ބުރިޖުގެ މެއިންޓަނަންސް މަސައްކަތަށް ދިވެހިން ތަމްރީންކުރުމުގެ މަސައްކަތް ކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ބުރިޖުގެ މެއިންޓަނަންސް މަސައްކަތަށް ދިވެހިން ތަމްރީންކުރުމުގެ މަސައްކަތް ކުރަނީ

ބުރިޖުގެ މެއިންޓަނަންސް މަސައްކަތަށް ދިވެހިން ތަމްރީންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއްޖެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ ބުރިޖު މެއިންޓަނަންސް މަސައްކަތުގައި ހިމެނޭ ޓެކްނިކަލް މަސައްކަތްތައް ކުރުމަށް ޗައިނާއިން ޚާއްސަ ޓީމެއް އަންނަ އޮގަސްޓު މަހު ރާއްޖެ އަންނާނެ ކަމަށާއި އެ ޓީމުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު މެއިންޓަނަންސް މަސައްކަތަށް ދިވެހިން ތަމްރީންކުރުމުގެ މަސައްކަތް ކުރާނެކަމަށެވެ.

ބްރިޖުގެ މެއިންޓަނަނަސް މަސައްކަތްކުރުމަށް ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ، ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިންއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މެއިންޓަނަންސް މަސައްކަތަށް ދިވެހިން ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިދާއިރާއިން ދިވެހިން ތަމްރީންކުރުމާ ގުޅޭގޮތުން ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މީގެ ކުރިން ވިދާޅުވެފައިވަނީ ބުރިޖު މެއިންޓަނަންސްގެ މަސައްކަތަށް ދިވެހިން ތަމްރީންކުރުމަށް ޚާއްސަ އިސްކަމެއްދެއްވާނެ ކަމަށާއި އަދި ސިނަމާލެ ބުރިޖުގެ އިތުރުން އިތުރު ބުރިޖުތައް އެޅުމުގެ މަސައްކަތްތައް ރާއްޖޭގައި ކުރަމުންދާތީ މެއިންޓަނަންސް މަސައްކަތްކުރަން އެނގޭ ފަންނީ ދިވެހިން ތިބުމަކީ މުހިންމުކަމެއްކަމަށެވެ.

ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތަށް ގާތްގަނޑަކަށް 3.6 މިލިއަން ޑޮލަރު ޚަރަދުވެއެވެ. މި މަސައްކަތްކުރަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ހިލޭ އެހީގެ ދަށުންނެވެ.

މިއަދު އޮންލައިން