ޢިބްރަތްތެރި ވާހަކަ: ދަރަނި އަދާކުރަން ކުޑަ އަންހެން ދަރިންފުޅު ވިއްކާލި ބައްޕައެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ
ޢިބްރަތްތެރި ވާހަކަ: ދަރަނި އަދާކުރަން ކުޑަ އަންހެން ދަރިންފުޅު ވިއްކާލި ބައްޕައެއްގެ ވާހަކަ-

ދަރިންނަކީ ﷲ ތަޢާލާ ޙަވާލުކުރައްވަވާ އަމާނާތެކެވެ. ރައްކައުތެރިވެއްޖެނަމަ ނަރަކައިން ސަލާމަތްކޮށްދޭ އައްޑަނައެއް ކަމުގައިވެސް ވަނީ ލައްވަވައިފައެވެ. ހަމައެއާއިއެކު ދަރިންގެ ބޭނުން ނަހަމަގޮތުގައި ހިފުމަކީ ބޮޑުފާފައެކެވެ. އެހެންކަމާއިއެކުވެސް އެފަދަ މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ.  

މިވާހަކަ ޙިއްޞާކުރި ކިޔުންތެރިޔާވެސް ބުނެފައިވަނީ މިބާވަތުގެ ކަންކަން އަޅުގަނޑުމެންގެ ތެރޭގައިވެސް އެކިސިފަސިފައިގައި އެކި މިންވަރަށް ހިނގަމުންދާ ކަމަށެވެ. ވީމާ މިއީ ވެސް ހަމަ ހޭލުންތެރިކަން އިތުރުކުރަންޖެހިފައި އޮތް ކަމެކެވެ. ވާހަކަ ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އަޅުގަނޑުގެ މައިންބަފައިންނަށް ލިބިފައިވަނީ އަޅުގަނޑުގެ ކޮއްކޮ އާއި އަޅުގަނޑެވެ. އަޅުގަނޑުގެ ކޮއްކޮގެ އުމުރަކީ 8 އަހަރެވެ. އަޅުގަނޑުގެ އުމުރަނީ 16 އަހަރެވެ.  

ބައްޕައަކީ މަސައްކަތްކުރަން ބޭނުންވާ މީހެއް ނޫނެވެ. ފައިސާ ހޯދާ ގޮތެއް އެއްވެސް މީހަކަށް ނުއެނގެއެވެ. ކޮންމެވެސް ގޮތަކުން ފައިސާ ހޯދައިގެން އަޅުގަނޑުމެންނަށް ކާންބޯންދެއެވެ. ބައްޕަގެ ކަންކަމަށް ކެތްނުކުރެވިގެން މަންމަ އަޅުގަނޑުމެން ދޫކޮށްލާފައި ގެއިން ނުކުމެގެން ދިއަ ހިސާބުން އަޅުގަނޑު ބަދަލުވީ ގޭގެ ނޯކަރަށެވެ.  

ކައްކާނެ އެއްޗެތި ގޭގައި ނުހުންނައިރުވެސް މީރުކޮށް ނުކައްކާތީ ޝަކުވާކުރެއެވެ. އަޅުގަނޑުގެ ލޮލުގައި މަންމަގެ ލޮލާއި ވައްތަރުގޮތެއް ހުންނާތީ އަޅުގަނޑުގެ މޫނު ދެކެން ބޭނުންނުވާކަމަށްބުނެ އެއްޗެތި ގޮވައެވެ. އަޅުގަނޑާއި ކޮއްކޮގެ ސްކޫލް ޚަރަދުތައްވެސް ކޮށްދެނީ ހިތަށް އެރި ފަހަރަކުއެވެ. 

އެއްދުވަހަކު ކޮއްކޮ ސްކޫލަށްދާން އަރާ ބޫޓު ހަލާކުވެގެން ބޫޓެއް ގަނެދޭން ބުނީމާ ބުނީ އެއީ ބައްޕައާ ބެހޭ ކަމެއް ނޫންކަމަށެވެ. އަހަރު ފެށުނުއިރު ބޯޓެއް ގަނެދިނިން ކަމަށާއި ހަލާކުވުމަކީ ބައްޕަގެ މައްސަލައެއް ނޫން ކަމަށެވެ.  

އެހިސާބުން އަޅުގަނޑު ކިޔެވުން ހުއްޓާލީމެވެ. އަދި އަވަށްޓެރިއަކަށް ނޯކިރީކޮށްދީގެން ލިބޭ ފައިސާކޮޅުން ކޮއްކޮގެ ސްކޫލް ޚަރަދުތައް ބަލަހައްޓަންފެށީމެވެ. ބޭނުންވީ އަޅުގަނޑަށް ނުކިޔެވުނު ނަމަވެސް ކޮއްކޮއަށް ކިޔަވައިދޭން މަސައްކަތްކުރާށެވެ.  

އެއްރެއެއްގެ 10 ޖަހާ އެހާކަންހާއިރެވެ. ފެނުނީ ފޮށްޓަކަށް އެއްޗެތި އަޅައިގެން ބައްޕަ ގެއިން ނުކުންނަން އުޅޭތަނެވެ. ދަނީ ކޮންތަނަކަށްތޯ ސުވާލުކުރުމުން ބުނީ ވަޒީފާއެއް ލިބިގެންދަނީ ކަމަށާއި ދުވަސްކޮޅެއް ފަހުން އެނބުރި އަންނާނެ ކަމަށެވެ. އަދި އެދުވަސްކޮޅުގައި އަހަރެމެންގެ ކަންކަން ބައްޕަގެ ރައްޓެއްސަކު ބަލަހައްޓައިދޭނެ ކަމަށެވެ.  

ހަމަ އެރޭ ދަންވަރު 12 ޖަހަނިކޮށް ގޭގެ ރަނގަބީލްޖަހަން ފެށުމުން ދޮރުހުޅުވިއިރު ހުރީ ފެނުމުންވެސް ބިރުގަންނަ ފާޑުގެ ސިފަތަކެއް ޖަހާ ފިރިހެނެކެވެ. އޭނާ ބުނީ އޭނާގެ އަތުން ބައްޕަވަނީ ދަރަންޏަށް ވަރަށްގިނަ ފައިސާތަކެއް ނަގާފައިކަމަށާއި އެހެންވެ އެފައިސާގެ ބަދަލުގައި ގޭގައި ދުވސަކޮޅެއްވަންދެން މަޑުކޮށްލަން އައީ ކަމަށެވެ. އެދުވަސްތަކުގައި އެފައިސާގެ އަގު އަދާކުރަންޖެހޭނީ އަޅުގަނޑަށް ކަމަށެވެ. އަދި އަޅުގަނޑު އެކަމަށް އިންކާރުކޮށްފިނަމަ ކޮއްކޮގެ ބޭނުންކުރާނެ ކަމަށެވެ. ފުލުހުންނަށް އަންގައިފިނަމަ ދެބައިންގެ ދުވަސް ދުއްވާލާނެ ކަމުގެ އިންޒާރުވެސް ދިނެވެ.  

ސޯފާގައި އިށީނދެފައި އަޅުގަނޑަށް އަމުރުކުރީ ނިދަން ތައްޔާރުވުމަށެވެ. ލިބުނު ފުރުޞަތުގައި ކޮޓަރިއަށްވަދެ ކޮއްކޮ ހޭލައްވައި ކޮއްކޮ ގޮވައިގެން ވަލުފަރާތުން ނުކުމެގެން ފިލީއެވެ. ދެބެއިން ހިނގަމުން ދަނިކޮށް ފުލުހުންގެ ކާރެއް މަޑުކޮށް ސުވާލުކުރުމުން ކަންކަން ވެގެންއުޅޭގޮތް ކިޔައިދިނުމުން ދެބެއިން ފުލުހުންގެ މަރުކަޒަށް ގެންދިއައެވެ.  

މަރުކަޒުން ބަޔާން ނެގީ ވަރަށް ރަނގަޅު އަންހެނެކެވެ. ބަޔާން ނަގާފައިބުނީ މައްސަލަ ވަކިގޮތަކަށް ނިމެންދެން އޭނާގެ ގޭގައި އޭނާގެ ހިމާޔަތުގައި 2 ބެއިން ބައިތިއްބާނެކަމަށެވެ. ފުލުހުން އެމީހާ އާއި ބައްޕަވެސް ހޯދިއެވެ. ދެމީހުން ހައްޔަރުވެސް ކުރިއެވެ. ކޯޓުން 2 މީހުންގެ މައްޗަށް 20 އަހަރުގެ ޖަލުޙުކުމެއް އިއްވިއެވެ. އަދި ކޮއްކޮގެ އުމުރުން 18 އަހަރުވަންދެން ބައްޕަގެ ގޭގައި ދެބެއިންނަށް ތިބެވޭނެކަމަށްވެސް ކަނޑައެޅިއެވެ.  

އެހިސާބުން އަނެއްކާވެސް އެކަނިވެރިކަމާއިއެކު ދެބެއިން ގޭގައި އުޅެންފެށީއެވެ. 18 އަހަރު ނުފުރުނަމަވެސް ޙާލަތުގެ މައްޗަށް ބަލައި ކައިވެނިކުރުމުގެ ހުއްދަ ދިނުމުން 16 އަހަރުގައި އަޅުގަނޑު ކައިވެނިކުރީއެވެ. އޭނާގެ އުމުރަކީ 23 އަހަރެވެ. އެނާވީ ވަރަށް ރަނގަޅު ފިރިއަކަށެވެ. އަޅުގަނޑުގެ އިތުރުން ކޮއްކޮއަށްޓަކައި ބައްޕަގެ މަޤާމްވެސް އަދާކޮށްދިނެވެ. ކޮއްކޮ ކިޔެވުމުގެ ހުރިހާ ކަންކަން ކޮށްދިނެވެ. އަދި އަޅުގަނޑަށްވެސް ކިޔަވައިދިނެވެ. 

"އަހަރެންނަށް ލިބޭ ދަރިންގެ މަންމައަކީ ތައުލީމީ އަންހެނަކަށްވާންޖެހޭނެ" ކަމަށް އަބަދުވެސް އައީ ބުނަމުންނެވެ.  

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަކޮޅު ހިއްޞާމިކުރީ މިފަދައިން މެދުވެރިވި 3 ކުއްޖެއްގެ ކަންކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގިފައިވާތީއެވެ. އެ 3 ބައްޕައިންވެސް ދަރިންނާއިމެދު ކަންކަންކުރީ ހަމަ މިފަދަ ގޮތަކަށެވެ. އެ 3 ކުދިން އެޙާލަތުން ސަލާމަތްކުރުމުގައި އިސްދައުރެއް އަދާކުރީ އަޅުގަނޑުގެ ފިރިމީހާއެވެ. ވީމާ މިއީ ހަމަ އަޅުގަނޑުމެންގެ މުޖުތަމަޢުގައިވެސް އޮތް މައްސަލައެކެވެ.  

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އަމިއްލަ ދަރިން ވިއްކައިގެން ދިރިއުޅުމަކީ ކޮންފަދަ ބޮޑު ފާފައެއްކަން ހިތަށްވެސް ނާރަނީއެވެ.  

- ސިތާރާ ނަޢީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން