ލަންކާއިން ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމުގެ ޔަޤީންކަން ލަންކާ ސަރުކާރުން ދެއްވައިފިއެވެ.
ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ސްރީލަންކާއަށް މިވަގުތު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ބޭއްވުނު މި ބައްދަލުވުމުގައި އެ މަނިކުފާނު ވަނީ ސްރީލަންކާގައި އޮން އެރައިވަލް ވިސާ ދިނުމުގެ އުސޫލަށް ދާދިފަހުން ގެނައި ބަދަލާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެފައިވާ ދަތިތައް ޙިއްސާ ކުރައްވައި އެ ކަމަށް އަވަސް ހައްލެއް ހޯދައި ދެއްވުމަށް އެދިވަޑައިގެންފައެވެ.
މީގެއިތުރުން، ސްރީލަންކާގައި ތަޢުލީމު ޙާސިލްކުރަމުންދާ ދިވެހި ދަރިވަރުންނާއި އާއިލާތަކަށް ވެސް ވިސާ ހޯދުމުގައި މިހާރު ދިމާވާ ދަތިތައް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ފާހަގަކުރައްވައިފަ އެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރ އޮފް ޕަބްލިކް ސެކިޔުރިޓީ ޓިރަން އަލެސް ވަނީ ދެ ޤައުމުން ސޮއިކޮށްފައިވާ ވިސާ ފެސިލިޓޭޝަން އެއްބަސްވުމާ އެއްގޮތަށް، އިތުރު ތަކުލީފަކާ ނުލައި، ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ މަގު ފަހިކޮށް ދެއްވައި، އެކަން ލިޔުމުން ޔަޤީން ކޮށްދެއްވާފައެވެ.
އަދި ސްރީލަންކާގައި ތަޢުލީމު ޙާސިލްކުރަމުންދާ ދިވެހި ދަރިވަރުން ކޮންމެ އަހަރަކު ދައްކަންޖެހޭ ވިސާ ފީ އަށް އެކަށީގެންވާ ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ އޮފް ޕަބްލިކް ސެކިޔުރިޓީ ދެއްވި އެވެ.
މީގެއިތުރުން ވެސް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ޙިއްސާކުރެއްވި ކަންބޮޑުވުންތަކާއި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވެފައިވާ އިތުރު ދަތިތައް ވެސް ހައްލުކޮށް ދެއްވައި، ކައިރި މުސްތަޤުބަލެއްގައި، ލިޔުމުން ޙިއްސާކުރައްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ އޮފް ޕަބްލިކް ސެކިޔުރިޓީ މިއަދު ވަނީ ދެއްވައިފައެވެ.
ސްރީލަންކާ ގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެމް.ޔޫ.އެމް. ޢަލީ ސަބްރީގެ ދަޢުވަތަކަށް މި މަހުގެ 03 އިން 06 އަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ކުރައްވާ ދަތުރުފުޅު ނިންމަވާލައްވައި މިއަދު އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅުގައި ދެ ޤައުމު ޚާރިޖީ ވަޒީރުންގެ ރަސްމީ ވާހަކަތައް ބާއްވައި، ގިނަ ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް ވަނީ މަޝްވަރާ ކުރައްވައިފައެވެ.