ބިދޭސީން ރަށްރަށުގައި މަސައްކަތްކުރަށް އެރަށަކުން އިތުރު ޕާމިޓެއް ދޭގޮތަށް ހަދަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ބިދޭސީން ރަށްރަށުގައި މަސައްކަތްކުރަށް އެރަށަކުން އިތުރު ޕާމިޓެއް ދޭގޮތަށް ހަދަނީ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މަސައްކަތްކުރަށް ކޮންމެރަށަކުން އިތުރު ޕާމިޓެއް ދޭގޮތަށް ހަދާނެކަމަށް ހޯމް މިނިސްޓަރ އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން އިޙްސާން ވިދާޅުވީ "އަޅުގަނޑުމެން އެބަ މެންޑޭޓްކުރަން، އަޅުގަނޑުމެން ވޯކް ޕާމިޓެއް ރާއްޖޭގައި މަސައްކަތްކުރަން ދިނަކަސް އަދި އޭގެ އިތުރު ޕާމިޓެއް، އެ ރަށަކުން އިޝޫ ކުރަން ޖެހޭނެއޭ އޭނަ އެ ރަށެއްގައި މަސައްކަތް ކުރުމަށްޓަކާ. އޭރުން ދަފްތަރު ބެލެހެއްޓޭނީ،" ކަމަށެވެ.

އިޙްސާން ވިދާޅުވީ ޤާނޫނުގެ ދަށުން ކައުންސިލްތަކުން އެ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު ބަލަހައްޓަން ޖެހުނުނަމަވެސް އެފަދަ ނިޒާމެއް މިހާރު ނެތްކަމަށެވެ. މިހާރު ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމަށްފަހު އެ ސިސްޓަމްގެ އެކްސެސް ކައުންސިލްތަކަށްދީ މައުލޫމާތު އަދާހަމަކުރުމުގެ ފުރުސަތު ދޭނެކަމަށްވެސް އިޙްސާން ވިދާޅުވިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 3 އަހަރު ދުވަހުގެ ތެރޭގައި ޙައްލުކުރުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށްޓަވާފައެވެ. އެގޮތުން، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް މިދިޔަ މަހު، "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއްވެސް ވަނީ ފަށްޓަވާފައެވެ.

މިއަދު އޮންލައިން