ކައުންސިލްތަކުގެ ދަރަޖަ 4އިން 3 އަށް ޕޭ ކޮމިޝަނުން މަތިކޮށްފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ލޯކަލް ގަވަރުމަންޓު އޮތޯރިޓީ، އެލްޖީއޭއިން ކުރިއަށްގެންދާ ފަނޯއްލަ ދަރުބާރުގައިވެސް ކައުންސިލްތަކުން އެންމެ ބޮޑަށް ހުށައަޅަމުންދާ އެއް ކަމަކީ ކައުންސިލްތަކުގެ ދަރަޖަ އޭރު އޮތް ގޮތުގެ ކަންބޮޑުވުންކަމަށެވެ.
މިއީ މުހިންމު މަސައްކަތެއްކަމަށްދެކި، އެ ވުޒާރާއިން ޕޭ ކޮމިޝަނަށް އެކަން ހުށައެޅުމުން މިހާރު ކައުންސިލްތަކުގެ ދަރަޖަ 4އިން 3 އަށް ބަދަލުކުރައްވާފައިވާކަމަށާއި އެކަން ޕޭ ކޮމިޝަނުގެ ސިޓީއަކުން ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއަށް މިހާރު އަންގާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ދަރަޖަ ބަދަލުވުމާއެކު، ޕޭ ކޮމިޝަނުން ގެންނަން ކަނޑައަޅާ ބަދަލުތައް ސަރުކާރުކާރަށް ހުށައެޅުމަށް ދަނީ ތައްޔާރުވަމުން. ޢީދު ހަފްތާ ނިމުނީމަ ވުޒާރާއިން ޕޭ ކޮމިޝަނާ ބައްދަލުކޮށް، އެބޭފުޅުން ސަރުކާރަށް ހުށައަޅާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރާނަން. ކައުންސިލްތަކަށް ކުރިއެރުންތައް ލިބޭނެކަން ކަށަވަރުކުރާނަން." ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.