ރާއްޖެ އިން ދެ ގައުމަކަށް އައްޔަން ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ސަފީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް މިއަދު ފޮނުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ޕާކިސްތާނަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާ ސަފީރަކަށް އައްޔަން ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ މުޙައްމަދު ޠާހާގެ ނަންފުޅެވެ. ޠާހާއަކީ ސައުދީ އަރަބިއްޔާގެ ސަފީރަކަށް މަޖިލީހުން ރުހުން ދެއްވާފައިވާ ބޭފުޅެކެވެ. ނަމަވެސް ރައީސް ފަހުން ހުށަހަޅުއްވާފައިވަނީ އޭނާ ސައުދި އަރަބިއްޔާގެ ބަދަލުގައި ޕާކިސްތާނުގެ ސަފީރަކަށް ކަނޑައެޅުއްވުމަށެވެ.
ތުރުކީއަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހަށް ފޮނުއްވާފައިވަނީ ލެފްޓިނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. ޢަބްދުއްރަޙީމް އެންމެފަހުން ހުންނެވީ ޗީފް އޮފް ޑިފެންސްގެ މަގާމުގައެވެ.
ބޭރު ޤައުމުތަކަށް ރާއްޖޭން ސަފީރުން ކަނޑައެޅުމުގެ ކުރިން މަޖިލީހުން ރުހުން ހޯދަން ޖެހެއެވެ.