މީހަކު ކަމުގޮސްގެން އަބަދު އެމީހަކާއިމެދު ވިސްނޭނަމަ ބައެއް މީހުންނަށް ހީކުރެވެނީ އެއީ އެމީހަކު ދެކެ ލޯބިވެވުނީ ކަމަށެވެ. ނޫނެކެވެ. އެއީ ހަމަ ވަރަށް ކުޑަކުޑަ ފެށުމެއް ކަމަށް ދެކޭށެވެ. މީހަކާއިމެދު ގިނަގިނައިން ވިސްނޭނަމަ ފުރަތަމަ ކަމަކަށްވެސް ވިސްނެނީ ކީއްވެގެން ކަމާއިމެދު ފުންކޮށް ވިސްނައިލާށެވެ!
މިބުނި ފަދަ ގޮތެއް މެދުވެރިވެގެން ލޯބިވުމާއި ދިމާއަށް ހިތް ގެންދެވޭނަމަ ފުރަތަމަވެސް އެމީހަކީ ކާކުކަން ރަނގަޅަށް އޮޅުން ފިލުވާށެވެ. އަދި އޭނާއާއި ބެހޭ މަޢުލޫމާތުތައް އެއްކުރާށެވެ. އޭނާ ދެކެ ލޯބިވާން ނިންމަންވާނީ އެހުރިހާ ކަންކަމަށް ރަނގަޅަށް ބެލުމަށްފަހުގައެވެ.
ލޯބިވުމަކީ ހަމަ ހުރެފައި ކުރާ ކަމަކަށް ނުހަދާށެވެ. އަދި މީހަކު ބުނާހައި ވާހަކައެއް ޤަބޫލުކޮށްގެންވެސް ކުރާ ކަމަކަށް ނުހަދާށެވެ. ލޯބިވުމުގެ ކުރިން ވިސްނަންޖެހޭ ހުރިހާ ކަމަކަށް ނުވިސްނައި ލޯބިވެވިއްޖެނަމަ ގިނަ ފަހަރު އޮންނަނީ ކަރުނައަޅަންޖެހިފައެވެ.
ލޯބިވާންޖެހޭނީ ކައިވެނި ކުރުމުގެ ނިޔަތުގައެވެ. ކައިވެނިކުރުމުގެ ބޭނުމުގައެވެ. އަދި ކައިވެނިކުރަން ނިންމައިގެންނެވެ. ލޯބިވުމަކީ ފޫހިފިލުވަން ކުރާ ކަމަކަށް ހަދައިފިނަމަ ދުނިޔެއަށް ގިނަވުން ނޫންކަމެއް ނުވާނެއެވެ. މިއަދު ގިނަ ބައަކު ދުނިޔެއަށް ފަޟީޙަތްވަމުން މިދަނީ އަދި ގިނަބައެއްގެ އަގުވެއްޓެމުން މިދަނީ ލޯބިވުމަކީ ފޫހިފިލުވަން ނުވަތަ ޢަޖުމަ ބަލައިލަން ކުރާ ކަމަކަށް ހަދާތީއެވެ. މީހަކު ދައްކާހައި ވާހަކައެއް ޤަބޫލުކޮށްގެން ލޯބިވާތީއެވެ!
މީހަކު ދެކެ ލޯބިވެފައި ނުވަތަ މީހަކަށް ހިތްދީފައި އަތުލުމަކީ ގިނަ ބައަކަށް ކުރަން އެހައި ފަސޭހަކަމަކަށް ނުވެއެވެ. ގިނަ ބައަކަށް ހިތް ދެމުން، ދީފައި އަތުލަމުން ދުވާނަމަ އެއިގެ މާނައަކީ އޭނާއަކީ އެއްވެސް މީހަކު ދެކެ ލޯބިވާ މީހަކު ނޫންކަމެވެ. ލޯބީގެ އަގުވަޒަންކުރާ މީހަކު ނޫންކަމެވެ.
ވީމާ މީހަކާއިމެދު ގިނަގިނައިން ވިސްނޭނަމަ އެއީ ލޯބިވެވުނީކަމަށް ބަލައި ހިތްދިނުމުގެ ކުރިން މިބުނި ކަންކަމާއިމެދު ފުންކޮށް ވިސްނައިލަންވާނެއެވެ. ނޫންނަމަ އެކަންވާނީ އަމިއްލައަށް އަމިއްލަ ހިތަށް ކުރެވޭ ވަރަށް ބޮޑު އަނިޔާއަކަށެވެ.
- އަލަފް / މިއަދުނޫސް