އަޅުގަނޑުމެންގެ ތެރޭގައި ގިނައީ ވަރަށް ރަނގަޅު މައިން ކަމަށްވުމުން މިބާވަތުގެ ޙާދިސާތައް ހިނގުން މަދުވެދާނެއެވެ. އަދި މަދުވިނަމަވެސް މިމައްސަލައަކީވެސް މުޖުތަމަޢުގައި އޮތް މައްސަލައެކެވެ. ދޭތެރެ ދޭތެރެއިން މިބާވަތުގެ ހާދިސާތަކުގެ އަޑު އަންނަނީ އިވެމުންނެވެ.
ބުނެލަން އޮތީ މިބާވަތުގެ ކަންކަމަކީ އެއްވެސް ސިފައެއްގައި އެއްވެސް މިންވަރަކަށް ހިނގައިގެންވާނެ ކަންކަމެއް ނޫނެވެ. ދަރިންގެ ޢިއްފަތްތެރިކަން ޙިމާޔަތްކުރުމަށްވުރެ ވަކިން ބޮޑު ަމސްއޫލިއްޔަތެއް ބެލެނިވެރިންނަށް ނުއޮންނާނެތީއެވެ.
ތިރީގައިވާ ވާހަކައަކީ ވަރަށް އަސަރުގަދަ ވާހަކައެކެވެ. ޢުމުރުން 12 އަހަރުން ފެށިގެން ދޮންބައްޕައެއްގެ އަނިޔާލިބެމުން އައިއިރުވެސް މަންމަ އަޅައިވެސް ނުލުމުން ކެތްނުކުރެވިގެން އަމިއްލައަށް ގެއިން ނުކުމެގެންދާންޖެހުނު ކުއްޖެއްގެ ޥާހަކައެވެ. އެކުއްޖާއަށް ލެއްވެވި ބޮޑު ރަޙުމަތުގެ ވާހަކައެވެ. އެމަންމައަށް ޖެހުނު ނިކަމެތި ޙާލުގެވެސް ވާހަކައެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ!
އަޅުގަނޑުގެ މުޅި އުމުރުގައިވެސް އަދި މިހައިތަނަށްވެސް ބައްޕައެއް ލޮލަކުން ނުދެކެމެވެ. މަންމަ ބުނާގޮތުން އަޅުގަނޑަށް ބަލިވެ އިންތަނާ ބައްޕަ ފިލައިފިއެވެ. ވަރިވާންޖެހުނީވެސް ކޯޓަށް ގޮސްގެންނެވެ. ކޮންމެއަކަސް އަޅުގަނޑު ބޮޑުވެގެން އައީ ދޮންބައްޕައެއްގެ އަތްމަތީގައެވެ.
އޭނާއަށް އަޅުގަނޑު ކިޔަން ބޭނުންވަނީ ކަޅު ޖަނަވާރެވެ. ސަބަބަކީ އަޅުގަނޑުގެ އުމުރުން 12 އަހަރުވިތަނާ އަޅުގަނޑުގެ ފަހަތުން ވިއްދައިފިއެވެ. އެއްޗެތިދީގެން ހައްދައިގެން ކަންކަން ކުރަން އުޅުމުން ފުރުޞަތު ނުދީ ދެކޮޅުހެދީމަ ގަދަކަމުންވެސް އަޅުގަނޑުގެ ބޭނުންކުރަން އުޅުނެވެ. އެފަދަ ވާހަކައެއް ކިޔައިދީފިނަމަ މަންމަ ކުށްވެރިކުރަނީ އަޅުގަނޑެވެ. ބުނަނީ އެހެން އެވަނީ އަޅުގަނޑު ދޮންބައްޕަގެ ފަހަތުން އުޅޭތީ ކަމަށެވެ.
ކޮންމެއަކަސް އަޅުގަނޑު އޯލެވެލް ނިންމި ތަނާ އެއް ރޭ އަޅުގަނޑު ނިދަން އޮއްވާ ޑަބަލް ތަޅުދަނޑިން ދޮރުހުޅުވައިގެން ކޮޓަރިއަށްވަދެ އަޅުގަނޑުގެ މަގަތުގައި އޮށޯތެވެ. އަޑަށް ލެވުނުހައި ބާރެއް ލާފައި މިޖަނަވާރުގެ ކިބައިން ސަލާމަތްކޮށްދޭށޭ ގޮވަން ފެށީމާ މަންމަ އައެވެ. މަންމަ އައުމުން ބުނީ އަޅުގަނޑު އޭނާ ވައްދައިގެން ފައިސާ ހޯދަން އުޅުނީމާ ފައިސާދޭން ދެކޮޅުހެދީމާ އަޑުގަދަކުރީ ކަމަށެވެ.
އެރޭވެސް މަންމަ ޤަބޫލުކުރީ އެ ކަޅު ޖަނަވާރުގެ ބަހެވެ. އެހިސާބުން އެނދުން ތެދުވެ ހެދުންލައިގެން ފޮށްޓަކަށް އެއްޗެތި އަޅައިގެން އެކުވެރި އަންހެން ކުއްޖެއްގެ ގެއަށް ގޮސް އޭނާގެ މަންމަ ގާތު ރޮއި އާދޭސްކޮށްފައި އަޅުގަނޑަށް އެހީތެރިވެދޭން އެދުމުން އަޅުގަނޑަށް އެހީތެރިވިއެވެ.
އެއީ ވަރަށް ރަނގަޅު ދެމަފިރިންނެވެ. އެގޭގައި ބަހައްޓައިގެން އަޅުގަނޑަސް ކިޔަވައިދިނެވެ. ގްރޭޑް 12 ނިންމުމުން ވިލާ ކޮލެޖަށް ވައްދައިގެންވެސް ކިޔަވައިދިނެވެ. އަޅުގަނޑަށް އެމްބީއޭ ޙާޞިލްކޮށްދިނެވެ. އަދި ކިޔަވަމުންދިއައިރު އެމީހުންގެ ކުންފުނިން ވަޒީފާއެއްވެސް ދިނެވެ. މުސާރަވެސް ދިނެވެ. މުސާރަދެމުންވެސް ކޯސްފީ ދައްކައިދިނީ އެދައްތަމެންނެވެ.
ކުންފުނީގައި އަޅުގަނޑަށް މަސައްކަތްކުރަންޖެހުނީ އަޅުގަނޑަށްވުރެ 5 އަހަރު ދޮށި، އަޅުގަނޑުގެ ބެލެނިވެރި ދައްތަމެންގެ އަމިއްލަ ދަރިއެއްގެދަށުންނެވެ. އެހެން އުޅުމުގެ ތެރޭގައި ދެމީހުންގެ މެދުގައި ގުޅުން އުފެދިއްޖެކަން އެނގުމުން ކައިވެނިކޮށްދިނެވެ. އަދި ދެމަފިރިންނަށް އަމިއްލަ ވިޔަފާރި ކުރެވޭނެ ގޮތްވެސް ހަދައިދިނެވެ.
މަންމަގެ ގެއިން ނުކުމެގެން އައިފަހުން އަޅުގަނޑު ދުނިޔޭގައި އުޅޭތޯވެސް ބަލައިނުލައެވެ. އަޅުގަނޑަށް ދެ ދަރިންވެސް ލިބުނު ފަހުން އެއްދުވަހަކު އޮފީހުގައި އިންދާ އައިސް ރޯންފެށިއެވެ. މަންމަ ކައިވެނިކޮށްގެން އުޅުނު ޖަނަވާރު މަންމަ ވަރިކޮށްލާފައި ޅަކުއްޖަކާއެކު ދިއައީއެވެ. މަންމަގެ ލާރިކޮޅުވެސް ވަގަށް ނަގައިގެންނެވެ. އެއިރު ހުރީ ދަތި ޙާލުގައެވެ. ބުނީ ކައިބޮއި ހެދެންވެސް ނެތްކަމަށެވެ.
އަޅުގަނޑަށް ދެވުނީ ވަރަށް އެހެންކަހަލަ ޖަވާބެކެވެ. "އަހަރެންގެ ބައްޕަވެސް ނުފެނިވާފަދައިން މަންމަވީ ގެއްލިފައެވެ. މަންމަ ކަންކަންކުރީ އަދި މާނުބައިކޮށެވެ! އަހަރެން ދިރިހުއްޓާ ކަޅު މިނިކާ ޖަނަވާރަކަށް އަހަރެން ކާންދިނީއެވެ. އަހަރެން ކާލަން އެތައް ފަހަރަކު އުޅުމުންވެސް މަންމައަށް ރަނގަޅުވީ އެ މިނިކާ ޖަނަވާރެވެ! ވީމާ އެ އަންހެން މީހާއަކީ އަހަރެންގެ މަންމަ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. މަންމައަކު ދަރިންނާއިމެދު އެގޮތަށް ކަންތަކެއް ނުކުރާނެއެވެ. ވީމާއަހަރެންނަކީ އާދައާ ޚިލާފް ދަރިއެކެވެ. މީގެކުރިން އަޑުއަހަނީ ބައްޕަ ނުހުންނަ ކުދިންގެ ވާހަކައެވެ. ނަމަވެސް އަހަރެންނަކީ މަންމައަކު ނެތް ކުއްޖަކީމެވެ.
ދެން އެވާހަކަތައް ބާއްވާށެވެ! ދަތިޙާލުގައި އުޅޭ މީހުންނަށް މިކުންފުނިން އެހީތެރިވެއެވެ. ކޮންމެވެސް އިނާޔަތެއް ދެއެވެ. ޢިނާޔަތް ބޭނުންނަމަ ރިސިޕްޝަނުން ފޯމެއް ނަގައި ފުރާލާފައި ކައުންޓަރާ ޙަވާލުކުރާށެވެ! އެކަމާ ބެހޭ މުވައްޒިފުން ގުޅާނެއެވެ."
މިއީ މަންމައަކަށް ދޭން ރަނގަޅު ޖަވާބެއް ނޫންކަންވެސް އެނގެއެވެ. ނަމަވެސް ކުރާނީ ކީއްތޯއެވެ؟ އޭނާ ފެނުމުން އާވަނީ އެ ނުބައި ހަނދާންތަކެވެ. އެއީ މަންމަކަމަށް ސިކުނޑި ޤަބޫލެއް ނުކުރެއެވެ. އެއިގެ ފަހުންވެސް 7 އަހަރުވީއެވެ. އަދިވެސް އެއީ މަންމަ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ނަމަވެސް ކޮންމެ މަހަކުވެސް އުޅެވޭވަރަށް ރުފިޔާދެމެވެ. މުވައްޒިފުން ފޮނުވައިގެން ޙާލުބަލަމެވެ. ބަލިވެއްޖެނަމަ ބޭސްފަރުވާވެސް ކޮށްދެމެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް މައިންނަށް ބުނެލަން އޮތީ ޒުވާން ފިރިން ލިބުނަސް ދަރިންގެ ޢިއްފަތްތެރިކަން އެމީހުންނަށް ނުދޭށެވެ! ދަރިންގެ ޢިއްފަތްތެރިކަން ޙިމާޔަތްކޮށްދޭށެވެ. ނޫންނަމަ ދުނިޔޭގައިވެސް އަދި ޤިޔާމަތްދުވަހުވެސް އެކަމުގެ ހިތާމަކުރަން ޖެހޭނެއެވެ.
އިތުރަށް ސުވާލެއްވެސް ކޮށްލާނަމެވެ. ބަނޑުއަޅައި ވިހައި އެތައް ބުރަތަކެއް އުފުލައިގެން ގެންގުޅޭ ދަރިންގެ ޢިއްފަތް އިއްޔެ ފެނުނު ފިރިހެނަކަށް ތިއަދެނީ ހަމަ ދަރިންދެކެ ލޯބިވާތީހެއްޔެވެ؟ ދަރިން ބޮޑުކުރަން އަމިއްލައަށް އުފުލާ ބުރަވެސް ޒުވާން ފިރިން ލިބުމުން ހަނދާންނެތެނީހެއްޔެވެ؟
- މިއަދުނޫހުގެ ކިޔުންތެރިއެއް-