ތަނަވަސްކަމަކީ ﷲ ތަޢާލާ އިރާދަކުރައްވަވާ އަޅަކަށް އަދި އިރާދަކުރައްވަވާ މިންވަރަކަށް ދެއްވަވާ ނިޢުމަތެކެވެ. ތަނަވަސްކަން ފަހަތުން ދުވާ މީހުންނަށް އަބަދުވެސްޖެހެނީ ދުވާށެވެ! ޙާލަތަކީ އަބަދުވެސް ބަދަލުކުރައްވަވާ އެއްޗަކަށްވާތީއެވެ.
ތިރީގައި އެވަނި ތަނަވަސް މީހަކާއި ކއަިވެނިކުރުމުން ނިކަމެތިކަން ލިބުނު އަދި ފަޤީރުކަމުން ރަށުން ކައިވެނިކުރާނެ އަންހެނަކު ނުވެފައި ހުރި ފަޤީރަކާއި ކައިވެނިކުރުމުން އުފާވެރިކަމާއި ތަނަވަސްކަން ލިބުނު އަންހެނެއްގެ ވާހަކައެވެ. ވިދާލުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ!
އަޅުގަނޑަކީވެސް ރަށުގެ ފެންވަރުން ހަމަ ތަނަވަސް މީހަކާއި ކައިވެނިކޮށް ދިރިއުޅެމުން އައި އަންހެނަކީމެވެ. ކައިވެނީގައި 3 ދަރިން ލިބުނެވެ. އަޅުގަނޑުގެ ހުރިހާވެސް އުންމީދަކީ އެދަރިންނަށް ރަނގަޅު ގޮތެއް ހޯދައިދިނުމެވެ. އެހެންވެ އަޅުގަނޑު ބޭނުންކުރަން އަގުބޮޑު އެއްވެސް އެއްޗެއް ނުހޯދަމެވެ. އަގުބޮޑު ގަހަނާއެއް، ފޭރާމެއް ސެންޓެއް އަދި އެފަދަ އެހެންވެސް އެއްޗެއް ނުގަންނަމެވެ. ގަނެދޭކަށް ނުވެސް އެދެމެވެ.
ކައިވެންޏަށް 8 ވަނަ އަހަރު ކުއްލިއަކަށް ފިރިމީހާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ފިހާރަ ބަންދުކޮށްފައި ބޭރަށް ދިއުމާއި ނިދަން ގެއަށް އައުން ލަސްވުމަކީ ޢާންމު ކަމަކަށްވާން ފަށައިފިއެވެ. އެއާއިއެކު ފިރިމީހާ އާއިބެހޭ ގޮތުން ރަށުތެރޭގައި ތަފާތު ވާހަކަތައް ދެކެވޭ އަޑުތައް ގިނަވާން ފަށައިފިއެވެ.
ފިރިހެނުން އެފަދަ ގޮތްގޮތަށް އުޅުމަކީ ޢާންމުކަމެއް ނަމަވެސް އަޅުގަނޑުގެ ފިރިމީހާގެ ކިބައިން އެފަދަ ވާހަކަތަކެއް އަޑުއިވެންޖެހޭނެ ފަދަ ކަމެއް މެދުވެރިވެދާނެ ކަމަކަށް ކުރިން ހީއެއްވެސް ނުކުރަމެވެ. ނަމަވެސް އެކަންވެސް އެވީތާއެވެ. ދިމާވުމުންވެސް ދަރިންނަށްޓަކައި ޙާލަތަށް ޝުކުރުކޮށްލައިގެން އިނީއެވެ. އެއްވެސް އަޑެއް އިވޭކަމަކަށްވެސް ނުހަދަމެވެ.
އެހެން އިންދާ ފިރިމީހާ އެއްރޭ ބުނީ އަޅުގަނޑު ވަރިކުރަން އުޅޭ ވާހަކައެވެ. އަދި މައިންބަފައިންގެ ކިބައިން އަޅުގަނޑަށް ލިބިފައިހުރި މުސްކުޅި ގެއަށް ދަރިންނާއި އަޅުގަނޑު ފޮނުވާލަން އުޅޭ ވާހަކައެވެ. އެވާހަކަތައް އަޑު އިވުމުންވެސް އެއްވެސް ޖަވާބެއް ނުދެމެވެ. ރޯލާފައި އަނގައިން ނުބުނެ އިނީއެވެ.
އެއިގެ ދުވަސްކޮޅެއްފަހުން ފިރިމީހާ ބުނި ގޮތަށް ކަންތައް ކޮށްފިއެވެ. ވަރިކޮށް ދަރިންކޮޅާއިއެކު ގެއަށް ފޮނުވާލައިފިއެވެ. ގެއަށް ފޮނުވާލި ދުވަހުން ފެށިގެން ހޯދާކަށްވެސް ނުދަމެވެ. ގޭގައި ހަމަ އިނީއެވެ. އެހެން އިނދެ ޢިއްދަ ހަމަވީތަނާ އަވަށްޓެރިއަކު އަޅުގަނޑާއި ކައިވެނިކުރަން އެދުނެވެ. އެއީ ފަޤީރެކެވެ. މަސްވެރިއެކެވެ. ތެދަށް ބުނާނަމަ ފަޤީރުކަމުން ކައިވެނިކުރާނެ އަންހެނަކު ނުވެފައިހުރި ފިރިހެނެކެވެ.
އަޅުގަނޑު އޭނާ އާއި ކައިވެނިކުރީމެވެ. ތަނަވަސް މީހަކާއި ކައިވެނިކުރިކަމުން ލިބުނު އުފަލެއް ނެތުމުން ބޭނުންވީ ފަޤީރަކާއި ކައިވެނިކުރުމުން މެދުވެރިވާ ގޮތް ތަޖުރިބާކޮށްލާށެވެ. ތަނަވަސްކަން އިތުރުކޮށްދެއްވަވާނީ ﷲ ކަމަށް ޤަބޫލުކުރާތީ ކޮންމެ ޙާލަތެއްގައި އުޅެންޖެހުނު ނަމަވެސް އެއީ ﷲ ގެރަޙްމަތްފުޅު ކަމަށް ޤަބޫލުކުރާތީއެވެ.
ކޮންމެއަކަސް ކައިވެނިކޮށްގެން އަހަރުވެސް ނުވަނީސް ކައިރީ ރަށެއްގެ އެކުވެރިއަކަށް އޭނާގެ މަސްދޯނި ދުއްވެން ނެތިގެން ދުއްވައިދޭން ފިރިމީހާ އާއި ޙަވާލުކޮށްފިއެވެ. އެއީ އެދޯންޏަށް މަސްބޭނޭވަރު މަދުކަމުން އެދޯނީގައި މަސްނުބޭނޭކަމަށް ޤަބޫލުކޮށް މަހަށްދާނެ ބައަކު ނުވާތީއެވެ. ފިރިމީހާ އާއި ދޯނި ޙަވާލުކުރީ ދޯނި މަހަށް ގޮސްގެން އޮޑިއަށް ލިބޭ ބައިން ދެބައިކުޅަ އެއްބައި ދޭ ގޮތަށެވެ.
ފިރިމީހާ އޭނާގެ ހައަކަ އެކުވެރިން ލައިގެން މަހަށް ފުރަންފެށިތަނާ ދޯންޏަކީ އެންމެ ރަނގަޅަށް މަސްބާނާ އެއް ދޯނިކަމުގައި ވެއްޖެއެވެ. ދޯނިން މަހަށްދާން ބޭނުންވާ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ. ދޯނި ދުއްވަމުން ގޮސް 2 އަހަރުވީއިރު އެދޯނި ގަންނާނެ ތަނަވަސްކަން ފިރިމީހާއަށް ލިބި ދޯނި ގަނެފިއެވެ.
އެހިސާބުން ފިރިމީހާ ޢާންމުކޮށް މަހަށްދިއުން ހުއްޓާލައިފިއެވެ. ރަށުގައި އަހަރެންގެ ކައިރީގައި ހުންނަން ފަށައިފިއެވެ. އަދި ގޯތީގައި ކުޑަވަރެއްގެ ފިހާރައެއް ރާނައި ވިޔަފާރިކުރަންވެސް ފަށައިފިއެވެ.
ދެވަނަ ކައިވެންޏަށް 6 އަހަރުފުރުނުއިރު ފިރިމީހާއަކީ ރަށުގެ އެންމެ ތަނަވަސް މީހުންގެ ތެރޭގައި ގުނައިލެވޭ މީހެކެވެ. ވިޔަފާރިކުރެއެވެ. 2 މަސްދޯނި ދުއްވައެވެ. މާލެދަތުރުކުރާ ކުޑަވަރެއްގެ ބައްތެއްޔެއް ދުއްވައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަކޮޅު ޙިއްޞާ މިކުރަނީ ފަޤީރުކަމުން ކައިވެނިކުރަން ފަސްނުޖެހެން ބުނުމަށެވެ. ދެމަފިރިންގެ މެދުގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަން އޮވެފައި ތަޤްވާވެރިނަމަ ﷲ ތަނަވަސްކަން މިންވަރުކުރައްވަވާނެ ކަމަށް ބުނުމަށެވެ. ހިތާމައަކީ އެކަން ޤަބޫލުނުކުރެވޭކަމެވެ.
ތަނަވަސް ފިރިމީހާ އާއިއެކު ދިރިއުޅުނުއިރު އަޅުގަނޑަށް ލިބެނީ އޭނާ ދިން އެއްޗެކެވެ. މިހާރު ފިރިމީހާ ބޭނުންކުރަނީ އަޅުގަނޑުދިން އެއްޗެކެވެ. ކިތަންމެ ކުޑަކަމަކަށް ބޭނުންވިނަމަވެސް ބުނާނީ އަޅުގަނޑު ގާތުގައެވެ. ރުފިޔާ ބަހައްޓަނީ އަޅުގަނޑުގެ ބެލުމުގެދަށުގައެވެ.
އަޅުގަނޑުވެސް ބުނެލަން ބޭނުންވަނީ މިއީ ހަމަ ކެތްތެރިކަމާއިއެކު ވަކީލުކުރުމާ އަޅުވެރިވުމާ ދުޢާކުރުމުގެ ފައިދާ ކަމަށެވެ.
- ޒަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް