ފަލަސްޠީނަށް އެހީވުމަށް ބާއްވާ "ފަލަސްޠީނާއެކު ދިވެހީން" ޚާއްޞަ ޓެލެތޯން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
ފަލަސްޠީނަށް އެހީވުމަށް ބާއްވާ "ފަލަސްޠީނާއެކު ދިވެހީން" ޚާއްޞަ ޓެލެތޯން ފަށައިފި

ފަލަސްޠީނަށް އެހީވުމަށް ބާއްވާ "ފަލަސްޠީނާއެކު ދިވެހީން" ޚާއްޞަ ޓެލެތޯން ޕީއެސްއެމް އިން ފަށައިފިއެވެ.

މި ޓެލެތޯން ފައްޓަވައިދެއްވީވެސް ރައީސް ޑރ.މުއިއްޒު އެވެ. މި ޓެލެތޯން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން މިރޭ 12:00 އަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު، ޕަބްލިކް ސަރވިސް މީޑިއާއިން އިސްވެއޮވެ، ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، ފަލަސްޠީނަށް އެހީވުމަށް ބާއްވާ 'ފަލަސްޠީނާއެކު ދިވެހީން' ޚާއްޞަ ޓެލެތޯނުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންގޮސް، މިހަރަކާތުން ލިބޭ ފައިސާ އޭގެ ހައްގުވެރިންނާ ހަމައަށް ފޯރާކަން ޔަޤީންކުރުމަށް މިނިވަން އޮޑިޓަރެއް ވަނީ ހަމަޖައްސަވާފައެވެ. މި ޓެލެތޯނުގައި މާލެ ސިޓީގެ އެކި ސަރަހައްދުގައި 13 ފަންޑު ފޮށިވަނީ ބަހައްޓާފައެވެ.

މީގެ އިތުރުން މި ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް އޮންލައިންކޮށް ފަސޭހަކަމާއެކު ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް 2 އެކައުންޓެއްވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް "އަންރުވާ" އަކީ އދ މަޖިލީހުން 1948 ވަނަ އަހަރު ފާސްކުރި ޤަރާރަކުން ވުޖޫދަށް ގެނައި ފަންޑެކެވެ. މި ފަންޑަށް ދިވެހި ސަރުކާރުން މީގެކުރީން ދިޔައީ ކޮންމެ އަހަރަކު 5000 ޑޮލަރުގެ އެހީއެއް ވެދެމުންނެވެ. އެހެންނަމަވެސް މި އެހީ ދިހަ ގުނައަށް އިތުރުކުރުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ނިންމަވައި، މީގެ ފަހުން ކޮންމެ އަހަރަކު 50 ހާސް ޑޮލަރު ދިވެހި ސަރުކާރުން މި ފަންޑަށް ޖަމާކުރަމުން ދާނޭކަމަށް މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ވަނީ އިޢުލާނުކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސަޖިދާ މުހައްމަދާއި، ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ރައްްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

 

މިއަދު އޮންލައިން