މިވަގުތު ޤައުމު އޮތް ހާލަތުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް ހޮވަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ޢަބްދުއްރަޙީމް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ލ. އަތޮޅުގެ ރައްޔިތުންގެ ފަރާތުން މަރުޙަބާ ދެންނެވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ މިވަގުތު ޤައުމު އޮތް ހާލަތުން އަރައިގަތުމަށް ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ހޮވަންޖެހޭ ކަމަށާއި އަދި ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ހޮވުމުގެ މަސައްކަތް ޢަމަލީ ގޮތުން ރައްޔިތުން ފައްޓަވަންޖެހޭކަމަށެވެ.
"ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ހޮވަންވީ މުޅި ޤައުމުގެ ތަރައްޤީއަށްޓަކައި. މި ޤައުމުގެ އަމާންކަމަށްޓަކައި. މި ޤައުމުގެ މިނިވަންކަމަށްޓަކައި. ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލު ނެގެހެއްޓުމަށްޓަކައި. މުސްތަޤުބަލު އުޖާލާކުރުމަށްޓަކައި." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވަނީ މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތުމުގައި އެހީތެރިވިދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރުއަދާ ކުރައްވާފައެވެ.