ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ކަމުނުދިއައިމަ، ބޭނުން ނެތުނީމަ ހިތުގަޖައްސާ އަނިޔާކުރަން ނުބައިންދާ އަވަހަށް ދޫކޮށްލާށެވެ! އަންހެނުންނަށް އޮތީ އަނިޔާލިބެން ނުތިބުމެވެ!: ޝަހީރާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 2ސ
ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ކަމުނުދިއައިމަ، ބޭނުން ނެތުނީމަ ހިތުގަޖައްސާ އަނިޔާކުރަން ނުބައިންދާ އަވަހަށް ދޫކޮށްލާށެވެ! އަންހެނުންނަށް އޮތީ އަނިޔާލިބެން ނުތިބުމެވެ!: ޝަހީރާ

ދިރިއުޅުމުގެ ކަންކަން އެންމެންނަށް ކުރިމަތިވާނި އެއްގޮތަކަށް ނޫނެވެ. ބައެއް މީހުންނަށް ކައިވެނިކުރަން އުނދަގޫވެއެވެ. ބައެއް މީހުންނަށް ކައިވެނިކުރަން ފަސޭހަވީނަމަވެސް ކައިވެނި ރޫޅުމުން ދެވަނަ ކައިވެންޏެއް ކުރަން އުނދަގޫވެއެވެ. އަނެއްބައަކަށް ވަރީގެ ޢިއްދަ ހަމަވާތަނުން މާރަނގަޅު ބައިވެރިއަކުވެސް ލިބެއެވެ. މިއިން ކޮންމެ ޙާލަތަކީވެސް ހަމަ ﷲ ތަޢާލާ ކުރިމަތިކުރައްވަވާ ޙާލަތެވެ. އަހުރެމެންނަށް އޮތީ ވަކީލުކޮށް ރަނގަޅު ގޮތުގައި ދިރިއުޅެން މަސައްކަތްކުރުމެވެ. 

ތިރީގައިވާ ވާހަކައަކީވެސް ޢިބްރަތްތެރި ފިލާވަޅެކެވެ! ވިދާޅުވެލައްވާށެވެ!   

އަޅުގަނޑަކީވެސް ދަރިއަކު ލިބުމުން ވަރަށް ހިތްދަތިޙާލުގައި ދިރިއުޅެ ވަރަށް ހިތި ތަޖުރިބާތަކެއް ކުރަންޖެހުނު އަންހެނަކީމެވެ. އެ ހިތިކަން މާމުޔަށްވުރެ ފޮނިކަމުގެ އުފާވެރި އިޙްޞާޞްތައް ވެސް ކުރަން ލިބުނު އަންހެނަކީމެވެ. މިކިޔައިދެނީ އަޅުގަނޑުގެ ޙަޔާތުގެ ވާހަކައެވެ.  

އަޅުގަނޑަކީ ކުންފުންޏެއްގެ އެޖްޒެކަޓިވުން ފެންވަރުގެ އޮފިސަރަކާއި ކައިވެނިކޮށްގެން އުފާވެރި ޙަޔާތެއް ވޭތިކުރަމުން އައި އަންހެނަކީމެވެ. އަދި އަޅުގަނޑަކީވެސް އެހެން ކުންފުންޏެއްގައި ކޮމްޕެނީ ސެކެޓްރީއެއްގެ ވަޒީފާ އަދާކުރަމުން އައި އަންހެނަކީމެވެ.  

ފުރަތަމަ ދަރިފުޅު ލިބި 2، 3 މަސްވީތަނާ ފިރިމީހާއަށް އަޅުގަނޑު ކަމުނުދާން ފަށައިފިއެވެ. ކޮށްދެވޭ ކަންކަން ކަމުނުދަމުން ގޮސް އަޅުގަނޑުގެ ބޭރުފުށުގެ ސިފަވެސް ކަމުނުދާންފަށައިފިއެވެ. އަޅުގަނޑު ގޮވައިގެން ބޭރަށްދާންވެސް ލަދުގަންނަން ނުވަތަ ޖެހިލުންވާން ފަށައިފިއެވެ.  

އެއީ ފިރިމީހާ މަސައްކަތްކުރާ ކުރާ ކުންފުނީގެ އަހަރީ ސްޓާފް ހަފްލާ އޮތްރެއެވެ. އެހެން ނޫނީ އެ ހަފްލާއަށް އަޅުގަނޑު ގެންދަން ބޭނުންވާތީ އައުހެދުންވެސް ގަނެދޭނެއެވެ. އަދި އެހެން މުވައްޒިފުންގެ ކުރިމަތީގައި އަޅުގަނޑާއިމެދު ފަޚުރުވެރިވެ ވާހަކަވެސް ދައްކާނެއެވެ. ނަމަވެސް އެރޭ އަޅުގަނޑު ގެންދަން ދެކޮޅު ހެދިއެވެ.  

ކޮންމެއަކަސް އަޅުގަނޑުވެސް އެކަމަށް އަޅަންހުރި ފިޔަވަޅުތައް އެޅީމެވެ. ފިރިމީހާ އާއިއެކު މަސައްކަތްކުރާ އަޅުގަނޑުގެ އެކުވެރި އަންހެންކުއްޖަކު ލައްވައި ފާރަލީމެވެ. އިރުކޮޅަކުން ލިބުނީ ވީޑިއޯ މެސެޖެކެވެ. ފެންނަނީ ޒުވާން އަންހެން ކުއްޖަކާއިއެކު ލޯބިން އުޅޭތަނެވެ. މޭޒުކައިރީގައި ތިބެގެން އެކަކު އަނެކެއްގެ އަތުގައި ހިފާ ފިރުމާ ތަނެވެ. ވަރަށް ލޯބިން ދެމީޙުން ވާހަކަދައްކާތަނެވެ. އެފަދަ ދެތިން ކްލިޕް ލިބުމުން ފިރިމީހާއަށް އަޅުގަނޑު ކަމުނުގޮސްގެން އުޅޭ ސަބަބު ވިސްނިއްޖެއެވެ.  

ވަގުތުން ނޯޓެއް ލިޔެފައި މޭޒުމަތީގައި ބޭއްވީމެވެ. "އުފާވެރި ޙަޔާތަކަށް މަރުޙަބާ! ދަރިފުޅު ގޮވައިގެން މިދަނީ ގެއަށް! ވަރިކޮށް ދިނުން އެދެން. އެހެން އަންހެނަކަށް ހިތްދީގެން އަނބިމީހާއާއެކު އުފާވެރި ދިރިއުޅުމެއް ނުއުޅެވޭނެ! އަކަމުން އަނބިމީހާއަށް ލިބޭނީ އަނިޔާ! ތިބާއަށްވެސް ވާނީ އުނދަގޫ!"  

ނޯޓް ލިޔެފައި އަވަސްއަވަހަށް އެތިކޮޅު ފޮށްޓަކަށް އަޅައިގެން ދަރިފުޅު ގޮވައިގެން ގެއަށްދާން ނުކުތީމެވެ. އަވަސްއަރާފައި ހުރިވަރުން ވިސްނާ ނުލައި އަތްނެގުނީ ޕްރައިވެޓް ކާރަކަށެވެ. އެއީ ޕްރައިވެޓް ކާރެއްކަން އެނގުނީ ކާރަށް އަރުވައި ދުއްވާލުމަށްފަހު އޭނާ ބުނުމުންނެވެ.  

އަޅުގަނޑު ހާސްވެފައި އިންވަރުން އޭނާ ހީކުރީ ގެއަކުން ފިލައިގެންދަނީ ކަމަށެވެ. އެހެންވެ ސުވާލުތައް ކުރަން ފެށުމުން ކުރުގޮތަކަށް ކަންކަން ވީގޮތް ކިޔައިދިނީމެވެ. ފިރިމީހާ އާއިއެކު ދިރިއުޅެވެން ނެތުމުން ގެއަށް ބަދަލުވަނީކަމަށް ބުނީމެވެ. އޭނާވީ ކޮންމެވެސް ވަރަކަށް އަޅުގަނޑު ދަންނަ މީހަކަށެވެ. އަޅުގަނޑު ވަޒީފާ އަދާކުރާ ކުންފުނީގެ ވެރިންނާއި އޮންނަ ގާތްކަމެއްގައި ކޮންމެވެސްވަރަކަށް އޮފީހަށް ގޮސްއުޅޭތީކަމަށް އޭނާ ބުންޏެވެ.  

ކޮންމެއަކަސް ފިރިމީހާ އަޅުގަނޑު ވަރިކޮށް ޢިއްދަ ހަމަވިތަނާ އޭނާ އަޅުގަނޑަށް ގުޅާފައި ބައްދަލުކުރަން އެދުނެވެ. އަޅުގަނޑު އެދުނީ އޮފީހަށް ނުވަތަ ގެއަށް އައިސް ދިނުމަށެވެ. އެއީ އަޅުގަނޑަކީ ކޮފީތަކަށް ގޮސްއުޅޭ އަންހެނަކަށްނުވާތީއެވެ. އޭނާ އިޚްތިޔާރުކުރީ ގެއިން ބައްދަލުކުރާށެވެ.  

ގެއިން ބައްދަލުކޮށް އަޅުގަނޑަށް ކިޔައިދިނެވެ. އޭނާއަކީ ކުރީގެ ފިރިމީހާ މަސައްކަތްކުރާ ކުންފުނީގެ ޙިއްޞާދާރެކެވެ. އެރޭ ޙަފްލާއަށް ގޮސް އިންދާ ކަމެއްގައި ނުކުންނަން ޖެހިގެން ނުކުތީއެވެ. އަޅުގަނޑާއި ބައްދަލުވީ އެނބުރި ޙަފްލާއަށްދިއަ މަގުމަތީގައެވެ. އަޅުގަނޑާއި ބައްދަލުކޮށް ކައިވެންޏަށް އެދެން އައީ އަޅުގަނޑާއިބެހޭ ގޮތުން ވަރަށް ގިނަ މައުލޫމާތު ހޯދައިގެންނެވެ.  

އޭނާގެ އުމަރަކީވެސް ހަމަ ފިރިމީހާގެ ވެސް އުމުރެވެ. ފެންނަ ފެނުމަށް ވަރަށް މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. ކޮންމެއަކަސް އަޅުގަނޑު ނިންމީ ލިބުނު ފުރުޞަތުގެ ބޭނުން ހިފާށެވެ. އެހެންވެ ކައިވެނިކުރަން އެއްބަސްވީމެވެ. އަދި ބުނީމެވެ. "މިއެއްބަސްވަނީ ކައިވެނިކުރާށެވެ. ލޯބިވެގެން އުޅޭކަށް ނޫނެވެ! ކައިވެނިނުކޮށް ތިބެ ކޮފީތަކަށާ ބުރުޖަހަން ދާކަށް ނޫނެވެ. މަޖާކުރަން ޗުއްޓީތަކުގަ ދަތުރުތައް ކުރާކަށްވެސް ނޫނެވެ."  

އޭނާ އަޅުގަނޑާއި ދަރިފުޅު މެލޭސިޔާއަށް ގެންދިއައެވެ. ކައިވެނިކުރީ މެލޭސިޔާގައެވެ. އަދި ކައިވެންޏަށްފަހު ބެއިންދީވެސް މެލޭސިޔާގައެވެ. އެއީ އެއިރު އޭނާ ޢިމާރާތްކުރަމުން ގެންދިއަގެ ނުނިމޭތީ ގެ ނިމެންދެންނެވެ. ވީމާ އަޅުގަނޑުމެންގެ ކައިވެނީގެ ކަންކަން އޮތީ ގޮތަކަށް ސިއްރުކުރެވިފައެވެ.  

ގެ ނިންމައި މާލެ ގެނައީ 2 ވަނަ އަހަރުއެވެ. އެރެއަކީ ވެސް ކުންފުނީގެ ސްޓާފުންގެ އަހަރީ ޙަފްލާ އޮތްރެއެކެވެ. ފިރިމީހާ އަޅުގަނޑު ގޮވައިގެން ގޮސް ވަނުމުން އަޅުގަނޑަކީ އަޅުގަނޑުކަން އެނގުނު މީހުން ދެލޯ ބޮޑުކޮށްފައި ބަލަހައްޓައިގެން ތިއްބެވެ. އަޅުގަނޑުގެ ހަށިގަނޑަށް އައިސްފައި ހުރި ބަދަލުތަކާއިއެކު އަޅުގަނޑުގެ ކުރީގެ ފިރިމީހާއަށް އަޅުގަނޑު ދެނެގަންނަން އެނގުނީ ސަލާންކުރަން އަތްދިއްކުރުމުން ސަލާމްނުކުރުމުންނެވެ. އެއީ ރުޅިއަކުން ނޫނެވެ. ހިލޭ ފިރިހެނެއްގެ އަތުގައި ހިފަން ބޭނުން ނުވާތީއެވެ. އަދި ހިލޭ ފިރިހެނެއްގެ އަތުގައި ނުހިފާނެކަން ކުރިންވެސް އޭނާއަށް ރަނގަޅަށް އެނގޭނެއެވެ.  

އަޅުގަނޑު އެއްވެސް އެއްޗެއް ނުބުނަމެވެ. ރާއްޖެއައުމަށްފަހު ކޮމްޕެނީ ސެކެޓްރީގެ ވަޒީފާ އަދާކުރީވެސް އަޅުގަނޑެވެ. ލިބިފައިވާ ބާރުތަކާއިއެކުވެސް އެންމެ ކުޑަމިނުން ދިރިއުޅުމުގެ ކަންކަން ކިހިނެއްތޯވެސް ސުވާލެއް ނުކުރަމެވެ. އެއްދުވަހަކު ދަރިފުޅު ދެކެން ބޭނުންކަމަށް ބުނުމުން ފިރިމީހާ ގޭގައި އުޅޭ ގަޑީގައި ގެއަށް ދިއުމަށް ބުނީމެވެ. ނަމަވެސް ނާދެއެވެ.  

ދެވަނަ ކައިވެނީގައި މިހާރު 10 އަހަރުވެއްޖެއެވެ. އިތުރު 3 ދަރިންވެސް ލިބިއްޖެއެވެ. ދިރިއުޅެމުން މިދަނީ ހަމަ އުފަލުގައެވެ. އިން ޝާ ﷲ  

މިއަދުނޫހުގެ ކިޔުންތެރިންގެ ތެރެއިން ފިރިހެނުންގެ ގާތު ބުނެލަން އޮތީ އަނބިމީހާ ކަމުނުދިއައިމަ ނުވަތަ ބޭނުން ނެތުނީމަ ހިތުގައި ޖައްސާ އަނިޔާކުރަން ނުބައިންދާ އަވަހަށް ދޫކޮށްލާށެވެ. ކޮންމެ މީހަކަށްވެސް ކޮންމެވެސް މަގެއް ދައްކަވާނެތެވެ. އަންހެނުން ގާތު ބުނެލަން އޮތީ އަޅުވަތިވެގެން ރޯން ނުތިބޭށެވެ. ކެރިގެން ކުރިމަތިލާށެވެ. އެއިރުން މަގެއް ދައްކަވާނެތެވެ. އިން ޝާ ﷲ  

- ޝަހީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން