މަޒާޖީ ގޮތަކަށް ކިޔުންޔތެރިޔާ ބުނެފައި އެވަނީ ހަމަ ވަރަށް ރަނގަޅު ވާހަކައެކެވެ. މިއީ އަންހެނަކަށް ޖެހުނަސް އަދި ފިރިހެނަކަށް ޖެހުނަސް ވަރަށް ނުރައްކައުތެރިކަން ބޮޑު ބައްޔެއްގެ ޥާހަކައެކެވެ. ހަމަ ބާރުމިނުގައި ފެތރެމުން އަންނަ ބައްޔެއްގެ ވާހަކައެވެ. ވާހަކަ ވިދާޅުވެ ބައްޔާއި ފަރުވާ ދަސްކުރައްވާށެވެ!
އަޅުގަނޑު ނިޞްބަތްވަނީ މާލެއަށެވެ. ފިރިމީހާ ނިޞްބަތްވަނީ އުތުރުގެރަށަކަށެވެ. ދެމީހުން ދިރިއުޅެމުން އައީ އަޅުގަނޑުގެ މައިންބަފައިންގެ ގެއިން ލިބިފައިވާ ފްލެޓެއްގައެވެ. ދެމީހުންގެ ކައިވެންޏަށް 7 އަހަރުވީއިރު 3 ދަރިން ވަނީ ލިބިފައެވެ.
ފިރިމީހާ މަޑުމަޑުން ބަދަލުވާން ފަށައިފިއެވެ. މަސައްކަތުން ނިމިގެން އައުން ލަސްވާން ފަށައިފިއެވެ. އަވަހަށް އާދެވޭ ރެއަކުވެސް ކޮންމެވެސް ބަހަނާއެއް ދައްކާފައި ބޭރަށްދާން ފަށައިފިއެވެ. ހަމައެއާއިއެކު ލިބޭ މުސާރައިން ގެއަށްކުރާ ޚަރަދުތައް މަދުވާން ފަށައިފިއެވެ.
މިހުރިހާ ކަންކަން އައިސް ވަށާޖެހުމުން ގޯހެއް އެބަހިނގާކަން ޔަޤީންކުރެވޭތީ ފިރިމީހާ އާއި ސުވާލުކުރުމުން ބުނަނީ އޭނާގެ ސިކުނޑިއަށް ނުބައި ބައްޔެއް ޖެހިފައިވާ ކަމަށެވެ. އެބައްޔަށް ބޭހެއްވެސް ނެތްކަމަށާއި އޮތް ފަރުވާއަކީ އުފާކުރުން ކަމަށެވެ. އެހެންވެ އެކުވެރިންނާއިއެކު ހޭދަކުރާ ވަގުތު ގިނަކުރެވެނީ ކަމަށެވެ.
ފިރިމީހާއަށް އެފަދަ ބޮޑު ބައްޔެއް ޖެހިފައިވުމުން ވަރަށް ދެރަވިއެވެ. އަދި ނުބައި ތުހުމަތުތަކެއް ކުރެވުނީތީ ވަރަށް ދެރަވެސްވިއެވެ. އެހެންވެ އަޅުގަނޑުގެ ބެސްޓް ފްރެންޑާއި އެވާހަކަ ޙިއްޞާކޮށްލުމުން އޭނާ ވަރަށް އިތުބާރުކުރާ ޑޮކްޓަރެއްގެ ވާހަކަ ބުނެފައި ބުނީ އެޑޮކްޓަރުގެ ލަފާ ހޯދުން ބުއްދިވެރިކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ ޚަރަދުތައްވެސް އެކުވެރިޔާ ކޮށްދޭނެ ކަމަށެވެ.
އެވާހަކަ ފިރިމީހާ އާއި ޙިއްޞާކުރުމުން އެ ޑޮކްޓަރަށް ދައްކަން ދާން އެއްބަހެއް ނުވިއެވެ. އަދި އޭނާ ދައްކާ ޑޮކްޓަރަށް އަޅުގަނޑާއިއެކު ގޮސް ދައްކަންވެސް އެއްބަހެއް ނުވިއެވެ. އެހިސާބުން އަނެއްކާވެސް ހިތުގައި އިތުރު ޝައްކުތަކެއް އުފެދުނެވެ. ޝައްކުތައް އިތުރުވިއެވެ.
ކަމުގެ ޙަޤީޤަތް ހޯދަން ކުރި މަސައްކަތުން އެނގުނީ ހަމަ ޙަޤީޤަތުގައިވެސް ފިރިމީހާގެ ސިކުނޑިއަށްވަނީ ޒިންމާދާރު ފިރިއެއްގެ ސިކުނޑިއަށް ޖެހޭނެ އެންމެ ނުރައްކައުތެރި ބަލި ޖެހިފައިކަމެވެ. އެބައްޔަކީ އަނބިމީހާ އަށާއި ދަރިންނަށް ކުރަންޖެހޭ ޚަރަދުކުރާނެ ފައިސާ ނުލިބޭއިރުވެސް ޒުވާންކުދިންނާއި ކައިވެނިކުރާހިތް ޖެހުމުގެ ބައްޔެވެ. އެބަލި ޖެހުނުލެއް ބޮޑުކަމުން 35 އަހަރުގެ ފިރިމީހާ ވަނީ 19 އަހަރުގެ ފުވައްމުލަކަށް ނިޞްބަތްވާ އަދި މަސްތުވާތަކެތިވެސް ބޭނުންކުރާ އަންހެން ކއްޖަކާއި ކައިވެނިވެސް ކުރެވިފައެވެ. ކުލި ދައްކާނެ ފައިސާ ނުލިބޭއިރުވެސް ވަނީ ދިރިއުޅެން ކޮޓަރިއެއް ކުއްޔަށްވެސް ހިފައިފައެވެ.
މިހާނުރައްކާތެރި، ޚާއްޞަކޮށް މަސްތުވާތަކެއްޗާއިވެސް ގުޅުންހުރި ނުރައްކައުކެރި ބައްޔެއް ޖެހިފައިވާ ފިރިއަކާއިއެކު ދިރިއުޅުމަކީ ކުރެވޭނެވަރުގެ ކަމަކަށް ނުވާތީ އަޅުގަނޑު އަވަސްއަވަހަށް ވަރިވީމެވެ. އަދި ގެއިން ފިރިމީހާ ނެރެލީމެވެ. އެއީ އެބަލީގެ އަސަރު އަޅުގަނޑުގެ ދަރިންނަށްކުރަން ބޭނުން ނުވާތީއެވެ.
ވަރިވެ އަހަރެއްހައި ދުވަހު އެކަނި އިނީމެވެ. ކައިވެނިކޮށްގެން އުޅުނުއިރު އެހީނުވި ނަމަވެސް ވަރިކުރުމުން ބޭބެމެންނާއި ކޮއްކޮމެން އަޅުގަނޑާއި އަޅުގަނޑުގެ 3 ދަރިންގެ ކަންކަން ބަލަހައްޓައިދިނެވެ. އެހެންވެ އަޅައިވެސްނުލާ ދަރިން ބެލުމާއި އަޅުކަމުގައި ވަގުތު ހޭދަކުރަމުން ދަނިކޮށް ދޮށީ ބޭބެގެ ރައްޓެއްސަކު ކައިވެނިކުރަން އެދުމުން އޭނާ އާއި ކައިވެނިކޮށްގެން ދިރިއުޅެމުން މިދަނީ ހަމަ އުފަލުގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް އުޚުތުންނަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުގެ ކުރީގެ ފިރިމީހާގެ ސިކުނޑިއަށް ޖެހުނު ނުރައްކައުތެރި ބަލި ޖެހޭ ފިރިން ދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. މިބަލިން ސަލާމަތްވެ ތިބެވެން އޮތީ އަނބިން ވަރަށް ބޮޑަށް ހޭލުންތެރިވެ ތިބެގެންނެވެ.
މިއީ ކެންސަރަށްވުރެވެސް ނުރައްކާތެރިކަން ބޮޑު ބައްޔެކެވެ. ފަރުވާއަކީ ހަމަ ކެންސަރު ޖެހުމުން ތިމާގެ ކިތަންމެ ލޯބިވާ ގުނަވަންވެސް ކަނޑާލަން ޖެހިއްޖެނަމަ އަވަހަށް ކަނޑައިލާ ފަދައިން ހަމައެއުޞޫލުން މިބަލިޖެހޭ ފިރިންގެ ކިބައިން ސަލާމަތްވުމެވެ.
- ޝަރޫ / މިއަދުނޫހުގެ ކިޔުންތެރިއެއް