މިއީ އަޅުގަނޑުގެ އެކުވެރިއެއްގެ ހަޔާތުގައި ހިނގާދިއަކަމެކެވެ. އަޅުގަނޑާއި މި އެކުވެރިޔާއާއި ދިމާވި ފަހުން ތިން އަހަރުވަނީއެވެ. އެއީ ހިތްހެޔޮ އެކުވެރިއެކެވެ. ހަބަރެއް ނުވެއްޖެނަމަ ހާލު ބަލައިލާ ހެޔޮ މިތުރެކެވެ. ކައިރިން ދިމާވާއިރު އަބަދުވެސް ފާހަގަ ކުރެވޭ އެއްކަމެއްވެއެވެ. މަޑުމައިތިރިކަމާއި މާޔޫސްކަމެވެ. އޭގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ވާނެކަމަށް އަބަދުވެސް އަޅުގަނޑުގެ ހިތް ބުނަމުން ދިއައެވެ.
ކަންތައްވީވެސް ހަމަ އެހެންނެވެ. އެކުވެރިޔާގެ ހަޔާތުގެ ޞޮފުހާތައް ކިޔާދީ ނިމުނުއިރު އަޅުގަނޑު އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ހުއްޓުން އަރާފައެވެ. ހިތްވަރު ދިނުމުގެ ގޮތުންވެސް ވަކި ބުނާނީ ކީކޭ ހެއްޔެވެ؟ (ބުނާނީ ކީކޭކަން ނުއެނގިފައެވެ،) ކިތަންމެ ޤަބޫލުކުރަން ބޭނުންނުވިނަމަވެސް އެއީ ހަޤީގަތެވެ.
ތިރީގައި މިވަނީ އަސްލު ނުގެއްލޭނެހެން ލިޔެފައިވާ އެކުވެރިޔާގެ ހަޔާތުގެ ވާހަކައެވެ.
ސީމާ (އަސްލު ނަމެއްނޫން) އަކީ އުތުރުގެ ރަށަކަށް ނިސްބަތްވާ ޒުވާން ކުއްޖެކެވެ. އުމުރުން 19 އަހަރުގައި ވެވުނު އަލަތު ލޯބިން ކައިވެންޏާއި ހިސާބަށް ދިޔައީ މަދު ދުވަސް ކޮޅެއްގެ ތެރޭގައެވެ. ފިރިމީހާއަކީ މާލޭގެ ގެދޮރު ހުރި ތަނަވަސް މީހެކެވެ. އެހެންވެ ކައިވެންޏަށްފަހު ފިރިމީހާއާއި އެކު މާލޭގައި ދިރިއުޅުމަށް މާލެ ބަދަލުވީއެވެ.
ފިރިމީހާގެ ފަރާތުން ނޭދެވޭ އެއްވެސް ކަމެއް ނުފެނެއެވެ. ލޯތްބާއިއެކު ދެމަފިރިންވެސް ދިރިއުޅެމުން ދިޔައީ ވަރަށް އުފަލުގައެވެ. މިގޮތުގައި ކައިވެންޏަށް އަހަރުވީއިރު ވަނީ ލޯބިލޯބި ފިރެހެން ކުއްޖަކު ލިބިފައެވެ. ދަރިފުޅަށް 2 އަހަރުވީތަނާ ސީމާގެ ހަށިގަނޑަށް ބަދަލުތަކެއް އަންނަން ފަށައިފިއެވެ. އަބަދުމެ ހުންނަނީ ހުންއައިސްފައެވެ. ކާ ބޭހަކުން އެގުމެއް ނުވެއެވެ.
އެންމެ ފަހުން ޑޮކްޓަރަށް ނުދައްކާ ނުވިއެވެ. ޓެސްޓުތަކުގެ ނަތީޖާތަކަށްފަހު ޑޮކްޓަރު ބޭނުންވީ އަދިވެސް އިތުރަށް ޓެސްޓްތައް ހެދުމަށެވެ. އެންމެ ފަހުގެ ޓެސްޓުތަކަށް ފަހު ޑޮކްޓަރު ބުނި ފުރަތަމަ ޖުމްލައިންވެސް ދިޔައީ އަބުރައިގަނެގެންނެވެ. ސީމާ ވަނީ ކެންސަރުގެ ޝިކާރައަކަށް ވެފައެވެ. އެންމެ ދުވަހެއްވެސް ބޭކާރުކޮށްނުލައި ސީމާ ބޭނުންވީ އަވަސް ފަރުވާއެވެ. އޭނާ އަދި ދުނިޔޭގައި ހުންނަން ބޭނުންވެއެވެ. ދަރިފުޅު ބޮޑުވާތަން ދެކެން ބޭނުމެވެ.
އޭގެ ހަފްތާއެއް ފަހުން އިންޑިޔާއަށް ދިޔުމަށް ފުރައިފިއެވެ. ދަރިފުޅު ބެލުމަށް އެއްބަނޑު އެއްބަފާ ދައްތައާއި ހަވާލު ކޮށްފައެވެ.
ބަލީގެ ފަރުވާއަށް އިންޑިޔާގައި ދުވަސްތަކެއް ހޭދަކުރަން ޖެހެއެވެ. ކެންސަރުގެ އެންމެ ކުރީކޮޅުކަމުން ރަގަޅުވާނޭކަމުގެ ވަރަށް ބޮޑު އުއްމީދެއް ޑޮކުޓަރު ވަނީ ދެއްވާފައެވެ.
ފިރިމީހާއަށް ސީމާއާއި އެކު ހޭދަކުރެވުނީ އެއްމަސްދުވަހެވެ. ޗުއްޓީ ހަމަވީއެވެ. އެހެންކަމުން ސީމާގެ ކަންތައްތައް ބެލެހެއްޓުމަށް ސީމާގެ އާއިލާއިން މީހަކުގެނައެވެ. ފިރިމީހާ ދުރުގައި ހުރި ކަމުގައިވިޔަސް އިރު އިރު ކޮޅާ ގުޅާހަދައެވެ. ހިނގާ ހުރިހާކަމެއް އޮޅުން ފިލުވައެވެ. ދުރުގައި ހުންނަން ޖެހޭތީ ދެރަވާކަމުގައި ކޮންމެފަހަރަކުވެސް ބުނެއެވެ. ސީމާއަށް ހިތްވަރުދެއެވެ. ލޯބި ބަސްތަކުން ޖެހިފައިވާ ބަލިމަތިންވެސް ހަނދާން ނެތިކޮށްލައެވެ.
ދެމަސްވީއިރު ފިރިމީހާ ޤަވާއިދުން ގުޅާ ކޯލުތައް މަދުވާން ފަށައިފިއެވެ. ހެނދުނު ގުޅާލައިފިނަމަ ދެން ގުޅާނީ ރޭގަނޑު ނިދަންވުމުންނެވެ. ސީމާ އެކަމާ ޝަކުވާއެއް ނުކުރެއެވެ. ވަޒީފާގެ ގޮތުން ވަގުތު ނުވަނީކަމަށް ޤަބޫލުކުރެވޭތީއެވެ.
ހަތަރުމަސް ވަނިކޮށް އަނެއްކާވެސް ފިރިމީހާ ސީމާގެ ކައިރިޔަށް އައެވެ. ނަމަވެސް މިފަހަރު ސީމާ ކައިރީ މަޑުކޮށްލީ އެންމެ ދެ ހަފްތާވަރެވެ. ބުނަމުންދިޔައީ ވަޒީފާގައި ވަރަށް ބުރަކަމުގައެވެ. ނަގަންޖެހޭ ޒިންމާތައް ގިނަވެފައި ވަޒީފާގެ ކުރިއެރުން ލިބެމުންދާއިރު މާގިނައިން ޗުއްޓީ ނެގުން ރަގަޅުނޫން ކަމުގައެވެ.
އިންޑިޔާގައި އެތަކެއް މަހެއް ހޭދަކުރުމަށްފަހު ސީމާ ރާއްޖެއަތުވެއްޖެއެވެ.ހަށިގަނޑުން ކެންސަރުބަލި އެއްކޮށް ފިލާގޮސްފައިވާކަމުގައި ޑޮކުޓަރުވަނީ ޔަޤީންކަންދީފައެވެ.
ބަލިން އެއްކޮށް ރަނގަޅުވެގެން އައިނަމަވެސް ފިރިމީހާ އެކަމާ މާ ބޮޑަށް އުފާވިހެނެއް ހިޔެއްނުވެއެވެ. ފިރިމީހާ ބުނެލި ބަސްތައް ހަދާންވުމުން އަދިވެސް ސީމާގެ ހިތުގައި ރިހުމެއް އުފެދެއެވެ.
"ސީމާ އަކީ އަދިވެސް ބަލިމީހެއް! ކުރީގައި އުޅުނު ގޮތަކަށް ނޫޅެވޭނެ! ކެންސަރަކީ އެއްކޮށް ރަނގަޅުވާނެ ބައްޔެއްވެސް ނޫން.! އަބަދުވެސް ޑޮކްޓަރަށް ދައްކަންޖެހޭނެ! ބޭސްކާން ޖެހޭނެ!"
ފިރިމީހާ ދެކޭގޮތުގައި ސީމާއަކީ މުޅި އުމުރަށްވެސް ބަލިމީހެކެވެ.
ފިރިމީހާގެ އުޅުން މުޅީން ބަދަލުވެއްޖެއެވެ. ލޯބިވެތި ބަސްތަކާއި ފިރުމުންތައް މުޅީންހެން ނެތި ގޮސްފިއެވެ. މިކަމާއި ޝަކުވާއެއްވެސް ކޮށްނުލައި ހުއްޓާ އެއް ދުވަހަކު އޭނާގެ ހިތުގެ އެދުންތައް ހާމަކޮށްލައިފިއެވެ. އެހެން މީހަކު ދެކެ ލޯބި ވެވިއްޖެކަމާއި ކައިވެނި ކުރަންބޭނުންވާކަމަށް ބުނެފިއެވެ. ސީމާއަކީ ބަލިމީހަކަށް ވުމުން އެންމެ ރަނގަޅުވާނީވެސް އެގޮތް ކަމުގައި ބުންޏެވެ.
ހިތަށް ކިތަންމެ އަސަރެއް ކުރި ނަމަވެސް ފިރިމީހާގެ އެ އެދުމަށް އިންކާރު ކުރާކަށް ސީމާ ބޭނުމެއް ނުވިއެވެ. އޭނާ އެދުނީ އަންބެއްގެ ގޮތުގައި އަބަދުވެސް ބައިންދާ ދިނުމަށެވެ. ދަރިފުޅަށްޓަކައިވެސް ވަކިވާން ބޭނުންނުވާކަމަށެވެ. ނަމަވެސް ފިރިމީހާގެ ޖަވާބު ވަރަށް ސާފެވެ. އޭނާ ބުނަމުންދިޔައީ ސީމާ ވަރި ނުކޮށް އެ ކައިވެނި ނުކުރެވޭނެކަމުގައެވެ. ވަރިނުކުރުމަށް އެދޭ ކޮންމެ ފަހަރަކުވެސް ތަކުރާރުކޮށްވެސް ބުނަމުން ދިޔައީ ސީމާ ވަރިކުރަން ޖެހޭކަމުގައެވެ. ދަރިފުޅަށްވެސް އެންމެ ރަގަޅުވާނީ އެގޮތްކަމުގައެވެ. ދަރިފުޅުދެކެވެސް ސީމާއެކޭ އެއްވަރަށް އެއަންހެންމީހާ ލޯބިވާނެކަމުގައެވެ.
ސީމާ އެންމެފަހުން ބޭނުންވީ އެއަންހެންމީހާއަށް އާދޭސްކޮށްގެންވެސް އަންބެއްގެ ގޮތުގައި އިނުމަށެވެ. އެއީ ކާކުތޯ އެހުމުން ލިބުނު ޖަވާބުން ސީމާ އަށްވީގޮތްވެސް ނޭގުނެވެ. މުޅި ދުނިޔެވެސް ހުއްޓުނު ކަހަލައެވެ. ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައްވެސް ގަނޑުވިކަހަލައެވެ. ކެންސަރުބަލީގައި ފަރުވާއެއް ނުލިބި މަރުވިނަމައޭވެސް ހިތައްއަރަމުން ދިޔައެވެ. ފިރިމީހާ ކައިވެނިކުރަން ބޭނުންވެގެން މި އުޅެނީ ކާކާއިކަން އެގޭހެއްޔެވެ؟ އެއީ ސީމާގެ އެއްބަނޑުއެއްބަފާ ދައްތައެވެ. ސީމާ އިންޑިޔާގައި ވީ ދުވަސްތަކުގައި ދެމީހުންގެ ެމެދުގައި ގުޅުންތަކެއް އުފެދި އެގުޅުން ވަރުގަދަވެ ކައިވެންޏާއި ހިސާބަށް ދިޔައީއެވެ. ދައްތަގެ ގާތުގައި އެވާހަކަތައް ދެއްކުމުން ދައްތަވެސް ބޭނުންވަނީ ކައިވެނި ކުރަން ކަމުގައި ބުންޏެވެ. ތަދާއި ވޭން ލިބޭނީ އެންމެ ގާތް މީހުންގެ ފަރާތުން އެބުނާ ބުނުމަކީ ތެދެއް ނޫންހެއްޔެވެ؟ އެއްބަނޑުއެއްބަފާ ދައްތައަކު އެވަރުގެ ބޮޑު ކެއްސެއް ދީފާނެކަމަށް ހީކުރާނީވެސް ކާކުހެއްޔެވެ؟
މިހާރު ސީމާއަކީ އެކަނިވެރިމަޔެކެވެ. ވަޒީފާއަކަށް ގޮސް އަމިއްލަ ޚަރަދުތައް ބަލަހައްޓަމުންދާ ކެތްތެރި އަންހެނެކެވެ. އަލަތު ކައިވެނިން ލިބުނު ފިލާވަޅާއި އެކު އިތުރު ކައިވެންޏެއް ކުރުމަށް ހުރީ ޖެހިލުންވެފައެވެ. މިއަދު އިތުބާރު ކުރަންވީ ކާކަމަށްވެސް ހުރީ ނޭނގިފައެވެ. ސީމާއަށް އައު އުފާވެރި ހަޔާތެއް ލިބުމަކީ އަޅުގަނޑުގެ ދުޢާއެވެ.
ޅިޔަން ފަހަރިންގެ ގުޅުމަކީ މި ކުޑަކުޑަ މުޖުތަމަޢުގައި އައު ވާހަކައެއް ނޫނެވެ. ނަމަވެސް މިއީ ދިވެހިން ހޭލުންތެރިވާންވީ ކަމެކެވެ. ތިމާގެ ކޮއްކޮއަށް ނުވަތަ ބޭބެއަށް އެދެވެނީ ކިހާވަރެއްގެ އަނިޔާއެއްކަން ވިސްނާލާނަމައެވެ. އިސްލާމްދީންގައި ޅިޔަން ފަހަރިންގެ ގުޅުމަކީ ކިހާވަރަކަށް އޮންނަން ޖެހޭނެ އެއްޗެއްކަން އުނގެނި ދަސްކުރާށެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
(މިވާހަކަ ޝާއިޢުކޮށްފައިއެވަނީ ކިޔުންތެރިޔާ ލިޔުއްވައި ފޮނުއްވި ގޮތަށެވެ.)