ޑަބްލިޔޫއެޗްއޯއިން މަނާކުރާތީ މީހުންގެ ބަލި ހާމަކުރުން މަލެވެ. އެކަމަކު ނުރައްކާތެރި ތަފާތު ބޮޑެތި ބަލިތަކުގެ މީހުން މިނިވަންކަމާއިއެކު އެބައުޅެއެވެ. އެމީހުންގެ ސަބަބުން ނުރައްކައުތެރި ބަލިތައް ފެތުރުމުގެ ފުރުޞަތުވެސް އެބައޮތެވެ.
ކަންކަން މިފަދަ ޙާލެއްގައި ހުރިކަން އެނގޭއިރުވެސް ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުން މިވަނީ ޢާންމުވެފައެވެ. މިކަމަކީ ފިރިހެނުންނާއި އަންހެނުންވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ އެއްކަންތަކެވެ. ތިރީގައިވާ ވާހަކައަކީ މިގޮތުން ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ވިދާޅުވެލައްވާށެވެ!
އަޅުގަނޑަކީ އަޅައިލާނެ އެއްވެސް އިތުރު މީހަކު ހުރި އަންހެނެއް ނޫނެވެ. މައިންބަފައިން ވަނީ ވަރަށް ކުޑައިރު ނިޔާވެފައެވެ. ހުރިހަމައެކަނި ދަރިއަކީ އަޅުގަނޑެވެ. ގެންގުޅެ ބޮޑުކުރީ އަވަށްޓެރިއެކެވެ. އެހެންކަމުން ކައިވެނިކުރެވުމުން ހުރިހާ ސަމާލުކަމެއް ދިނީ ފިރިމީހާއަށެވެ. އޭނާގެ ރުހުން ހޯދުމަށްޓަކައި އޭނާގެ އަޅަކަށްވީމެވެ.
ކައިވެންޏަށް ދަރިއަކު ލިބި އަހަރުވެސް ނުފުރެނީސް ފިރިމީހާ އެހެން އަނހެނަކާއި ލޯބީގެ ގޮތުން ގުޅިއްޖެއެވެ. އެކަމުގެ ހިތްދަތިކަން އުފުލަންޖެހިއްޖެއެވެ. ނަމަވެސް ދެކޮޅުހަދާފައި ވަރިވެގެން ދާނެ އެއްވެސް ތަނެއް ނެތުމުން ކެތްތެރިވެގެން އިނީއެވެ. ރޯލަރޯލައެވެ. އަބަދުހެން ކަރުނައަޅާ ޙާލުގައެވެ.
ފިރިމީހާ އޭނާ އާއި ގުޅުނު ފަހުން އަޅުގަނޑާއިއެކު ރެއެއް ނުކުރެއެވެ. ގިނަ ރޭރޭ ގެއަކަށް ނާދެއެވެ. އަންނަރެއަކުވެސް ފުރަގަހަށް އެނބުރިއޮވެ ނިދަނީއެވެ. އަނގައިންވެސް ނުބުނެއެވެ. ފިރިމީހާއަކީ ތަނަވަސް މީހެކެވެ. އޭނާ އަޅުގަނޑުމެން ދެމައިންގެ ޚަރަދުތައް ބަލަހައްޓައެވެ. އެއީވެސް ވަރަށް ވަރަށް ބޮޑު ރަހްމަތެއްކަމަށް ކަމަށް ޤަބޫލުކޮށް ޝުކުރުވެރިވީމެވެ.
އެކުގައި ރޭނުކުރާތީ ހިތުގެ އިތުރުން ގައިގައިވެސް ވޭން އަޅައެވެ. ހުރިހާ ގޮތަކުންވެސް ލިބެމުން ދިއައީ ވޭނާއި އަނިޔާއެވެ. ކޮންމެ ރެއަކުހެން ގިސްލާ ރޮވިގެން މޫނު ދޮންނަންޖެހެނީ ކިތައްފަހަރުކަން ބުނާކަށް ނުއެނގެއެވެ. ކޮންމެއަކަސް އެހިތްދަތިޙާލުގައި ﷲ ތަޢާލާގެ ރަޙްމަތަށް އެދި ދުޢާކޮށްކޮށް އިންނަތާ 4 އަހަރުވީފަހުން އެއްދުވަހަކު ހެނދުނު ސައިބޮއިގެން ފިރިމީހާ ތެދުވިތަނާ އަންނަނީ ފޯނުކޯލެކެވެ. ފޯނުކޯލުގައި އިންދާ ގޮނޑިމައްޗަށް ވެއްޓިއްޖެއެވެ.
އެމްބިޔުލާންސަށް ގުޅައިގެން ގެނެސް ހޮސްޕިޓަލަށް ގެންދިއުމުން ބަލާފައި ޑޮކްޓަރުބުނީ ފިރިމީހާ ނިޔާވެފައިވާ ކަމަށާއި ނިޔާވީ ކުއްލި ޝޮކެއް ހިތަށް ލިބިގެން ކަމަށެވެ. ޙަޤީޤަތް އެނގުނީ 3 ދުވަސްފަހުންނެވެ. އޭނާގެ ލޯބިވެރިޔާ ކުއްލިއަކަސް މަރުވީއެވެ. އޭނާއަކީ އެއިޑްސް ޖެހިގެން މަރުވި އަންހެނެކެވެ. އެކަން ފިރިމީހާޢަކަށް ނުއެނގެއެވެ. އޭނާ ފިރިމީހާ އާއި ގުޅިގެން އުޅުނީ ބޭސްފަރުވާކުރާނެ ފައިށާ ހޯދަން ފަސޭހައަކަށެވެ.
ފިރިމީހާގެ އެކުވެރިންގެ ކިބައިން މިމަޢުލޫމާތުލިބުމުން ޤަބޫލުކުރެވެނީ އޭނާއަށްވެސް އެއިޑްސް ޖެހިފައިވެދާނެކަމަށް ޤަބޫލުކުރެވުމުން ޝޮކެއް ލިބުނީ ކަމަށެވެ. މޮޅަށް ދެނެވޮޑިގެންވާނީ ﷲ އެވެ.
ފިރިމީހާ ނިޔާވުމުން ވަރަށް ދެރަވިއެވެ. އެހައި ކުޑައިރު ދަރިފުޅަށް ބައްޕަ ގެއްލުމުންނެވެ. އަދި އަޅުގަނޑު އުންމީދުކޮށްގެން ހުރީވެސް ފިރިމީހާ އާއި ވަކިވުމަކަށް ނޫނެވެ. އިޞްލާޙްވެ އަޅުގަނޑާއިއެކު ދިރިއުޅޭނޭ ދުވަހަކަށެވެ. ނަމަވެސް އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އަޅުގަނޑަކީ ކުޑައިރުންސުރެވެސް ﷲ އަށް ކިޔަމަންތެރި އަޅަކީމެވެ. އެހެންވެ ހިތްދަތިކަމުގައި އެހައިގިނަދުވަސްތައް ފާއިތުވެގެންދިއަ އިރުވެސް ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑައެއް ނުލަމެވެ. އަބަދުވެސް ހުރީ އުފާވެރިކަން ދެއްވަވާނެ ވަޤުތުގެ އުންމީދުގައެވެ. އެކަން ޔަޤީންކޮށްގެންނެވެ.
ކިތަންމެ ނިކަމެތި ޙާލުގައި ބޮޑުވިނަމަވެސް އަޅުގަނޑަކީވެސް ތަންދޮރުފިލާވަރަށް ކިޔެވިފައި އިން އަންހެނަކުކަމުން ފިރިމީހާގެ ވިޔަފާރި އަމިއްލައަށް ހިންގަން ފެށީމެވެ. ނަމަވެސް އެއީ ދަރިފުޅުގެ މިލްކެއް ކަމަށް ޤަބޫލުކޮށްގެން ތެދުވެރިކަމާއިއެކުގައެވެ. 2 އަހަރު ފަހުން ކައިވެންޏެއްކޮށް މިހާރުވެސް ދިރިއުޅެމުން މިގެންދަނީ އެކައިވެނިމަތީގައެވެ. އުފާވެރިކަމާއިއެކުގައެވެ. ހިތްދަތި ދުވަސްތަކުގައި ކެތްތެރިވެ ﷲ އަށް އިތުބާރުކުރިކަމުގެ ނަތީޖާ ދުނިޔޭގައިވެސް މިވަނީ ފެނިފައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ކިތަންމެ ބޮޑު އިމްތިޙާނެއް ކުރިމަތިކުރެއްވެވި ނަމަވެސް ކެތްތެރިވެއްޖެނަމަ އެކަމަކީ ފައިދާ ކުރާ ކަމަކަށްވާނެއެވެ. ފިރިމީހާގެ ކިބައިން އެހާބޮޑަށް ހިތްދަތިކަން ލިބުނުއިރުވެސް، އެކުގައި ރޭނުކުރާތީ އެހައިބޮޑަށް އަނިޔާލިބެމުން އައިއިރުވެސް ކެތްތެރިވިކަމުގެ ނަތީޖާ ނިކަން ދެކިބަލާށެވެ! އެކުގައި ރޭކުރެވުނުނަމަ އަޅުގަނޑުވެސް ވެގެންދާނީ އެއިޑްސްބަލީގެ ޝިކާރައަކަށް ނޫންތޯއެވެ؟ ދަރިފުޅު ވެގެން ދިއައީހީ އަޅުގަނޑު ފަދައިން އެއްވެސް މީހެއްގެ ލޯބި ނުލިބި ބޮޑުވާނެ ކުއްޖަކަށް ނޫންތޯއެވެ؟
ފެންނަހާ އަންހެނަކާ ހިތާވެ ރޭކުރަމުން ގެންދާ ފިރިންނަށް އަޅުގަނޑުގެ މިވާހަކައިގައި ފިލާވަޅެއްވޭ ނޫންތޯއެވެ؟ އަދި ކެތްތެރިވާ އަނބިންނަށް މާބޮޑު ފިލާވަޅެއްވޭ ނޫންތޯއެވެ؟ ޢިބްރަތް ޙާޞިލުކުރައްވާށެވެ.
- ޝަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް