވެސް އެއްވެސް ގޮތެއް އޮއްވައި އަތްދޫކޮށްނުލާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑައިނުލާށެވެ! ރަޙްމަތް ލައްވަވާނެ ވަޤުތެއް އަދި ލައްވަވާނެ ރަޙްމަތެއް ހަމައެކަކަށްވެސް ނުއެނގޭނެއެވެ. 

ތިރީގައި އެވަނީ ޑޮކްތަރުންގެ އެއްވެސް އުންމީދެއް ނެތިވެސް އަދި ދަރިފުޅު ވެންޓިލޭޓަރުގައި ބާއްވަން ބޮޑު ޚަރަދުކުރަން ޖެހުމުންވެސް ﷲ ތަޢާލާގެ ޙަޟްރަތަށް އިތުބާރުކޮށް، އެކަލާނގެ ޙަޟްރަތުން ވާގިއެދުންމަތީގައި ޘާބިތުވި މަންމައެއްގެ ތަޖުރިބާއެވެ. ދަރިފުޅު ވެންޓިލޭޓަރުން ނަގައި މަރާލަން ދޮންބައްޕަ މަސައްކަތްކުރި ވަޤުތު ކަންތައްތައް މެދުވެރި އާދަޢާ ޚިލާފް ގޮތުގެ ވާހަކައެވެ. ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އަޅުގަނޑަށް ލިބިފައިވަނީ އެންމެ ދަރިފުޅެކެވެ. އެއީ އަންހެން ދަރިފުޅެކެވެ. އޭނާއަކީ އަބަދުވެސް ނަމާދުކުރާ ތަޤްވާވެރި ކުއްޖެކެވެ. އޭނާގެ އުމުރުން 18 އަހަރު ފުރުނުތަނާ އެއްފަހަރަކު ހުމެއް އައިސްފައި ކޯމާއަކަށް ދިއައެވެ.  

ޑޮކްޓަރުން އުންމީދު ކަނޑައިލިއެވެ. ކޯމާގައި ވެންޓިލޭޓަރުގައި ބާއްވަން ޖެހުމަކީ ޚަރަދުބޮޑުކަމެކެވެ. ވީމާ ޑޮކްޓަރުންގެ އުންމީދެއް ނެތް ޙާލަތުގައި އަތުން އެހައި ބޮޑު ޚަރަދެއް ކުރަން ފިރިމީހާ ދިއައީ ދެކޮޅު ހަދަމުންނެވެ. ފިރިމީހާއަކީ އޭނާގެ ދޮންބައްޕަކަމަށްވުމުން އޭނާ ދައްކާ ވާހަކަ އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑައެއްވެސް ނުލަމެވެ. އަޅުގަނޑު ނިންމައިގެން ހުރީ އަތުން ފައިސާ ހުސްވެއްޖެނަމަ ގެއަކީ އަޅުގަނޑުގެ ގެއަކަށްވުމުން ގެދޮރު ވިއްކައިގެންވެސް ދަރިފުޅު އަނބުރައި ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށެވެ.  

ދަރިފުޅު ބަލިވީންސުރެ އަޅުގަނޑު ދިއައީ މެދުކެނޑުމެއް ނެތި ދުޢާކުރަމުންނެވެ. އަދި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކޮށް ވީހައި ގިނައިން ޞަދަޤާތްވެސް ކުރަމުންނެވެ. އަދި އެންމެ ހިނދުކޮޅަކަށްވެސް ﷲ ތަޢާލާގެ ރަޙްމަތުން އުންމީދު ކަނޑައެއް ނުލަމެވެ.  

އެއް ރޭ އަޅުގަނޑު ނިދާފައި އޮއްވާ ހުވަފެނުގައި ދަރިފުޅު އައިސް އަޅުގަނޑު ގާތުގައި ބުނީ "އަހަރެން މަރައިލަނީއެވެ. ދެކެން ބޭނުންނަމަ އަވަހަށް ހޮސްޕިޓަލަށް އަންނާށެވެ." ހޭލެވުމާއިއެކު ފުންމައިގެންތެދުވެ ހަމައެހުރިގޮތަށް ހޮސްޕިޓަލަށް ދިއައީމެވެ. ދިއައިރު ދަރިފުޅު ގާތުގައި ފިރިމީހާ އާއި ޑޮކްޓަރަކު ތިބެގެން ކޮންމެވެސް ކަމެއް ކުރަނީއެވެ.  

އެތަންފެނުމާއިއެކު ހަޅޭއްލަވައިގަނެވުނެވެ. "އަހަރެންގެ ދަރިފުޅު ނުމަރާށެވެ! ތިއަކުރަނީ ކީއްހެއްޔެވެ؟" ޑޮކްޓަރު ޖަވާބު ދިނެވެ. "އިތުރަށް ޚަރަދުކުރެވެން ނެތުމުން ޢާއިލާއިން މިހާރު ބޭނުންވަނީ ވެންޓިލޭޓަރު ސަޕޯޓް ކަނޑާލަން ކަމަށް ފިރިމީހާ ބުނީމާ ވެންޓިލޭޓަރު މިކަޑާލަނީއެވެ."  

އަޅުގަނޑު ހަމަވަގުތުން އެކަމަށް އިންކާރުކުރީމެވެ. އަދި ދަރިފުޅުގެ މަންމައަކީ އަޅުގަނޑު ކަމަށާއި އޭނާއަކީ ބައްޕަ ނޫންކަމަށާއި ދޮންބައްޕަކަމަށްވެސް ބުނީމެވެ. އަދި ޚަރަދުކުރަނީ އަޅުގަނޑުކަމަށާއި އަޅުގަނޑު ނޫން މީހަކަށް ދަރިފުޅުގެ އެއްވެސް ކަމެއްގައި ގޮތް ނުނިންމޭނެ ކަމަށްވެސް ބުނީމެވެ.  

ދަންނަވަންތޯއެވެ؟ ގުޅާފައި ހުރި ސްކްރީންތަކަށް ވަގުތުން ބަދަލު އަންނަން ފަށައިފިއެވެ. ޑޮކްޓަރު ތެޅިގެންފައި އިތުރު ޑޮކްޓަރުން ގެނުވިއެވެ. އަޅުގަނޑާއި ފިރިމީހާ އެތަނުން ބޭރުކޮށްފިއެވެ. ގަޑިއެއްހާއިރު ފަހުން އަޅުގަނޑުމެން ވެއްދިއެވެ. އަދި އެއިރު އޮތީ ވެންޓިލޭޓަރުން ނަގައި އެނދުގައި ބާއްވާފައެވެ.  

ސިއްސައިގެން ގޮސް އަޅުގަނޑަށް ރޮވެން ފެށިއެވެ. ހީކުރެވުނީ ދަރިފުޅު ނިޔާވީ ކަމަށެވެ. އަބަދުގެ އަބަދަށް އަޅުގަނޑާއި ވަކިވީކަމަށެވެ. ނަމަވެސް ޑޮކްޓަރުން ކިޔައިދިނެވެ. އުފާކުރާށެވެ. "ކަންބޮޑުނުވާށެވެ. ދަރިފުޅު ހޭއަރައިފިއެވެ. މިހާރު އެއޮތީ ނިންދަވައިފައެވެ. ނިދީން ހޭލެވުމުން ވާހަކަދެއްކޭނެއެވެ. ނިންދެވީ އަހަރެމެން (ޑޮކްޓަރުންގެ ޓީމުން) ވާހަކަ ދައްކައި މަޝްވަރާކޮށްފައެވެ. ފެންނަ ފެނުމުގައި ބުއްދިވެސް ރަނގަޅެވެ. އުނިކަމެއްވެސް ނެތެވެ."  

ދަރިފުޅަށް ހޭލެވެންދެން ގާތުގައި އިންތިޒާރުކުރީމެވެ. ދަރިފުޅާ ވާހަކަދައްކައިލުމުގެ އިންތިޒާރުގައި ކެތްމަދުވެފައިވާ ޙާލުގައެވެ. ދަރިފުޅަށް ހޭލެވުނީ 4 ގަޑިއިރުފަހުންނެވެ. ހަމަހޭލެވުމާއިއެކު ތެދުވެ މަންމާއޭ ގޮވާލައި އަޅުގަނޑުގެ ގައިގާ އޮޅުލައިގަތެވެ.  

ހޮސްޕިޓަލުން ދަރިފުޅު ދޫކޮށްލީ 3 ދުވަސްފަހުންނެވެ. ގެއަށް ދިއައީ ދިމައިންނެވެ. އެއިރު އަޅުގަނޑުހުރީ ދެން ދުވަހަކުވެސް ބައްދަލުނުކުރާ ގޮތަށް ފިރިމީހާ އާއި ވަކިވެގެންނެވެ. އެއީ އަޅުގަނޑަށް އަންގާވެސް ނުލައި ވެންޓިލޭޓަރުން ދަރިފުޅު ނަގައި ދަރިފުޅު މަރާލަން އޭނާކުރި މަސައްކަތަށް ދުވަހަކުވެސް މާފުނުކުރެވޭނެތީއެވެ.  

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވީ އެއްވެސް ޙާލެއްގައި ދޮންބައްޕައިންނާއިމެދު ނަފްރަތު އުފައްދާކަށް ނޫނެވެ. ދޮންބައްޕައިންގެ ތެރޭގައި އަޞްލު ބައްޕައިންނަށްވުރެ ދަރިންނަށް ހެޔޮ އަދި އަޅައިލާ މީހުން ތިބިކަން އަޅުގަނޑު ފާހަގަކުރަމެވެ. އަޅުގަނޑަކީވެސް ހަމަ އެފަދަ ހެޔޮލަފާ ދޮންބައްޕައެއްގެ ބެލުމުގެދަށުން ބޮޑުވެފައިވާ ދަރިއަކީމެވެ.  

އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އެ އަންހެންކުއްޖާގެ ފުރާނަ ސަލާމަތްވުމަށް މެދުވެރިވި ސަބަބެވެ. ވެންޓިލޭޓަރު ނުވަތަ ލައިފް ސަޕޯޓް ކަނޑާލަން އުޅުނު ވަގުތު މަންމައަށް އެފެނުނު ހުވަފެނެވެ. ދުވެފައި މަންމައަށް ހޮސްޕިޓަލަށްގޮސް އެކަން ނުހުއްޓުވުނުނަމަ ކުއްޖާގެ ފުރާނަދާނެކަމަށް ޤަބޫލުކުރަންޖެހޭ ކަމެވެ.  

އެއީ އެންމެ 18 ވަރަކަށް އަހަރުގެ ކުއްޖެކެވެ. ޙާޞިލްކުރަންވީ ޢިބްރަތަކީ އެޅައުމުރުގައިވެސް އެކުއްޖާގެ ކިބައިގައި ތަޤްވާވެރިކަން ހުރުމުން އެކުއްޖާއަށް ލެއްވެވި ރަޙްމަތެވެ. ވީމާ އުމުރުން ދުވަސްވީމާ ތަޤްވާވެރިވާން ހުރެގެން ދުނިޔެވެސް އާޚިރަތްވެސް ގެއްލި ހިނގައިދާނެ ކަމެވެ.  

ހަމަ އެއާއިއެކު ދަރިފުޅަށްޓަކައި މައިމީހާ ކުރަމުންދިއަ ދުޢާ އާއި ޞަދަޤާތާއި ކޯމާގައި އެހާގިނަދުވަހު ކޯމާގައި އޮތްއިރުވެސް ﷲ ތަޢާލާގެ ޙަޟްރަތުން މަންމަ އުންމީދު ކަނޑާނުލިކަން އެއީ އެންމެ ބޮޑަށް ފާހަގަކުރަންޖެހޭ ކަންކަމެވެ. ދުޢާއިން ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނެކަން ޔަޤީންކުރުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.  

- ސަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

--ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން