އެސްޓީއޯއަށް 2023 ވަނަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 818 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ތަފާސް ހިސާބުތައް ދައްކައިފިއެެވެ.
މާލީ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު އެސްޓީއޯގެ އާމްދަނީ ދަށްވި ނަމަވެސް، އެކުންފުންޏަށް ލިބުނު ފައިދާ ވަނީ 90 މިލިއަން ރުފިޔާ އިތުރުވެފައެވެ. އަދި ލިބުނު ސާފު ފައިދާ 818 މިލިއަން ރުފިޔާއަށް އަރައެވެ. އާމްދަނީ ދަށްވި ނަމަވެސް، ކުންފުނީގެ ފައިދާ ބޮޑުވީ، އެކުންފުނީގެ ހަރަދުތައް ކުޑަވެފައިވާތީއެވެ.
މިދިޔަ އަހަރު އެސްޓީއޯ ގްރޫޕްގެ ވިޔަފާރިތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ކަން ކުންފުނީގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.
އެސްޓީއޯގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެމްއެސްއެސްގެ އާމްދަނީ ވަނީ 22 ޕަސެންޓަށް ކުރިއަށް ޖެހިފަ އެވެ. އެކުންފުންޏަށް މިދިޔަ އަހަރު 376 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެ އެވެ. އޭގެ ކުރިން އަހަރު އެ ކުންފުނީގެ އާމްދަނީ ހުރީ 308 މިލިއަން ރުފިޔާގަ އެވެ.
އެސްޓީއޯގެ ސަބްސިޑަރީތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދީ އިންޝުއަރެންސް ކުންފުނި އެލައިޑުންނެވެ. އެ ކުންފުނީގެ އާމްދަނީ ވަނީ 19 ޕަސެންޓަށް އިތުރުވެފަ އެވެ.