އެމްއައިބީ އާއެކު، ބޯހިޔާވަހިކަން ކަށަވަރުކުރުމަަށް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ލޯން ދޫކުރުމަށް އިތުރު ފަސޭހައަކަށް ވެގެންދާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވެއްޖެއެވެ.
ހިޔާވެހި ފައިނޭންސިން ފަހުމުނާމާގައި މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ބޭންކާއެކު، ބޯހިޔާވަހިކަން ކަށަވަރުކުރުމަަށް ކުޑަ އިންޓްރެސްޓެއްގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ލޯން ދޫކުރުމަށް އިތުރު ފަސޭހައަކަށް ވެގެންދާނެކަމަށެވެ. އަދި މިފަދަ ސްކީމެއްގެ ދަށުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް އިން، ބައިވެރިވާކަމާމެދު އުފާކުރައްވާ ކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއައިބީގެ ސީއީއޯ މުފައްޒަލް އިދްރީސް ކުމްރީ ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ މިފަދަ ބޮޑު ޚިދުމަތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔުމަކީ ފަޚުރުވެރިވާކަމެއް ކަމަށާއި، ރައްޔިތުންނަށް ފަސޭހައިން މި ލޯނުތައް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.
5 އިންސައްތައަށްވުރެ ކުޑަ އިންޓްރެސްޓެއްގައި ދިގު މުއްދަތަކުން ދައްކާ ޚަލާސްކުރެވޭނެ ފަދަ ލޯނެއް ތަޢާރަފްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.