ބަލިމީހެއްގެ ބޭސްފަރުވާއަށް އެދި ސަލާންޖެހުމުން އެދުވަހު ލިބުނު ހުރިހާ ފައިސާދިން މީހަކަށް ލެއްވެވި ރަހްމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ބަލިމީހެއްގެ ބޭސްފަރުވާއަށް އެދި ސަލާންޖެހުމުން އެދުވަހު ލިބުނު ހުރިހާ ފައިސާދިން މީހަކަށް ލެއްވެވި ރަހްމަތުގެ ވާހަކަ-

ބުނާތީ އަޑުއަހަމެވެ. މީހަކު ސަލާންޖަހައިފިނަމަ އަމިއްލަ ބޭނުންތައް ނުފުއްދައިވެސް އެމީހާއަށް އެހީތެރިވެއްޖެނަމަ ލައްވަވާ ރަޙްމަތް ވަރަށް ބޮޑުވާނެއެވެ. އެހެންކަމަށްވާއިރުވެސް ތަނަވަސްކަްނ ހުންނަ މީހުންގެ ތެރެއިންވެސް އެހެން މީހުންނަށް އެހީތެރިވެދެނީ މަދު މީހެކެވެ. އެއީ ކީއްވެގެންތޯއެވެ؟  

ކިޔުންތެރިޔާ އަށް އަޑުއިވޭކަމަށް ތިއަބުނަނީ ޙަދީޘްފުޅުތަކުންނާ އަދި ކީރިތި ޤުރްޢާނުންވެސް އެނގެން އޮތް ކަމެއްގެ ވާހަކައެވެ. ނަމަވެސް ދުނިޔޭގެ އެދުމަށް ދަހިވެތިވެވޭވަރުބޮޑުކަމުން ޢަމަލުކުރަން ގިނަ ބައަކަށް އުނދަގޫވަނީއެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ޢިބްރަތަކަށް ފުދިލައްވާނެއެވެ. އިން ޝާ ﷲ  

އަޅުގަނޑަކީ ފޭރާންވިއްކާ ފިހާރައެއް ހިންގާ މީހަކީމެވެ. އެއީ މީގެ ދެއަހަރުކުރިން ކޮވިޑް ފެށުނުތަނާ ކައިރިއެވެ. ވިޔަފާރިއެއް ނެތެވެ. މުވައްޒިފުންނަށް މުސާރަ ނުދެވޭތަނުގައި ކުލިވެސް ނުދެއްކެއެވެ.  

އެއްރެއެކެވެ. ފިހާރަ ބަންދުކުރަން ދާދިގާތްވެފައިހުއްޓައި މުސްކުޅި އަންހެނަކު އައިސް އެހީއަކަށް އެދުނެވެ. އޭނާގެ ބަލި ދަރިފުޅެއްގެ ބޭސްފަރުވާއަކަށް އިންޑިއާއަށް ދެވޭނެ ގޮތެއް ނެތިގެންނެވެ. އެދައްތަ ގެންގުޅުނު ލިޔުންތައް ބަލާފައި އެދުވަހުގެ ވިޔަފާރިން ލިބުނު ހުރިހާ ފައިސާއެއް އޭނާއަށް ހަދިޔާކޮށްފައި ގެއަށް ދިއައީ ހުސްއަތާއެވެ.  

އެއީ ހަމަ އެފަދަ ބައްޔެއްގައި އަޅުގަނޑަށް ބޭސްނުކުރެވިގެން މަންމަ ސަލާންޖަހަމުން ހިނގިހަނދާން މިހާރުވެސް ހުރުމުންނެވެ. އެހީއެއް ދޭނެ މީހަކު ނުވާ ދުވަސްދުވަހު މަންމަ ރުއި ރުއިން ފެނިފައިވާތީއެވެ.  

ކޮންމެއަކަސް މިބުނަނީ އެކަމުގެ ނަތީޖާ އަޅުގަނޑަށް ފެނުނު ގޮތެވެ. ޖެހިގެން އައި ދުވަހުގެ ވިޔަފާރި ދެގުނަވިއެވެ. އަދި ކޮވިޑް އެފަހަރު ނިމިގެންދިއައިރުވެސް އަޅުގަނޑުގެ ފިހާރައަކީ އެންމެ ވިޔަފާރި ރަނގަޅު އެއް ފިހާރައެވެ.  

މިކުރުކުރު ވާހަކަކޮޅަށްފަހު މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑު ދޭން ބޭނުންވަނީ ހަމަ އެންމެ މެސެޖެކެވެ. އެއީ މާދަމާ ކަމެއް ނުކުރެވިދާނެކަމުގެ ބިރަށް މިއަދު މުށްބާރުނުކުރާށެވެ! މުށްބާރުކުރީމާ އެމުށުގެ ތެރެއަށް އެއްޗެއް އިތުރަށް ވައްދަން އުނދަގޫ ވާނެއެވެ. މުށުތެރެއަށް ގިނައިން ވަންނާނީ ހުލުވާފަ ބެހެއްޓުމުންނެވެ.  

އަޅުގަނޑު މިވާހަކަކޮޅު ހިއްޞާ މިކުރީ މި މައުޟޫއަށް މިއަދުނޫހުގައި ލިޔެފައި ހުންނަ ލިޔުންތައް ކިޔާ މީހަކަށްވާތީއެވެ.   

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން