ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ބްލެކްމޭލްކޮށް ހަށިވިއްކުވައިގެން ނާޖާއިޒު ފައިދާ ނަގަން އުޅުނު ފިރިމީހާގެ ކިބައިން ވިސްނުން މާސްމާޓް އަނބިމީހާ ސަލާމަތްވި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 23ސ
ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ބްލެކްމޭލްކޮށް ހަށިވިއްކުވައިގެން ނާޖާއިޒު ފައިދާ ނަގަން އުޅުނު ފިރިމީހާގެ ކިބައިން ވިސްނުން މާސްމާޓް އަނބިމީހާ ސަލާމަތްވި ގޮތުގެ ވާހަކަ-

ބުލީކުރުމާ ބްލެކްމާލްކުރުން މިއީ މިހާރު ހިންގާ އެންމެ ބޮޑެތި ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ޖަރީމާތަކެވެ. މިފަދަ ޖަރީމާތަކުން ސަލާމަތްވެ ތިބެވެން އޮތީ ވަރަށް ބޮޑަށް ހިތްވަރުކޮށްގެންނެވެ. އެންމެ މުހިންމު އެއްކަމަކީ އެމީހަކު ސީދާގޮތުގައި ޘާބިތުވެހުރުމެވެ.  

އަންހެނުން ބްލެކްމޭލްކޮށް ނާޖާއިޒު ފައިދާ ނެގުމާއި ބެހޭގޮތުން މިއަދުނޫހުގެ "ޙަޤީޤީ ޙާދިސާ" ސިލްސިލާގައި ލިޔެފައި އޮތް ލިޔުމެއް ކިޔާފައި އަޅުގަނޑަށް ކުރިމަތިވި ކަންކަން މިކިޔައިދެނީ ހަމަ ކިޔުންތެރިންނަށް ޢިބްރަތަކަށެވެ.  

އަޅުގަނޑަކީ މާރީތި އަންހެނަކުކަމަށް ބުނަނީއެއް ނޫނެވެ. އެހެނަސް ބައްދަލުވާ ވަރށް ގިނަ ފިރިހެނުން އަޅުގަނޑަށް ސަމާލުކަން ދެއެވެ. އެކަން އެނގިހުރެމެ އެއީ މާބޮޑު ކަމަކަށް ނުހަދަމެވެ. ސަބަބަކީ ފިރިހެނުންނަކީ އެމީހުންގެ ބޭނުން ޙާޞިލުކުރުމަށްޓަކައި ރީތި ނޫން އަންހެނުންނަކީވެސް ރީތި އަންހެނުން ކަމަށް ބުނެ ތަޢްރީފްކުރާ ބައެކެވެ.  

ކޮންމެއަކަސް އަޅުގަނޑާއިއެކު އޮފީހުގައި މަސައްކަތްކުރާ ޒުވާނަކާއި ލޯބީގެ ގޮތުން ގުޅުނީމެވެ. ކައިވެނިވެސް ކުރީމެވެ. ދިރިއުޅެމުން އައީ އަޅުގަނޑުގެ ފްލެޓެއްގައެވެ. ކައިވެންޏަށް 4 މަސްވީތަނާ ބުނީ އޭނާގެ ދަރަންޏެއް އެބައޮތް ކަމަށާއި ދަރަނި ފިލުވައިލަން އަޅުގަނޑުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެގޮތުން އޭނާގެ ރައްޓެއްސަކާއެކު ކޮފީއަކަށް ގޮސްދީފިނަމަ އޭނާ އެދަރަނި އަދާކޮށްދީފާނެ ކަމަށެވެ.  

ހަމައެކަނި ކޮފީއަކަށް ގޮސްލައިގެން އެހައި ގިނަ ފައިސާ ނުދޭނެ ކަމަށާއި އަޅުގަނޑަށް ހަށިވިއްކަން މަޖުބޫރު ނުކުރަން ބުނީމެވެ. އެހެން ބުނުމުން އެއީ އެ ނިޔަތުގައި ބުނި އެއްޗެއް ނޫންކަމަށާއި އެވާހަކަ ހަނދާން ނައްތާލަން ބުންޏެވެ. ނަމަވެސް އެއިގެ މަހެއްހައި ދުވަސްފަހުން ފެށީ ދައްކާށެވެ. އަޅުގަނޑަށް ސިއްރުން އަޅުގަނޑުގެ ފޮޓޯތަކެއް ނަގާފައި ބުނީ އޭނާ ބުނާ ކަމެއް ނުކުރާނަމަ ފޮޓޯތައް ސޯޝަލް މީޑިއާއަށް ލާނެ ކަމަށެވެ. އެހެން ބުނުމުން ދެކޮޅު ނުހަދައި އަޅުގަނޑު ބުނީ ވިސްނާނެ ކަމަށެވެ.   

އަނެއް ދުވަހު ފޯނުން މެސެޖްކޮށްގެން އޭނާގެ ވިސްނުން އެހެން މީހަކަށް ސާބިތުކޮށްދެވޭވަރަށް ވާހަކަދެއްކީމެވެ. އަދި އަޅުގަނޑުގެ އެކުވެރި އަންހެން ކުއްޖަކާއި މަޝްވަރާކުރީމެވެ. އޭނާ ބުނީ އެބާވަތުގެ މީހުން މައިތިރިކުރަން އޭނާގެ ފިރިމީހާ ވަރަށް މޮޅުވާނެ ކަމަށާއި އެރޭ ދެމަފިރިން އެކުގައި ގެއަށް އަންނާނެ ކަމަށެވެ.  

އެކުވެރިޔާ ފިރިމީހާ ގޮވައިގެން އެރޭ ގެއަށް އައުމުން 4 މީހުން އެކުގައި ކައިނިމިގެން ސިޓިންގރޫމްގައި ތިބެފައި އަޅުގަނޑުގެ ފިރިމީހާ އޭނާގެ ފޯނު މޭޒުމަތީގައި ބޭއްވި ވަގުތު އޭނާގެ ފިރިމީހާ ފޯނު ނަގައިފިއެވެ. އަދި ބުނީ ފޯނު ނުދޭނެކަމަށާއި ލޮކް ހަލާކުކޮށްލައިގެން އޭގައި ހުރި ހުރިހާ އެއްޗެއް ބެލުމަށްފަހު ޙަވާލުކުރާނީ ފުލުހުންނާއި ކަމަށެވެ. އަދި މިހާރުން މިހާރަށް އަޅުގަނޑު ވަރިކޮށްފައި ގެއިން ނުކުތުމަށާއި ނުނުކުމެއްޖެނަމަ ވާނެ ގޮތް ފެންނާނެ ކަމަށެވެ.  

ފޯނުދިނުމުން ވަރިކުރާނެ ކަމަށް ބުނުމުން ބުނީ ފުރަތަމަ ކަމަކަށް ވަރިކުރުމަށެވެ. ވަރިކުރުމުން އެއްޗަކުން ތަޅާ ފޯނު ފުނޑުފުނޑުކޮށްލާފައި ބުނީ ކަލޭ ނަގައިގެން ތިއަ އުޅޭ އެއްވެސް ފޮޓޯއެއް އެއްވެސް ތަނަކުން ފެނިއްޖެނަމަ އަދި އަޅުގަނޑަށް އެއްވެސް އުނދަގުލެއް ކޮށްފިނަމަ ފުލުހުންނާއި އޭނާ ޙަވާލުކުރާނީ ފޯނަށް ހަދާލިގޮތް އޭނާއަށް ހަދާލާފައި ކަމަށެވެ. އެހިސާބުން ފިރިމީހާ ގެއިން ނުކުމެގެން ދިއައީއެވެ. އަނެއް ދުވަހު އޮފީހަކަށްވެސް ނުދެއެވެ. ވީތަނެއް ނުއެނގި ގެއްލުނު ގޮތަށް މިއަދާއި ހަމައަށްވެސް ޚަބަރެއް ނުވެއެވެ.  

އެކަންތައްތަކަށްފަހު މީހަކާ އިންނަންވެސް ބިރުން ހުއްޓާ އަޅުގަނޑުގެ އެކުވެރި ދެމަފިރިން ދެއްކި މީހަކާއި ކައިވެނިކޮށްގެން މިހާރު ވަނީ 3 ކުދިންވެސް ލިބިފައެވެ. ދިރިއުޅެމުން މިދަނީ ހަމަ އުފަލުގައެވެ.  

ފަށަމުން ބުނި ފަދައިން މިއީ އަޅުގަނޑަށް ކަންކަން ދިމާވިގޮތެވެ. އަންހެނުން މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ހޭލުންތެރިވާން އެބަޖެހެއެވެ. އަޅުގަނޑުފަދައިން ބްލެކްމޭލްކުރަން އުޅުނު ދެ އެކުވެރިއަކު މިހާރުވެސް ވާނީ ސަލާމަތްކޮށްދީފައެވެ. މިއީ އެކުވެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ. އަޅަންޖެހޭ ހަރުދަނާ ފިޔަވަޅު ފުރަތަމަ މަރުހަލާގައި ނޭޅިއްޖެނަމަ މުޅި އުމުރަށް ވަރަށް ބޮޑު މައްސަލައަކަށްވެގެންދާ ކަމެކެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ މިވާހަކަކޮޅުން ފައިދާއެއް ކޮށްފިނަމަ އަޅުގަނޑުގެ މަޤްޞަދު ޙާޞިލްވީއެވެ. ފިރިންނަށް ކިޔަމަންތެރިވާން އޮތީ ﷲ އަށް އުރެދުމެއް ނުވާ ކަންކަމުގައެވެ. އަނބިން ވިއްކާ ދައްޔޫސުންނަށް މަރުގެ އަދަބުދޭ ޤައުމުތައް މިހާރުވެސް އެބަހުއްޓެވެ.  

- ޝެހެނާޒް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން