އަހުރެމެންނަކީ މުސްލިމުން ކަމަށްވީތީ ތެދުވެރިކަމުގެ ވާހަކަ ގިނައިން ދައްކަނީއެވެ. ދުނިޔޭގައިވާ ހުރިހާ ދީންތަކަށް ބެލިނަމަވެސް އަދި ފަލްސަފާތަކަށް ބެލިނަމަވެސް މަކަރުހެދުން ހުއްދަކުރާ ދީނެއްވެސް އަދި ފަލްސަފާއެއްވެސް ނެތެވެ.
ލޯބީގައިވެސް ތެދުވެރިވުމަށާއި ލޯބިވެރިޔާ ތިމާއަށް ގެއްލިދާނެކަމަށް ޤަބޫލުކުރެވޭ ޙާލަތުގައިވެސް ތެދުވެރިވުމަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ. ދޮގުބުނުމާއި މަކަރުހެދުމާއި އޮޅުވައިލުމަކީ ފަހަރެއްގައި އެވަޤުތު އުފާވެރިކަމެއް ލިބުނަސް ފަހުން ކަރުނައަޅަންޖެހޭނެ ކަމެކެވެ.
ކައިވެނިކުރަން ބޭނުންވެގެންވެސް ތެދުވެރިވުމުން ލިބޭ ފައިދާ ބަޔާންކޮށްދޭން ވަރަށް ގިނަ މީހުން ކިޔައިދޭ ވާހަކައެއް އަހުރެންވެސް ކިޔައިދޭނަމެވެ. އަޑުއަހާށެވެ.
އެއީ ރަސްގެފާނުގެ ހުރި ހަމަ އެންމެ ފިރިހެންދަރިފުޅެވެ. މިއަދު ރަސްގެފާނު އަވަހާރަވިނަމަވެސް ރަސްކަން ލިބިވަޑައިގަންނަވާނީ އެދަރިކަލުންނެވެ. އެދަރިކަލުން ކައިވެނިކުރައްވަން ޤަޞްދުކުރެއްވީ ގަނޑުވަރުގައި ނޯކިރީކުރާ އަންހެނެއްގެ ދަރިފުޅަކާއިއެވެ. އެކަމާއި ބައްޕާފުޅު ޤަބޫލުނުވުމުން އެއްދުވަހަކު މުޅި އަވަށަށް ދަޢުވަތެއް ދެއްވިއެވެ. ރަސްގެފާނުގެ ދަރިކަލުންނާއި ކައިވެނިކުރަން ބޭނުން ހުރިހާ އަންހެނުން އެދުވަހު ހަވީރު ގަނޑުވަރަށް އައުމަށެވެ.
ދަރިފުޅަށް ލިބެން އޮތް ފުރުޞަތު ގެއްލޭތީ އެއަންހެންމީހާ ހުރީ ވަރަށް ދެރަވެފައެވެ. އެހެންވެ ދަރިފުޅުގާތުގައި ބުންޏެވެ. "ދަރިފުޅު ދާނެކަމެއް ނެތެވެ. ސަޙަރުގެ ހުރިހާ ޤަދަރުވެރި، ފައިސާވެރި، ރީތި ހުރިހާ އަންހެނުން ދާނެއެވެ. ދަރިފުޅަކަށް ފުރުޞަތެއް ނުލިބޭނެއެވެ." މަންމަގެ ބަސް ޤަބޫލުނުކޮށް ދަރިފުޅު ބޭނުންވީ އޭނާވެސް ދާށެވެ. އޭނާ ބުނީ މިދަނީ އެންމެ ފަހު ފަހަރަށް ނަމަވެސް ރަސްގެފާނުގެ ދަރިކަލުން ދެކެލުމުގެ ބޭނުމުގައި ކަމަށެވެ.
ހުރިހާ އަންހެނުން ދިއުމުން ކޮންމެ އަންހެނަކަށްވެސް ރަސްގެފާނުގެ ދަރިކަލުން ދެއްވީ އޮށެކެވެ. ދެއްވާފައި ވިދާޅުވީ އެއޮށް އިންދައިގެން ގަހެއް ހެއްދުމަށެވެ. އަދި 3 މަސްވާދުވަހު ގަސްތައް ހިފައިގެން އައުމުން އެންމެ ރީތި މަލެއް ފޮޅިފައިވާ ގަސް ހެއްދި އަނހެންކާއި ކައިވެނިކުރައްވާނެ ކަމަށެވެ.
3 މަސްވީދުވަހު ހަވީރު ހުރިހާ އަންހެނުން އެންމެ ފުރިހަމައަށް ނަލަހެދިގެން ގަހެއް ހިފައިގެން ގަނޑުވަރަށް ދިއައިރު ރަސްގެފާނާއި ދަރިކަލުން ތިއްބެވީ އެމީހުންގެ އިންތިޒާރުގައެވެ. ރަސްގެފާނުގެ ދަރިކަލުން ކައިވެނިކުރައްވަން ނިންމެވީ ގަހެއް ނެތް ހުސްމުށިގަނޑެއް ހިފައިގެން ގޮސްހުރި އޭނާގެ ލޯބިވެރިޔާ، ނޯކަރު އަންހެންމީހާގެ ދަރިފުޅާއިއެވެ.
އެކަމާއި ރަސްކަލުން ސުވާލުކުރެއްވުމުން ދަރިކަލުން ވިދާޅުވިއެވެ. "އަޅުގަނޑު ހުރިހާ އަންހެނުންނަށްވެސް ދިނީ ގަސްނުފަޅާނެ މަރުވެފައިވާ އޮށެކެވެ. މީނާ ނޫން ހުރިހާ އަންހެނުން އެވަނީ އޮށް ބަދަލުކޮށް ރީތި މައުފޮޅޭ ގަހެއް ހައްދާފައެވެ. އަޅުގަނޑު ބުނި ގޮތަށް ތެދުވެރިވެ ކަންތައް ކޮށްފައި އެވަނީ މީނާ އެކަންޏެވެ."
އެއަޑު އައްސަވާފައި ދަރިކަލުންގެ ވިސްނުން ތޫނުކަމަށް ރަސްގެފާނު ތަޢްރީފްކުރައްވައި ކައިވެނިފުޅުގެ ކަންކަން އިންތިޡާމުކޮށްދެއްވިއެވެ.
މިވާހަކައަކީ ކުރިންވެސް ބުނިފަދައިން ތެދުވެރިވުމަކީ ކޮންމެ ކަމެއްވެސް ކާމިޔާބުކުރުމުގެ ތަޅުދަނޑިކަމާއި ތެދުވެރިވުމުން ލިބޭ އުފާވެރިކަން މާބޮޑުވާނެކަން ވަރަށް ރަނގަޅަށް އެނގިގެންދާ ވާހަކައެކެވެ. ވިސްނައި ޢިބްރަތް ހާޞިލުކުރާށެވެ.
- އަލަފް / މިއަދުނޫސް