ޢިބްރަތްތެރި ވާހަކަ: ކައިވެނި ނުކުރެވެނީސް ނިޔާވި ތަޤްވާވެރި ލޯބިވެރިޔާ ބުނަންދެން ކައިވެނިނުކޮށް ލޯބިވެރިޔާގެ ހަނދާނުގަ ކެތްތެރިވި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ޢިބްރަތްތެރި ވާހަކަ: ކައިވެނި ނުކުރެވެނީސް ނިޔާވި ތަޤްވާވެރި ލޯބިވެރިޔާ ބުނަންދެން ކައިވެނިނުކޮށް ލޯބިވެރިޔާގެ ހަނދާނުގަ ކެތްތެރިވި އަންހެނެއްގެ ވާހަކަ-

ތިރީގައިވާ ވާހަކައަކީ ލޯބިވުމުގެ ނަމުގައި ނަޖިސް ޢަމަލުތަކުން ތަތްތެޅޭ އެންމެންނަށް ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ. އެނގިގެންދަނީ ސާފުޠޯހިރު ލޯތްބަކީ ކޮބައިކަމެވެ. އެފަދަ ލޯބީގެ އަގުބޮޑުކަމެވެ. މީހާ މަރުވެ ވަޅުލެވުނަސް ސާފުޠޯހިރު ލޯބި މަރުނުވެ ދިރިހުންނަ ކަމެވެ. ދިރިހުރި ލޯބިވެރިޔާއާއިއެކު މުޅި ޢުމުރަށް ދެމިހުންނަ ކަމެވެ. ވާހަކަވިދާޅުވެ ޢިބްރަތް ޙާޞިލުކުރައްވާށެވެ! 

އަޅުގަނޑާއި އަޙްމަދު އެކަކު އަނެކަކު ލޯބިވާންފެށީ އުމުރުން 16 އަހަރުގައެވެ. ފަޚުރުވެރިކަމާއިއެކު ބުނަން ޖެހިލުމެއް ނުވެއެވެ. އެއީ ވަރަށް ޠޯހިރު ލޯތްބެކެވެ. 5 އަހަރު ފަހުން ކައިވެނިކުރަން ނިންމި އިރުވެސް ދެމީހުންކުރެ މީހަކު އަނެކާގެގައިގައި ބީހިލާފައިވެސް ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ ހަޑިމުޑުދާރު ވާހަކައެއްވެސް ދައްކާފައެއް ނުވާނެއެވެ. 

އަޙްމަދަކީ ކުޑައިރުންސުރެ ވަރަށް ތަޤްވާވެރި ޒުވާނެކެވެ. އަޅުގަނޑާއި ބައްދަލުވިއިރުވެސް ހުސްވަގުތެއް ލިބިއްޖެ ނަމަ އުޅޭނީ ދީނީ ކަމެއްގައެވެ. ރީތި ފޮޓޯއަކަށް ނަޞޭޙަތުގެ ބަސްކޮޅެއްލައި ސޯޝަލް މީޑިއާއަށް ލެވޭތޯ ބެލުމަކީ ކޮންމެ ދުވަހަކުވެސް އަޙްމަދު ކުރަން ބޭނުންވާ ކަމެކެވެ. ދެމީހުން އެކުގައި ތިބެފައިވެސް ނަމާދު ވަޤުތު ކައިރިވުމުން މިސްކިތަށްދާނެއެވެ. 

ކައިވެނިކުރަން ނިންމީ ދެމީހުންނަށްވެސް ވަޒީފާ ލިބި އެކަނި އުޅެވޭނެކަމުގެ ޔަޤީންކަން ލިބުމުންނެވެ. ކޮންމެއަކަސް ކައިވެނިކުރާ ދުވަސް ދާދިގާތްވެފައިވަނިކޮށް ލިބުނީ ޙަޔާތުގައި ލިބުނު އެންމެ ހިތާމަވެރި ޚަބަރެވެ. އެއީ ކުއްލި ގޮތަކަށް އަޙްމަދު ނިޔާވި ޚަބަރެވެ. ފަތިސްނަމާދުން އައިސް އޮށޯވެލާފައި އޮފީހަށް ދާން ނުހޭލެވުމުން ބެލިއިރު އޮތީ ނިޔާވެފައެވެ. 

އެކަމުން ލިބުނު ހިތާމަ ބޮޑުކަމުން އަރައިގަންނަން ވަރަށް އުނދަގޫވިއެވެ. ކައިވެނިކުރަން ފިރިހެނުން އެދުނު ނަމަވެސް ވާހަކަދައްކަންވެސް ބޭނުމެއް ނުވިއެވެ. ރޭގަނޑު ހަމަނިންޖެއް ނުލިބެއެވެ. ނިދިޖެހިލާއިރަށް ދަނީ ސިއްސަސިއްސައިގެންނެވެ. 

މިފަދަ ޙާލެއްގައި އުޅޭތާ އަހަރުވެސް ވީފަހުން އެއް ރޭ ހުވަފެނުގައި އަޙްމަދާއި ބައްދަލުވިއެވެ. "އަހަރެން ދެކެ ކިތަންމެ ވަރަކަށް ލީބިވީނަމަވެސް އުމުރު އަހަރެންގެ ހަނދާނުގައި ދުއްވައިނުލާށެވެ. އަހަރެން ތިބާ އާއިމެދު ކަންތައްކުރި ގޮތަށް ކަންތައްކުރާނެ ހެޔޮލަފާ މީހަކު ކައިވެންޏަށް އެދިއްޖެނަމަ ކައިވެނިކުރާށެވެ! ސުވަރުގެއިން ދެމީހުން ބައްދަލުވުމަށް އެދޭށެވެ. އަދި އެކަމަށް އެދިގެން މަސައްކަތްވެސް ކުރާށެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާ ކަންކަން ނިންމަވާނެ ގޮތް ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ޔަޤީންކަމަކީ ސުވަރުގެ ވައްދަވާ އަޅަކަށް އެއްވެސް ކަމެއްގައި މާޔޫސްވާން ނުޖެހޭނެ ކަމެވެ." 

އެހިސާބަށް ބުނެފައި އަޅުގަނޑުގެ ގައިގާ ބައްދާލަން އުޅުނުހެންވެސް ހީވިއެވެ. ނަމަވެސް ކުއްލިއަކަށް ހޭލެވިއްޖެއެވެ. ހޭލެވުމާއިއެކު ވުޟޫކޮށްގެން ދަމުނަމާދުކުރީމެވެ. އަޙްމަދުގެ ފުރާނައަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާކުރީމެވެ. އަދި އަޅުގަނޑަށްވެސް ހެޔޮލަފާ ފިރިއަކު ދެއްވެވުން އެދި ދުޢާކުރީމެވެ.

އެއީ އެ ހުވަފެނަށް 40 ވަނަ ދުވަހެވެ. ހަމަ އަޙްމަދު ފަދަ ހެޔޮލަފާ މީހަކު އަޅުގަނޑާއި ކައިވެނިކުރަން އެދުމުން އެކަން ޤަބޫލުކޮށް ކައިވެނިކުރީމެވެ.  އެއިގެފަހުން މިހާރު 12 އަހަރުވީއެވެ. އަދިވެސް މިގެންދަނީ ކޮންމެ ރެއެއްގެ ދަމުނަމާދަށްފަހުގައިވެސް އަޙްމަދުގެ ފުރާނައަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދިގެން ދުޢާކުރަމުންނެވެ. ދެހަށިގަނޑު ވަކިވެ ދެ ޢާލަމެއްގައިވީނަމަވެސް އަޅުގަނޑުގެ ހިތުގައި އަޙްމަދަށް އޮތް ލޯތްބަށް އެއްވެސް ބަދަލެއް ނައުދެއެވެ. 

އެކަން ފިރިމީހާއަށް ސިއްރެއްވެސް ނުކުރަމެވެ. ހުރިހާ ވާހަކަތަކެއް އޮންނާނީ ކިޔައިދީފައެވެ. އޭނާވެސް އެކަންކަމަށް އިޙްތިރާމްކުރެއެވެ. އަޙްމަދު ދުނިޔޭގައި ނެތުމުން ނަމަވެސް އެއްވެސް ޝަކުވާއެއްވެސް ނުކުރެއެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ލޯތްބާއި ލޯބިވުމަކީ ޚިޔާލީ ކަމެއްކަމަށް ބުނާ ބުނުމަކީ ޙަޤީޤަތެއް ނޫންކަމަށެވެ. ޖަވާހިރުގެ އަގުވަޒަން ނުކުރެވޭތީ އެކައިލާ ބައަކުވެސް އުޅޭނެއެވެ. އެއިގެ މާނައަކީ ޖަވާހިރުގައި އަގުނެތުމެއް ނޫނެވެ. އޭނާގެ ޖާހިލުކަން ބޮޑުކަމެވެ.  

- މަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން