ރާއްޖެއިން ލަންކާ އަށް ކަނޑައަޅުއްވި ސަފީރު މަސްޢޫދު ޢިމާދު ފަތްކޮޅު އަރުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ރާއްޖެއިން ލަންކާ އަށް ކަނޑައަޅުއްވި ސަފީރު މަސްޢޫދު ޢިމާދު ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެ އިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް މަސްޢޫދު ޢިމާދު އެ މަނިކުފާނުގެ މަޤާމުގެ ފަތްކޮޅު ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އަށް އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައިވަނީ މިއަދު ހެނދުނު ކޮލަމްބޯގައި ހުންނަ ރައީސްގެކޮޅުގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު މަސްޢޫދު ޢިމާދު ވިދާޅުވީ މިއީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއްކަމަށާއި ރާއްޖޭގެ ސަފީރުކަމުގެ މަޤާމު އަދާކުރެއްވުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެމަނިކުފާނަށް އިތުބާރުކުރައްވާ މަތިކުރައްވާފައިވާ މުހިންމު ޒިންމާ ވަރަށް ރަނގަޅަށް ތަސައްވުރު ކުރެއްވޭ ކަމަށެވެ.

އަދި އެ މަނިކުފާނު ސްރީލަންކާ އާއި ދިވެހިރާއްޖެ އާ ދެމެދު އޮތް ތާރީޚީ އަދި ޚާއްޞަ ގުޅުން ބަދަހި ކުރުމަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން، ރައީސް ރަނިލް ވިކްރަމަސިންހަ އަށް އެރުވިއެވެ. އަދި ސްރީލަންކާ އަކީ ހަމައެކަނި ރާއްޖެއަށް އިޖްތިމާއީ ގޮތުންނާއި އިޤްތިސާދީ ގޮތުން ތަރައްޤީގެ ބައިވެރިއެއްގެ އިތުރުން ގިނަ ދިވެހިންނަށް އެންމެ ޝައުޤުވެރިވާ، އެންމެ ފަރިތަ އަވަށްޓެރި ޤައުމުގެ ގޮތުގައި ދެކޭތަނެއްކަމުގައި ސަފީރު ޢިމާދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ފޮރިން މިނިސްޓަރ މޫސާ ޒަމީރުގެ ފަރާތްޕުޅުން ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ސްރީލަންކާގެ އެކުވެރި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރެއްވިއެވެ.

ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ، ދިވެހިރާއްޖެ އިން ސްރީލަންކާ އަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމާ ސަފީރު ޢިމާދު ހަވާލުވެވަޑައިގަތުމުން މަރުހަބާ ވިދާޅުވިއެވެ. އަދި ސަފީރު ޢިމާދުގެ ދައުރުގައި ކާމިޔާބީއަށް އެދިވަޑައިގެން، ރައީސް ރަނިލް ވިކްރަމަސިންހަ ގެ ވެރިކަމުގައި ރާއްޖެ އާއި ސްރީލަންކާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

 

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން