ލޯބިވާ ބައިވެރިޔާ ތިމާ ދޫކޮށްލާފައި ދިއުމުން ލިބޭ މާޔޫސްކަމާއި އަންނަ ރުޅީގައި، ތިމާމެންނަށް ލިބިފައި ތިބޭ ދަރިންނަށް ނިކަމެތި ގޮތްގޮތް ހަދާ މައިންބަފައިން ކުރާ ކަންކަމުގެ ސަބަބުން ހިތުގައި ޖެހި ދަރިން ކިޔައިދޭ ވާހަކަތަކުގެ ތެރެއިން މިއީވެސް އަސަރުގަދަ ވާހަކައެކެވެ. އެގޮތަށް ކަންތައްކުރާ މައިންބަފައިންނަށް ޢިބްރަތްތެރި ފިލާވަޅެކެވެ. އިން ޝާ ﷲ
އަޅުގަނޑުގެ މަންމައަށް ލިބިފައިވަނީ 3 އަންހެންދަރިންނާއި ފިރިހެން ދަރިއެކެވެ. އެންމެ ދޮށީ އަޅުގަނޑެވެ. އަޅުގަނޑުގެ ބައްޕައާއި މަންމައަށް ލިބުނީ އަޅުގަނޑު އެކަންޏެވެ. އަޅުގަނޑު ފިޔަވައި ދެން ތިބި 3 ދަރިންނަކީ މަންމަގެ ދެވަނަ ފިރިމީހާގެ ދަރިންނެވެ. ކުޑައިރު ބައްޕަ މަންމަ ވަރިކޮށްލާފައި ދިއުމުން އަޅުގަނޑު ގެންގުޅުނީ މަންމައެވެ.
އަޅުގަނޑުގެ ބައްޕަ ދެކެ މަންމަ ވަރަށް ބޮޑަށް ލޯބިވެއެވެ. ބައްޕަ މަންމަ ވަރިކޮށްލާފައި ދިއުމުން އެކަމުގެ ރުޅި އަބަދުވެސް މަންމަ ބާލަނީ އަޅުގަނޑަށެވެ. އެކަން އަޅުގަނޑަށް ވިސްނެންފެށީންސުރެ އަޅުގަނޑު އުޅުނީ ވަރަށް ބޮޑަށް ސަމާލުކަންދީގެންނެވެ. މަންމަ ބުނާ ހުރިހާ ގޮތަކަށް ކަންކަން ކުރަމެވެ. ކިޔަވަން އިންތިހާއަށް މަސައްކަތްކުރަމެވެ. އަޅުގަނޑުގެ ކުށެއް ފެނުނަ ނުދޭން އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތްކުރަމެވެ.
އެވަރުންވެސް މަންމަގެ ކިބައިން ރަނގަޅު ބަހެއްގެ އަޑެއް ނުއިވެއެވެ. ކިޔާނެ އެއްޗެއް ނުއޮންނާތީ ބައެއް ފަހަރު އަޅުގަނޑުގެ ސިފަ ހުތުރުކަމަށް ބުނެ ދެރަކޮށްލައެވެ. އެހެންކުދިންގެ ކުރިމަތީގައި އަޅުގަނޑުގެ އަގު ވައްޓާލައެވެ. އެވަރުންވެސް ދުވަހަކުވެސް މަންމަގެ ކުރިމަތީގައި ބަހެއް ނުބުނަމެވެ. ދެރަވެ ރޯތަނެއްވެސް ނުދައްކަމެވެ. އެއީ ރޯކަން އެނގިއްޖެނަމަ މަންމައަށް އިތުރަށް ހިތްވަރުލިބި އިތުރަށް ހިތުގައި ޖައްސާނެކަމަށް ޤަބޫލުކުރެވޭތީއެވެ. އަދި އެހުރިހާ ކަމަކާއިއެކުވެސް މަންމައަށް ހިތްބަރެއްވެސް ނުކުރަމެވެ. އެއީ މަންމައަށް އަޅުގަނޑާއިމެދު އެގޮތަށް ކަންކަން ކުރެވެނީ ކީއްވެގެންކަން އެނގޭތީއެވެ.
ކޮންމެއަކަސް ކައިވެނިކުރެވޭނެ އުމުރަށް އެޅުމުން ކައިވެނިކޮށްގެން ގެއިން ނުކުތީމެވެ. މަންމައާއި ދުރަށް ދިއުމުގެ ބޭނުމުގައެވެ. ނަމަވެސް މަންމަ އާއި ބައްދަލުކުރަމެވެ. ޙާލުބަލަމެވެ. ބައެއް ދުވަސްދުވަހު މަންމަ ގާތުގައި ހުރެ މަސައްކަތްވެސް ކޮށްދެމެވެ.
އަޅުގަނޑަށް 3 ދަރިންވެސް ލިބުނު ފަހުން އެއްދުވަހު ގޭގެ ރަނގަބީލުޖެހުމުން ދޮރުހުޅުވިއިރު ހުރީ މަންމައެވެ. ހުރީ ލަގެޖްފޮށްޓެއްވެސް ހިފައިގެންނެވެ. މަންމައަށް އަޅުގަނޑު ފެނުމާއިއެކު ރޮވިއްޖެއެވެ. އަޅުގަނޑަށް މަންމަގެ ގައިގަ ލޯބިން އޮޅުލައިގަނެވުނެވެ. އަވަސް އަވަހަށް ގެއަށް ވެއްދީމެވެ.
ކުޑަކޮށް ހަމަޖެހިލެވުމުން މަންމަ ބުނީ ދޮންބައްޕަ މަންމަ ވަރިކޮށްލާފައި ގެއިން ނެރެލީ ކަމަށެވެ. އަދި އެކަމަށް މަންމަގެ 3 ދަރިންވެސް ތިބީ ރުހިގެން ކަމަށެވެ. އަޅުގަނޑު ބުނީމެވެ. "މަންމާއެވެ. ކަންބޮޑުނުވާށެވެ! އަޅުގަނޑު އިންނަ ތަނެއްގައި މަންމައަށް އަބަދުވެސް އިނދެވޭނެއެވެ. އަޅުގަނޑުގެ ފިރިމީހާވެސް ރުހޭނެއެވެ. ޚަރަދުވެސް ކުރާނެއެވެ."
މަންމައަށް ގަދަ ހުމެއް ޖެހިފައި ނިޔާވީ އަޅުގަނޑު ގާތުގައި އިންނަތާ 10 އަހަރު ފުރުނު ފަހުންނެވެ. ދުވަހަކުވެސް މަންމަގެ 3 ދަރިންކުރެ ދަރިއަކު އައިސް މަންމަގެ ޙާލު ބަލައެއް ނުލައެވެ. މަންމަ ފޯނުކުރިޔަސް ވާހަކަވެސް ނުދައްކައެވެ. ނިޔާވި ދުވަހު ނޫނީ އަޅުގަނޑުވެސް ކޮއްކޮމެން ނުދެކެމެވެ.
މިއަދުނޫހުގެ ކިޔުންތެރިންނާއި އަޅުގަނޑު މިވާހަކަކޮޅު ހިއްޞާކޮށްމިލީ އެންމެ ބޭނުމަކުއެވެ. ޚާއްޞަކޮށް މައިންގާތު ބުނެލަން ބޭނުންވަނީ ބައްޕަ ވަރިކުރުމުން އެކަމުގެ ރުޅިވެރިކަން ދަރިންނަށް ނުބާލާށެވެ! މުސްކުޅިވާދުވަހު ނުވަތަ ކަމެއް ދިމާވުމުން ބަލާނީ ކޮންދަރިއެއްކަމެއް ނުއެނގޭނެއެވެ. ދަރިން ހަމަ މިމޭރުމުން ކޮށްފައިވާ އިލްތިމާސްތައް "ޙަޤީޤީ ޙާދިސާ" ސިލްސިލާގެ އެހެން ބައެއް ލިޔުންތަކުންވެސް ކީމެވެ. އަޅުގަނޑަށް ދިމާވިގޮތް ހާމަކުރަން ހިތްވަރުލިބުނީވެސް އެލިޔުންތަކުންނެވެ.
ލޮބުވެތި މައިންނޭވެ! އަޅުގަނޑު ފަދައިން ހިތުގައި ފޮތިއަޅައިގެން ކަންކަން ކޮށްދޭނެ ދަރިން މިއަދު ވަރަށް މަދުވާނެއެވެ. އަޅުގަނޑަށްވެސް އެ ހިތްވަރު ލިބުނީ ކުޑައިރު ކިޔަން ލިބުނު ވާހަކަފޮތްތަކުންނެވެ. މިބާވަތުގެ ވަރަށް ގިނަ ވާހަކަތައް އަޅުގަނޑުކީމެވެ. އެއިން ކޮންމެ ވާހަކައަކީވެސް ލިބުނު އަގުހުރި ފިލާވަޅެކެވެ.
- ސަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް